Roadha Mihaaru

ސެންޓަ އެންޓަޕްރައިސަސް އަށް ދެ މިލިއަން ޑޮލަރު ދޭންޖެހޭ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އަށް ދެ މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

ދައުލަތުން ދެ މިލިއަން ޑޮލަރު ދޭން ހައިކޯޓުގެ ހުކުމެއް
ނާޒިމް ހަސަން
ނާޒިމް ހަސަން

12 ފެބުރުއަރީ 2025

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އަށް ދެ މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް މުދަލުގެ އަގަށްވާ ދެ މިލިއަން ޑޮލަރު އަދި ފައިސާ ނުދެއްކުމުގެ ސަބަބުން އެރި ޖޫރިމަނާގެ ގޮތުގައި ތިން މިލިއަން ޑޮލަރު ހޯދަން ސިވިލް ކޯޓުގައި ދައުވާކުރި އެވެ.

ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ މެޑިކަލް ސާވިސަސް އަށް ބޭނުންވި މުދާ އެއްބަސްވި އަގުގައި ސެންޓަ އެންޓަޕްރައިސަސް އިން ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އޭގެ އަގު ދައްކާފައިވާ ކަން އެނގެން ނެތް ކަމަށެވެ.

އެހެންވެ، މުދަލުގެ އަގަށްވާ ދެ މިލިއަން ޑޮލަރު ދައްކަން ހުކުމް ކޮށްފައިވެ އެވެ. އެކަމަކު، ޖޫރިމަނާގެ ގޮތުގައި ހޯދަން އެދިފައިވާ އަދަދު ނަގައިދީފައެއް ނުވެ އެވެ.

ދައުލަތުގެ ފަރާތުން މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ކުރި ހުކުމްގައި ބުނީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. މިގޮތަށް ކަނޑައަޅާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

ސެންޓަ އެންޓަޕްރައިސަސް އަށް 32 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން އެހެން ހުކުމެއް ވެސް ކޮށްފައިވެ އެވެ.

މި ހުކުމް ކުރީ ސެންޓަ އެންޓަޕްރައިސަސް އިން ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ނުލިބިގެން ސިވިލް ކޯޓުގައި ދައުވާކުރުމުންނެވެ.

މި މައްސަލާގައި މުދަލަށްވާ ފައިސާ ނުދެއްކުމުގެ ސަބަބުން އިންވޮއިސް އަށް އަރާ ޖޫރިމަނާގެ ގޮތުގައި 51 މިލިއަން ރުފިޔާ ހޯދަން ވެސް ސެންޓަ އެންޓަޕްރައިސަސް އިން ދައުވާގައި އެދުނެވެ. ނަމަވެސް، އެއްބަސްވުމުގައި ފައިސާ ނުދައްކައިފި ނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ އެ ޖޫރިމަނާ ކޯޓުން ނަގައިދީފައެއް ނުވެ އެވެ.

އެކަމަކު، އިންވޮއިސްގައި ބަޔާންކުރާ މުދަލުގެ އަގު ކަމަށްވާ 32.7 މިލިއަން ރުފިޔާ އެ ކުންފުންޏަށް ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އިން ދޭން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށް ކޯޓު ހުކުމްގައިވެ އެވެ.