Roadha Mihaaru

މިސްޓަ ބީސްޓް 1،000 މީހެއްގެ ލޮލުގެ ސާޖަރީއަށް އެހީވަނީ

މަޝްހޫރު ޔޫޓިއުބް ތަރި މިސްޓަ ބީސްޓުގެ އެންމެ ފަހުގެ ސްޓަންޓަކީ "ކެޓަރެކްޓް ރިމޫވަލް" ސާޖަރީ ހެދުމުގެ މާލީ ގާބިލްކަން ނެތް 1،000 މީހަކަށް ސާޖަރީތައް ސްޕޮންސާކޮށްދީ، އެ މީހުންގެ ފެނުން އަލުން ހޯދައިދިނުމެވެ.

އަހުމަދު އަރުޝަމް
އަހުމަދު އަރުޝަމް

31 ޖެނުއަރީ 2023

މަޝްހޫރު ޔޫޓިއުބް ތަރި މިސްޓަ ބީސްޓުގެ އެންމެ ފަހުގެ ސްޓަންޓަކީ "ކެޓަރެކްޓް ރިމޫވަލް" ސާޖަރީ ހެދުމުގެ މާލީ ގާބިލްކަން ނެތް 1،000 މީހަކަށް ސާޖަރީތައް ސްޕޮންސާކޮށްދީ، އެ މީހުންގެ ފެނުން އަލުން ހޯދައިދިނުމެވެ.

މިސްޓަ ބީސްޓް ނުވަތަ އަސްލު ނަމުން ނަމަ ޖިމީ ޑޮނަލްޑްސަނަކީ، އޭނާގެ ޔޫޓިއުބް ވީޑިއޯތަކުގައި ގިނަ އަދަދަކަށް ފައިސާ އާއި ހަދިޔާ ބަހާ މީހެކެވެ.

މިދިޔަ ހޮނިހިރު ދުވަހު އަޕްލޯޑުކުރި، "“އަހަރެމެން މި ފަރުވާ ހޯދަނީ 1،000 މީހުންގެ ފެނުން ހޯދަދޭން" ނަން ދީފައިވާ ޔޫޓިއުބް ވީޑިއޯ މިހާތަނަށް 40 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލައިފަ އެވެ. މި ވީޑިއޯއަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

ޖިމީ ޑޮނާލްޑްސަން (މިސްޓަ ބީސްޓް)

ޖިމީ ޑޮނާލްޑްސަން (މިސްޓަ ބީސްޓް)

އެ ވީޑިއޯގައި ސާޖަރީގެ ކުރިންނާއި، ފަހުން ބަލި މީހުންނަށް ސާފުކޮށް ފެންނަ މަންޒަރު ފެންނަ ފުޓޭޖުތައް ހިމެނެ އެވެ. އަދި ޖިމީ ވަނީ ބައެއް ބައިވެރިންނަށް ފައިސާގެ ހަދިޔާތައް ދީފަ އެވެ.

ތިން ހަފްތާއެއްގެ މަތިން، ޖުމްލަ ނުވަ ގައުމަކުން ހޯދި ލޯފަން 1،000 މީހުންގެ ތެރެއިން އެމެރިކާގެ ފްލޮރިޑާގެ 40 މީހުން، އަދި ފުރަތަމަ ރައުންޑުގެ ސާޖަރީ ކޮށްދީފައި ވަނީ 20 އަހަރު ދުވަހު ހިލޭ ކެޓަރެކްޓް ސާޖަރީ ކޮށްދިނުމުގައި އުޅުނު ލޮލުގެ ޑޮކްޓަރު އަދި ސާޖަން، ޖެފް ލެވެންސަނެވެ.

ޖިމީ ވަނީ ނުވަ ގައުމަކުން 1،000 މީހުންގެ ފެނުން ހޯދައި ލޮލުގެ ފެނުން ހޯދައިދީފައި

ޖިމީ ވަނީ ނުވަ ގައުމަކުން 1،000 މީހުންގެ ފެނުން ހޯދައި ލޮލުގެ ފެނުން ހޯދައިދީފައި

ލެވެންސަނާ ހަވާލާދީ ސީއެންއެން އިން ބުނީ ފުރަތަމަ 40 މީހުންގެ ސާޖަރީ ކުރީ އެއް ދުވަސްތެރޭގައި ކަމަށެވެ.

"ލޮލަށް ނުފެންނަ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ 10 މިނެޓްގެ އޮޕަރޭޝަނެއް ކޮށްލަން ޖެހޭ މީހުން،" ކެޓަރަކްޓް ސާޖަރީ އަށް ހަރަދުކުރުމުގެ ގާބިލުކަން އެތައް މިލިއަން މީހުންގެ ނެތްކަން ފާހަގަކޮށް އޭނާ ކިޔައިދިނެވެ.