Roadha Mihaaru
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ

ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ

17 ޖެނުއަރީ 2022

ބެލުންތެރިންގެ މެދުގައި ކާމިޔާބު ފިލްމު ސީރީޒް "ދި އީކުއަލައިޒާ" ގެ ތިން ވަނަ ބަޔަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް އޭގެ ލީޑް އެކްޓަރު ޑެންޒެލް ވޮޝިންޓަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ މެދުގައި ކާމިޔާބު ފިލްމު ސީރީޒް "ދި އީކުއަލައިޒާ" ގެ ތިން ވަނަ ބަޔަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް އޭގެ ލީޑް އެކްޓަރު ޑެންޒެލް ވޮޝިންޓަން ބުނެފި އެވެ.

ކޮލައިޑާ އަށް ދިން އިންޓަވިއުއެއްގައި ދެ އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ 67 އަހަރުގެ އެކްޓަރު ބުނީ ތިން ވަނަ ބައިގެ ސްކްރިޕްޓް ވެސް މިހާރު އޮތީ ލިޔެ ނިންމައިފައި ކަމަށެވެ. އެހެންވެ ދެން އޮތީ "ދި އީކުއަލައިޒާ 3" އަށް އޭނާ ތައްޔާރުވުން ކަމަށެވެ.

"އަނެއްކާ ވެސް ތަޅާފޮޅުންގަނޑެއްގެ ތެރެއަށް މި ދެވެނީ. އެހެންވީމަ އެކަމަށް ހަށިގަނޑު ވެސް ތައްޔާރުކުރަން ޖެހޭ. ހިތްހަމަޖެހޭ ތިން ވަނަ ބައެއްގެ މަސައްކަތްކުރެވޭތީ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ތަޖުރިބާކާރު އެކްޓަރު ބުންޏެވެ.

"ދި އީކުއަލައިޒާ" 2014 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ބައި ގެނެސްދިނީ 2018 ގަ އެވެ. އެ ދެ ފިލްމު ވެސް ޑައިރެކްޓްކުރީ އެންޓޮއިން ފުގްއާ އެވެ.

ގާތްގަނޑަށް 73 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "އީކުއަލައިޒާ" އަކީ ބޮކްސް އޮފީހުގައި 192.3 މިލިއަން ޑޮލަރުގެ އާމްދަނިއެއް ހޯދި ފިލްމެކެވެ. އަދި 79 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "އީކުއަލައިޒާ 2" އަށް 190.4 މިލިއަން ޑޮލަރު ލިބުނެވެ.

"ދި އީކުއަލައިޒާ 3" އަށް ތައްޔާރުވަމުން ދިޔަސް އޭގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި ނުނިންމަ އެވެ. ނަމަވެސް މި ފިލްމަކީ ދެން ޑެންޒެލް އެންމެ އަވަހަށް ކުޅެން ފަށާނެ ކަމަށް ބެލެވޭ ފިލްމެވެ. މީގެ ޑައިރެކްޓަރު މިހާރު އަންނަނީ ވިލް ސުމިތާ އެކު "އެމަންސިޕޭޝަން" ކިޔާ އެކްޝަން ތުރިލާއެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ.

ޑެންޒެލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ރިލީޒްކުރި ތާރީހީ ތުރިލާ ފިލްމު "ދަ ޓްރެޖެޑީ އޮފް މެކްބެތު" އެވެ. ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އެކްޓަރު އޭގައި ދެއްކި އެކްޓިން އަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.