Roadha Mihaaru

ފައިސަލްއަށް މަނީ ލޯންޑަރިން ތުހުމަތު ކުރަނީ އަނބިކަނބަލުން ހުކުމެއް ކުރެއްވި ދުވަހު ވަކީލަކު ފައިސާ ފޮނުވުމުން

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލް އަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރަނީ އޭނާގެ އަނބިކަނބަލުން، ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒްފާ އަބްދުލްޣަފޫރު ހުކުމެއް ކުރެއްވި ދުވަހު އެ މައްސަލައިގައި ހިމެނޭ މީހެއްގެ ގާނޫނީ ވަކީލް ފައިސަލް އަށް ފައިސާ ޓްރާންސްފާކޮށް އަދި އެ ފައިސާއިން ބައެއް އަޒްފާއަށް ޓްރާންސްފާކޮށްފައިވާތީކަން އެނގިއްޖެ އެވެ.

އަނބިކަނބަލުންގެ ހުކުމާ އެކު ފައިސަލްއަށް ފައިސާތަކެއް
ނާޒިމް ހަސަން
ނާޒިމް ހަސަން

30 ނޮވެމްބަރ 2025

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލް އަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރަނީ އޭނާގެ އަނބިކަނބަލުން، ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒްފާ އަބްދުލްޣަފޫރު ހުކުމެއް ކުރެއްވި ދުވަހު އެ މައްސަލައިގައި ހިމެނޭ މީހެއްގެ ގާނޫނީ ވަކީލް ފައިސަލް އަށް ފައިސާ ޓްރާންސްފާކޮށް އަދި އެ ފައިސާއިން ބައެއް އަޒްފާއަށް ޓްރާންސްފާކޮށްފައިވާތީކަން އެނގިއްޖެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ ކޮރަޕްޝަން އަދި މަނީ ލޯންޑްރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށާފައިވަނިކޮށެވެ.

އޭސީސީގައި އޮތް މައްސަލައިގެ ތަފުސީލް އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވެދެއްވި ގޮތުގައި ސިވިލް ކޯޓުގައި ގާޒީ އަޒްފާ ނިންމެވި އެ މައްސަލައަކީ ސިޔާސީ ބޭފުޅެއްގެ ކޮއްކޮއެއްގެ އެޕާޓްމަންޓެއް އެހެން މީހަކަށް ވިއްކުމާ ގުޅޭ މައްސަލައެކެވެ.

ސާބިތު ދަރަނީގެ އެތައް މައްސަލައެއް އޮތް އެ މީހާގެ އެޕާޓްމަންޓް ވިޔަފާރިވެރިއަކަށް ވިއްކައި މުއާމަލާތް ނިންމީ އޭނާގެ ފަރާތުން ފައިސާ ލިބެންޖެހޭ އެތައް ބަޔަކު ތިއްބާ ހަމައެކަނި އެ އެޕާޓްމަންޓުގެ އަގުން ބޭންކަށް ދައްކަންޖެހޭ ބައި ދައްކާ ގޮތަށެވެ.

މި މުއާމަލާތާ ގުޅޭ އިންޓެލެޖިންސް ރިޕޯޓާ އެކު އޭސީސީ އަށް މައްސަލަ ހުށަހެޅީ ފުލުހުންގެ ފަރާތުން ކަމަށް އެނގިފައިވެ އެވެ.

ގާޒީ އަޒްފާގެ އެ ނިންމެވުމާ ގުޅޭ މައްސަލަ މިހާރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލަ ކޮމިޝަނުން ބަލަމުންދާއިރު ގާޒީ އޮފީހަށް ނުކުމެވަޑައިނުގަންނަވާތާ ހަފްތާއެއްހާ ދުވަސް ވެއްޖެ ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ގާޒީ އަޒްފާ ބެއްލެވި މައްސަލައަކާ ގުޅޭ ކަންކަމުގެ އިތުރުން އޭނާ އާއި ފިރިކަލުން ފައިސަލް މީގެ ދުވަސްކޮޅެއް ކުރިން މަހެއްހާ ދުވަހަށް ޔޫރަޕަށް ކުރެއްވި ދަތުރަކާ ގުޅޭ ގޮތުން ވެސް ސުވާލު އުފެދޭ ކަންތައްތަކެއް ވަނީ ފާހަގަވެފަ އެވެ. "މިހާރު" އަށް މައުލޫމާތު ހިއްސާކުރެއްވި ބޭފުޅަކު ވިދާޅުވީ ދެމަފިރިން ޔޫރަޕްގެ އެތައް ސިޓީއަކަށް ވަޑައިގެންނެވި އެ ދަތުރުގެ ޓިކެޓް ނެގި ގޮތެއް އަދި ދަތުރުގެ ހަރަދުތައް ހަމަޖެއްސި ގޮތެއް ފެންނަން ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު އަޒްފާ އަބްދުލްޣަފޫރު މަގާމުގެ ހުވާކުރައްވަނީ. -- ފޮޓޯ: މިހާރު

ސިވިލް ކޯޓުގެ ފަނޑިޔާރު އަޒްފާ އަބްދުލްޣަފޫރު މަގާމުގެ ހުވާކުރައްވަނީ. -- ފޮޓޯ: މިހާރު

"ބޭންކް ސްޓޭޓްމަންޓަކުން ވެސް ފެންނާކަށް ނެތް. ކްރެޑިޓް ކާޑުން ފައިސާ ދެއްކި ކަމެއް ފެންނާކަށް ނެތް. މިދިޔަ އަހަރު ވެސް ދެމެފިރިން އެކީގައި ރާއްޖެއިން ބޭރަށް 14 ދަތުރުކޮށްފައި އެބަ އޮތް. މިއިން އެއްވެސް ދަތުރެއްގައި ޑިޖިޓަލް ފުޓްޕްރިންޓް ފެންނާކަށް ނެތް،" އޭނާ ވިދާޅުވެދެއްވި އެވެ.

ފައިސަލްއާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީން ވެސް އަންނަނީ ބަލަމުންނެވެ.

ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވިއިރު، ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް އޭނާ އައްޔަން ކުރަން މިދިޔަ އޭޕްރީލް މަހު ޖޭއެސްސީން ފާސްކުރި އެވެ. ނަމަވެސް، އެ ނިންމުމަށް އެެތައް މަހެއްވީއިރު ވެސް ރަސްމީކޮށް އޭނާއާ މަގާމު ހަވާލެއް ނުކުރެ އެވެ.

އެކަމަކު، ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވުމަށް ފަހު އެ މަގާމުން ވެސް މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާގެ އިސްތިއުފާއާ އެކު ހައި ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކުރީ އެ ކޯޓަށް އެންމެ ފަހުން އައްޔަންކުރި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ފައިސަލް އައްޔަން ކުރެއްވީ ޖުލައި، 2018 ގަ އެވެ. އޭގެކުރިން އޭނާ ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޭއެސްސީގައި އިންނަވާ ރައީސްގެ މެމްބަރު ކަމުގެ މަގާމުގަ އެވެ. އަދި ޖޭއެސްސީގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ. ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނަވާ ހައި ކޯޓުގެ ފަނޑިޔާރަކަށް ވަޑައިގެންނެވުމުން އޭރު ފައިސަލަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.