Roadha Mihaaru
ޔާމީންގެ ޝަރީއަތް ލަސްކުރާ ކަމަށް ޖަމީލްގެ ތުހުމަތެއް

ޔާމީންގެ ޝަރީއަތް ޕީޖީން ލަސްކުރާ ކަމަށް ބުނެ ޖަމީލްގެ ތުހުމަތެއް

09 އޮކްޓޯބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ލަސްކުރަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަކި ބަޔަކާ ގުޅިގެން ކަމަށް ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ތުހުމަތުކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ލަސްކުރަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަކި ބަޔަކާ ގުޅިގެން ކަމަށް ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ތުހުމަތުކުރައްވައިފި އެވެ.

ވ. އާރަށް މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުން ދައުލަތުން އެދިގެން ހައި ކޯޓުން އިއްޔެ ވަނީ ކެންސަލްކޮށްފަ އެވެ.

އެކަމާ ގުޅިގެން ޖަމީލް "މިހާރު" އަށް ވިދާޅުވީ އިސްތިއުނާފް ޝަރީއަތް ލަސް ކުރުމަކީ ޔާމީންގެ ވަރަށް ބޮޑު ހައްގަކަށް އަރައިގަތުން ކަމަށެވެ. އެކަން ކުރީ ޕީޖީ ޝަމީމް ވަކި ބަޔަކާ ގުޅިގެން ކަމަށާއި އެކަމުގެ ހެކި އޭނާގެ އަތުގައި އެބަހުރި ކަމަށް ޖަމީލް ވިދާޅުވި އެވެ.

"މިއީ ކަމެއް ދިމާވެގެން ކުރާ ކަމެއް ނޫން. މިއީ ހަމަ އިސްތިއުނާފް ލަސް ކުރުމަށްޓަކައި ޕީޖީ ޝަމީމް ބަޔަކާ ގުޅިގެން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ. އެކަމުގެ ހެކި އަޅުގަނޑުގެ އަތުގައި އެބަހުރި،" ޖަމީލް ވިދާޅުވި އެވެ.

ޝަރީއަތް ލަސްކުރަނީ ވަކި ބަޔަކާ ގުޅިގެން ކަމަށް ޖަމީލް ތުހުމަތު ކުރެއްވިޔަސް، އެއީ ކޮން ބައެއް ކަމެއް ޖަމީލް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އޭގެ ތަފްސީލު ފަހުން ހާމަ ކުރައްވާނެ ކަމަށެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އިންސާފަށް ހުރަސް އެޅުމަށް ދައުލަތުން ކުރާ ކަންކަމާ މެދު ކޯޓުން ފިޔަވަޅު އަޅަން ޖެހޭނެ އެވެ.

ނަމަވެސް ޕީޖީ އޮފީހުގެ އޮފިޝަލަކު ޖަމީލްގެ މި ތުހުމަތު ދޮގުކުރެއްވި އެވެ.

އޮފިޝަލް ވިދާޅުވީ ކޯޓުގައި މިހާރު އޮތީ ފަނޑިޔާރުންގެ ސުވާލުތަކަށް ވަކީލުން ޖަވާބު ދޭން ޖެހޭ މަރުހަލާ ކަމަށާއި ވަކީލުންނަށް ކޯޓަށް ވަޑައިނުގަނެވުނީ ޝަރީއަތަށް ތައްޔާރުވި ފަހުން ވަކީލަކު ވަރަށް ބޮޑަށް ބަލިވެގެން ކަމަށެވެ.

"ކޯޓަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅައި، ހުއްދަ ލިބިގެން ޝަރީއަތް ފަސްކުރީ. އެހެން ވަކީލަކު ފޮނުވައިގެން ވެސް ޝަރީއަތް ކުރިއަށް ގެންދަން ބަލާއިރު، މިހާރު އޮތް މަރުހަލާގައި އެހެން ވަކީލަކު ފޮނުވައިގެން ޖަވާބު ނުދެވި ކޯޓުގެ ވަގުތު ގެއްލުން ފަދަ ކަމެއް ދިމާވެދާނެތީ އެހެން ވަކީލަކު ފޮނުވެން ނެތީ،" ޕީޖީގެ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، އިސްތިއުނާފް ލަސްކުރުމުގެ އެއްވެސް ވިސްނުމެއް އަދި އެފަދަ ކަމެއް ވެސް ޕީޖީން ނުކުރާނެ އެވެ. ޖަމީލް ހައްދަވަނީ ކަނޑައެޅިގެން ދޮގެއް ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވިޔަސް، އެ މަނިކުފާނު މިހާރު ހުންނެވީ ސިއްހީ ސަބަބުތަކަށްޓަކައި ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އެ މަނިކުފާނުގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ.