Roadha Mihaaru
"ބޭޑް ބޯއީސް" ސިކުއެލްގެ ހަތަރު ވަނަ ފިލްމެއް ނެރެނީ

"ބޭޑް ބޯއީސް" ގެ ހަތަރު ވަނަ ފިލްމަކަށް ވިލް އާއި މާޓިން އެނބުރި އަންނަނީ

02 ފެބުރުއަރީ 2023

ވިލް ސްމިތާއި މާޓިން ލޯރެންސްގެ މަޝްހޫރު ފިލްމު ސީކުއެލް "ބޭޑް ބޯއީސް" ގެ ހަތަރު ވަނަ ފިލްމެއް ނެރޭނެ ކަމަށް ވިލްގެ އިންސްޓަގްރާމުގައި އިއުލާނުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ވިލް ސްމިތާއި މާޓިން ލޯރެންސްގެ މަޝްހޫރު ފިލްމު ސީކުއެލް "ބޭޑް ބޯއީސް" ގެ ހަތަރު ވަނަ ފިލްމެއް ނެރޭނެ ކަމަށް ވިލްގެ އިންސްޓަގްރާމުގައި އިއުލާނުކޮށްފި އެވެ.

ފިލްމު ރަސްމީކޮށް އިއުލާނުކުރީ ވިލް އިއްޔެ ޕޯސްޓުކުރި ވީޑިއޯއެއްގައި އޭނާ އެ ސީކުއެލްގައި ހަރަކާތްތެރިވާ ކޯ ސްޓާ ލޯރެންސްގެ ގެއަށް ގޮސް، ދެ މީހުން އެކީގަ އެވެ.

"ބޭޑް ބޯއީސް" ސީކުއެލް އަކީ އެމެރިކާގެ މަޔާމީ-ޑޭޑް ޕޮލިސް ޑިޕާޓްމެންޓުގެ ނާކޯޓިކް ޑިވިޝަންގެ ދެ ޑިޓެކްޓިވުން ކަމަށްވާ މައިކް ލޯރީ (ވިލް ސްމިތު) އަދި އޭނާގެ އެކުވެރިޔާ މާކަސް ބަނެޓް (މާޓިން ލޯރެންސް) ގެ ހަޔާތަށް ބިނާކޮށް އުފައްދާފައިވާ ހިޔާލީ، އެކްޝަން-ކޮމެޑީ ސީކުއެލް އެކެވެ.

ކޮވިޑްގެ ކުރިން އެންމެ ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ހޯދި "ބޭޑް ބޯއީސް" ސީކުއެލް ގެ އެންމެ ފުރަތަމަ ފިލްމު ނިކުތީ 1995 ވަނަ އަހަރު އެވެ. އެ ފިލްމަށް ބޮކްސް އޮފީހުން ޖުމްލަ ލިބުން އާމްދަނީ އަކީ 141 މިލިއަން އެމެރިކާ ޑޮލަރެވެ. އެއަށް ފަހު 2003 ވަނަ އަހަރު ނިކުތް "ބޭޑް ބޯއީސް 2" އަށް ވަނީ 273 މިލިއަން ޑޮލަރު ލިބިފަ އެވެ.

ވިލް އަދި ލޯރެންސް "ބޭޑް ބޯއީސް" ގެ ފުރަތަމަ ފިލްމުގައި

ވިލް އަދި ލޯރެންސް "ބޭޑް ބޯއީސް" ގެ ފުރަތަމަ ފިލްމުގައި

އޭގެ 17 އަހަރު ފަހުން ނެރުނު ތިން ވަނަ ފިލްމު، "ބޭޑް ބޯއީސް ފޯ ލައިފް" އަށް ލިބުނު އާމްދަނީ، ކުރިން ނެރުނު ދެ ފިލްމުގެ އާމްދަނީ އެއްކޮށްލައިގެން ލިބުނު އަދަދަށް ވުރެ ގިނަ އެވެ.

މިދިޔަ އަހަރުގެ އޮސްކާ އެވޯޑުގައި ކްރިސް ރޮކް މޫނުގައި ޖެހި ފަހުން ވިލް ސްމިތުގެ ބޮކްސް އޮފީސް ކެރިއާ އާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އޭގެ ފަހުން ވިލް ފެނިގެން ދިޔަ "އިމޭންސިޕޭޝަން" ފިލްމުގައި އޭނާ އުޅުމުން އޭތި ފްލޮޕް ވެދާނެ ކަމަށް ބައެއް މީހުން ހީކުރި ނަމަވެސް، ފިލްމަށް އެކަށީގެންވާ ތަރުހީބެއް ވަނީ ލިބިފަ އެވެ.