Roadha Mihaaru
އަޝްރަފް، އަނެއްކާވެސް އެފްއައިޔޫގެ ވެރިއަކަށް

ޔާމީންގެ މައްސަލަ ހުށަހެޅި ފަހުން އެފްއައިޔޫ އިން ވަކިކުރި އަޝްރަފް އަނެއްކާވެސް އެ ޔުނިޓުގެ ވެރިއަކަށް

01 ފެބުރުއަރީ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭ ޝައްކު ކުރެވޭ މުއާމަލާތެއް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ފަހުން ކުއްލި ގޮތަކަށް މަގާމުން ދުރުކުރި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް އަލުން އެ ޔުނިޓުގެ ވެރިއަކަށް މިއަދު ހަމަޖައްސައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭ ޝައްކު ކުރެވޭ މުއާމަލާތެއް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ފަހުން ކުއްލި ގޮތަކަށް މަގާމުން ދުރުކުރި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް އަލުން އެ ޔުނިޓުގެ ވެރިއަކަށް މިއަދު ހަމަޖައްސައިފި އެވެ.

މަރުކަޒީ ބޭންކުގެ ޔުނިޓެއް ކަމަށްވާ އެފްއައިޔޫ އަކީ މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ޝައްކު ކުރެވޭ މައުލޫމާތުތައް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާ އިދާރާއެކެވެ. އެ ޔުނިޓަށް ބާރު ފޯރުވުމުގެ ބާރު އެމްއެމްއޭގެ ގަވަރުނަރަށް ލިބިގެނެއް ނުވެ އެވެ.

އެފްއައިޔޫގެ ވެރިއަކަށް އަޝްރަފް ހުއްޓައި އޭނާ އެމްއެމްއޭގެ ޕްލޭނިން ސެކްޝަނަށް ބަދަލުކުރީ ޔާމީންގެ އެކައުންޓުން ކުރި ޝައްކު ކުރެވޭ މުއާމަލާތުތަކެއް ފުލުހުންގެ އިދާރާ އަށް ހުށަހެޅި ފަހުން ސެޕްޓެމްބަރު 17، 2018 އިގަ އެވެ. ރައީސް ކަމުގެ މަގާމުގައި ޔާމީން ހުންނަވަނިކޮށް ފެންމަތިވި އެ މައްސަލައާ ގުޅޭ ކަންކަން އެފްއައިޔޫ އިން ފުލުހުންނަށް ހުށަހެޅީ ސެޕްޓެމްބަރު 13، 2018 އިގަ އެވެ.

އެމްއެމްއޭ އިން ބުނީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަޝްރަފް އަލުން އެފްއައިޔޫގެ ވެރިއަކަށް މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.

އެ މަގާމަށް މީހަކު އައްޔަން ކުރުމުގެ ބާރު ލިބެނީ އެމްއެމްއޭގެ ގަވަރުނަރަށެވެ.

އެފްއައިޔޫގެ ވެރިއަކަށް އަލުން އަޝްރަފް ހަމަޖެއްސީ ފެބްރުއަރީ 2019 އިގައި އެ މަގާމަށް އައްޔަން ކުރި އިބްރާހިމް އަހުމަދު ނާސިރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަޝްރަފް އެންމެ ފަހުން ހުންނެވީ އެމްއެމްއޭގެ ސްޓެރެޓީޖިކް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް ސެކްޝަންގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް އެގްޒެކެޓިވްގެ މަގާމުގަ އެވެ.

ޔާމީންގެ ވެރިކަމުގެ ދައުރުގެ ފަހުކޮޅު އަޝްރަފް، އެފްއައިޔޫގެ ވެރިއަކަށް ހުންނެވި އިރު، އެ ޔުނިޓުން ވަނީ އެ މަނިކުފާނުގެ ބީއެމްއެލް އެކައުންޓަކުން އޭސީސީގެ އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޓްރާންސްފާ ކުރި އެ ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އޭރު ޔާމީންގެ ރިޔާސީ ކެމްޕޭންގެ ފައިނޭންސްއާ ބެހޭ މައްސަލައެއް ހަމަ އެ ޔުނިޓުން ފުލުހުންނަށް ހުށަހެޅި އެވެ.

އެ މައްސަލަ ހުށަހެޅި ފަހުން އަޝްރަފް އެފްއައިޔޫ އިން ވަކިކޮށް، އެމްއެމްއޭގެ އެހެން މަގާމަކަށް ބަދަލު ކުރުމުން، އެ ފިޔަވަޅު އެޅީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ވިދާޅުވެ، އޭނާ ރައްޔިތުންގެ މަޖިލީހަށް ވެސް މައްސަލައެއް ހުށަހެޅުއްވި އެވެ. އެކަމާ ގުޅިގެން އޭރުގެ ގަވަރުނަރު އަބްދުﷲ ނަސީރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކުރި އެވެ.

އެފްއައިޔޫގެ ކަންކަމަށް ނުފޫޒު ފޯރުވަން އޭރުގެ ގަވަރުނަރު ނަސީރު މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވައި އޭރު އަޝްރަފު ވިދާޅުވީ، މަގާމުން ވަކި ކުރުމުގެ ކުރިން ނަސީރު އޭނާއާ ދެ ފަހަރެއްގެ މަތިން ވާހަކަ ދައްކަވައި ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށެވެ. އޭގެ ތެރެއިއިން އެއްފަހަރު ބައްދަލު ކުރެއްވީ އެމްއެމްއޭގެ ޓެރަސްގައި އެކަހެރިކޮށް ކަމަށާއި ނަސީރު ބާރު އެޅުއްވީ އެފްއައިޔޫގެ މަސައްކަތް ވަކި ގޮތަކަށް ބައްޓަން ކުރަން ކަމަށް އަޝްރަފް ވިދާޅުވެފައި ވެ އެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޖަވާބުދާރީވެ، ނަސީރު އެ ތުހުމަތުތައް ދޮގު ކުރެއްވި އެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުގައި ހިނގަމުން ދަނިކޮށް ޖުލައި 24، 2019 އިގައި ގަވަރުނަރުގެ މަގާމުން ނަސީރު އިސްތިއުފާ ދެއްވި އެވެ.

އަޝްރަފްގެ ކުރިން އެފްއައިޔޫގެ ވެރިއަކަށް ހުންނެވީ އިބްރާހިމް އާތިފް ޝަކޫރެވެ. އެމްއެމްޕީއާރުސީން އެސްއޯއެފަށް ފައިސާ ޖަމާކުރި މައްސަލަ ފެންމަތިވުމުން އޭނާ ވަނީ ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. އެކަމަކު، އޭރު ފެންމަތިވި މައްސަލަތައް ރިޕޯޓު ނުކުރާ ކަމަށް ބުނެ އޭނާގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފުވުމުގެ ދައުވާ ކޮށްފަ އެވެ. އެ މައްސަލަ އަދިވެސް އޮތީ ކޯޓުގަ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭ މައުލޫމާތު އެނގި ހުރެ ރިޕޯޓު ނުކުރާ ކަމުގެ ތުހުމަތު އެމްއެމްއޭގެ ކުރީގެ އިސްވެރިންނާއި ބީއެމްއެލްގެ ކުރީގެ އިސްވެރިންތަކެއްގެ މައްޗަށް ވެސް ކުރި އެވެ.