Roadha Mihaaru

ހެލްތުން ދިން ފައިސާއަށް މުދާ ނުދިނުމުން 13 މިލިއަން ރުފިޔާ ދައްކަން އެފްޓެކްގެ މައްޗަށް ހުކުމްކޮށްފި

މެޑިކަލް އަދި ލެބޯޓަރީ ކޮންސިއުމަބަލްސް ހޯދަން 2010 ވަނަ އަހަރު ހެލްތު މިނިސްޓްރީން އެފްޓެކް ސޮލިއުޝަން ކުންފުންޏާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ނިންމައި އެ ކުންފުނިން ހެލްތު މިނިސްޓްރީއަށް 13.1 މިލިއަން ރުފިޔާ ދިނުމަށް އަންގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެފްޓެކުން ހެލްތަށް 13 މިލިއަން ރުފިޔާ ދޭން ޖެހިއްޖެ
ނަޖާހް މަސްއޫދު
ނަޖާހް މަސްއޫދު

25 ޖެނުއަރީ 2023

މެޑިކަލް އަދި ލެބޯޓަރީ ކޮންސިއުމަބަލްސް ހޯދަން 2010 ވަނަ އަހަރު ހެލްތު މިނިސްޓްރީން އެފްޓެކް ސޮލިއުޝަން ކުންފުންޏާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ނިންމައި އެ ކުންފުނިން ހެލްތު މިނިސްޓްރީއަށް 13.1 މިލިއަން ރުފިޔާ ދިނުމަށް އަންގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މެޑިކަލް އަދި ލެބޯޓަރީ ކޮންސިއުމަބަލްސް ހޯދަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސެޕްޓޭމްބަރު 7، 2010 ގައި އޭރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ އާއި އެފްޓެކް ސޮލިއުޝަންް އާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން، އެ ކުންފުންޏަށް ސަރުކާރުން ދޫކުރި 12،784،849ރ. އަށްވާ މުދާ ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެ އެވެ.

އެކަމަކު، އެ އެއްބަސްވުމުގެ އަގަށް އެ ކުންފުނިން ފޯރުކޮށްދިނުމަށް އެއްބަސްވި މުދަލުގެ ތެރެއިން 11،852،555ރ. ގެ މުދާ ލިބިފައި ނުވާތީ ހެލްތު މިނިސްޓްރީން އޮގަސްޓް 1، 2019 ގައި އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އެ ފައިސާ އާއި ލިކިއުޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 1،276،484ރ. ހޯދުމަށެވެ.

އެ މައްސަލައިގައި އެފްޓެކްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، އެއްބަސްވުމުގެ ޖުމްލަ އަގު ކަމަށްވާ 12،784،849ރ. އެފްޓެކަށް ޖަމާކުރިކަން އެ ކުންފުނީގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓުތަކުން އެނގޭ ކަމަށެވެ.

އެ އެއްބަސްވުމުގައި އެ ކުންފުނިން ފޯރުކޮށްދިނުމަށް އެއްބަސްވި މުދަލުގެ ތެރެއިން ފޯރުކޮށްދީފައި ވަނީ 932،294ރ. އަށް ވާ މުދާކަން އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ. އަދި 11،852،555ރ.ގެ މުދާ ދީފައި ނުވާއިރު އެ ފައިސާ އަކީ އަނބުރާ ދޭން ޖެހޭ ފައިސާ ކަމަށް ހުކުމުގައިވެ އެވެ.

އޭގެ އިތުރުން، ދެ ފަރާތުގެ ދެމެދުގައި ހެދި އެއްބަސްވުމުގައި، މުދާ ފޯރުކޮށްނުދީފި ނަމަ ލިކިއުޑޭޓެޑް ޑެމޭޖު ނަގާނެ ކަމަށް ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި 1،276،484ރ. އެފްޓެކްއިން ދޭން ޖެހޭ ކަމަށް ކަނޑައެޅި އެވެ.

އެހެންވެ، އެފްޓެކުން ޖުމްލަ 13،131،040ރ. ދައުލަތަށް ދައްކަން ޖެހޭ ކަމަށް ކޯޓުން ހުކުމް ކުރި އެވެ. އެ ފައިސާ 15 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ހުކުމުގައި އަންގާފައިވެ އެވެ.

އެފްޓެކްގެ ޣައިރު ހާޒިރުގައި ކުރި ހުކުމުގައިވާ ގޮތުން، އެ ކުންފުނީގެ އެޑްރެހުގައި މިހާރު އެ ކުންފުނީގެ އޮފީހެއް ނެތުމުން ޖަވާބުދާރީވުމަށް އަންގައި ފޮނުވި އަމުރުތައް ރައްދެއް ނުކުރެވެ އެވެ. އަދި ޖަވާބުދާރީވާނެ ފަރާތެއް ނެތް ނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށްގެންދާނެ ކަމަށް ކޯޓުން އާންމުކޮށް ކުރި އިއުލާނަށް ފަހު ވެސް ކުންފުނިން ޖަވާބުދީފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރިކަން ސާބިތުކޮށްދިނުމަކީ އެފްޓެކްގެ ޒިންމާއެއްކަން ފާހަގަކޮށް ހުކުމުގައި ބުނީ، އެ ކުންފުނިން ޖަވާބުދާރީވެ އެކަން ސާބިތުކޮށްދިނުމާ ހަމައަށް ޝަރީއަތުގެ ކުރިމަތީގައި ބެލެވޭނީ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ކަމަށެވެ.