Roadha Mihaaru
ވެމްކޯގެ ކުރީގެ އެމްޑީގެ ދައުވާ ބޭރުކޮށްލީ ރަނގަޅަށް

ވެމްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާ ބާތިލުކުރީ ރަނގަޅަށް: ހައި ކޯޓު

23 ޖެނުއަރީ 2023

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ތުހުމަތުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުއަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ތުހުމަތުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުއަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.

ޝިފާއުގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ ކުރީ، ވެމްކޯއަށް 2017 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، އިމަޖެންސީކޮށް ޑަމްޕް ޓްރަކެއް ގަންނަން ޝިފާއުއާ ވިޔަފާރީގެ ގުޅުން އޮންނަ މީހެއްގެ، ކިއުބެކް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދި މައްސަލައިގަ އެވެ. ވެމްކޯއަށް އެ ޓްރަކް ގަތީ އެއީ ބާ ޓްރަކެއްކަން އެނގި ހުރެ ބާޒާރުގައި ލިބޭ އަގަށް ވުރެ ބޮޑުކޮށް ކަމަށް އޭނާގެ މައްޗަށް ކުރި ދައުވާގައިވެ އެވެ.

އެ މައްސަލައިގައި މިދިޔަ ޑިސެމްބަރު 11 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އޭނާގެ މައްޗަށް ކުރި ދައުވާއަކީ މައުޟޫއީ ގޮތުން ކުރިއަށްގެންދެވޭނެ ދައުވާއެއް ނޫން ކަމަށެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ކޮޮރަޕްޝަން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާކޮށްފައިވާތީ އެވެ. އެ ކޯޓަށް ފެނުނު ގޮތުގައި އެ މައްސަލައިގައި ދައުވާކުރަން ޖެހެނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާގެ (ށ) ގައި އޮންނަނީ އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، އެ ގާނޫނުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ގާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާ ނަމަ، އެ ހާލަތުގައި އިސްކަންދޭނީ ގާނޫނުލްއުގޫބާތަށް ކަމަށެވެ.

އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގައި ހާއްސަ ގާނޫނުތަކެއް ބަޔާންކޮށް އެއިން ގާނޫނެއްގައިވާ ކުށަކާ ގާނޫނުލްއުގޫބާތުގައިވާ ކުށަކާ ފުށުއަރާ ނަމަ އިސްކަން ދޭން ޖެހޭނީ ހާއްސަ ގާނޫނަށް ކަމަށް ވެ އެވެ. އެކަމަކު، ހާއްސަ ގާނޫނެއް ނޫން ނަމަ އިސްކަން ދޭން ޖެހޭނީ ގާނޫނުލްއުގޫބާތަށެވެ.

ދައުލަތުން ހައި ކޯޓުގައި ބުނި ގޮތުގައި ކޮރަޕްޝަން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރީ ގާނޫނުލްއުގޫބާތުގައި ދައުލަތުގެ މުވައްޒަފުންގެ މާނައިގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ނުހިމެނޭތީ އެވެ. އަދި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ކުށުގައި ހިމެނޭ ގޮތަށް ދައުވާ ކުރެވޭނީ ކޮރަޕްޝަން މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ބުންޏެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ނިންމެވީ، ހާއްސަ ގާނޫނަށް އަމަލު ކުރުމުގެ އުސޫލު މި މައްސަލައަށް ނުފެތޭނެ ކަމަށެވެ. އަދި ދައުވާކުރަން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށްވާއިރު، ދައުލަތުން ދައުވާކޮށްފައި ވަނީ ގާނޫނުގައި އިސްކަން ދިނުމަށް ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ކަމަށް އޭނާގެ ނިންމެވުމުގައިވެ އެވެ. އަދި އިސްކަން ދޭންޖެހޭ ގާނޫނުގެ ދަށުން ޝިފާއުގެ މައްޗަށް ތުހުމަތު ކުރެވޭ އަމަލަކީ ކުށެއް ނޫންކަން ފާހަގަކުރި އެވެ.

ދައުލަތުން ޝިފާއުގެ މައްޗަށް ކުރި ދައުވާގައި ވަނީ، ވެމްކޯއިން އިމަޖެންސީކޮށް 350 ކިލޯގެ އާ ޑަމްޕް ޓްރަކެއް ގަތުމަށްޓަކައި އެމަޖެންސީ ރިކުއެސްޓް ފޯމު އޭނާ އެޕްރޫވްކުރުމަށް ފަހު، އެކަމަށް ހޯދާފައި ވަނީ 2016 ވަނަ އަހަރު 230،000ރ. އަށް، އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ގަނެ ބޭނުންކޮށްފައި އޮތް ޑައިހެޓްސޫ ބްރޭންޑްގެ 350 ކިލޯގެ ޓްރަކެއް ކަމަށެވެ.

އެއީ ބޭނުންކޮށްފައިވާ އެއްޗެއްކަން އެނގި ހުރެ، ޝިފާއުއާ ވިޔަފާރީގެ ގޮތުން ގުޅުން އޮންނަ ފަަރާތެއްގެ މަސްލަހަތު ހިމެނޭ ކުންފުންޏެއް ކަމަށްވާ ކިއުބެކް އިންވެސްޓްމެންޓަށް އެ ޓްރަކް ގަތުމަށް ވެމްކޯއިން 402،800ރ. ދޫކޮށްފައިވާ ކަމަށް ދައުވާގައިވެ އެވެ. އެއީ ބާޒާރުގައި ޑައިހެޓްސޫ ބްރޭންޑްގެ 350ކިލޯގެ އާ ޑަމްޕް ޓްރަކް ވިއްކާ އަގަށްވުރެ ވެސް އަގުބޮޑު އަދަދެއް ކަމަށް ދައުވާގައިވެ އެވެ.

އެ ފައިސާ ކިއުބެކްއަށް ދޫކުރަން ވެމްކޯއިން އެޕްރޫވްކުރީ ވެސް ޝިފާއު ކަމަށް ވެ އެވެ. އޭސީސީގެ ތަހުގީގުން ދެއްކި ގޮތުގައި ވެމްކޯ އާއި ކިއުބެކްއާ ދެމެދު އެއްބަސްވުން ހަދާފައި ވަނީ އާ ޓްރަކެއް ގަތުމަށް ކަމަށް ބުނެ އެވެ. އޭސީސީން ބުނި ގޮތުގައި ވެމްކޯ އިން ކިއުބެކް އިންވެސްޓްމެންޓާ ހަވާލުކޮށްގެން ޑަމްޕްޓްރަކް ގަތްއިރު ވެސް އެ ޑަމްޕްޓްރަކްގެ ރަޖިސްޓްރީ އޮތީ ޝިފާއުގެ ހިއްސާ އޮތް ކުންފުންޏެއްގައި ކަމަށެވެ.