Roadha Mihaaru

ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އެމެރިކާގެ މަތިން އުދުހޭތީ ސަމާލުވެއްޖެ

ވޮޝިންޓަން (ފެބްރުއަރީ 3) - އެމެރިކާގެ ވައިގެ ސަރަހައްދުން ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އުދުހެމުން ދާތީ އެމެރިކާގެ ޑިފެންސް މިނިސްޓްރީން ސަމާލުވެއްޖެ އެވެ.

ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އެމެރިކާގެ މަތިން އުދުހެނީ

ވޮޝިންޓަން (ފެބްރުއަރީ 3) - އެމެރިކާގެ ވައިގެ ސަރަހައްދުން ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އުދުހެމުން ދާތީ އެމެރިކާގެ ޑިފެންސް މިނިސްޓްރީން ސަމާލުވެއްޖެ އެވެ.

އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަންގަން ބުނީ އެ ފުއްޕާހަން އެމެރިކާގެ މަތީގައި އުދުހެމުންދާކަން ފާހަގަކުރެވުނުތާ ދެތިން ދުވަސްވެއްޖެ ކަމަށެވެ. އެ ފުއްޕާހަން އިތުރަށް ދެނެގަތުމުގެ ކުރިން އަސްކަރީ މަތިންދާބޯޓެއްގައި ގޮސް ޓްރެކް ކުރި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެމެރިކާގެ ނިއުކުލިއަ މިސައިލް އުފައްދާ މޮންޓަނާ ސިޓީގެ މަތިން ވެސް އެ ފުއްޕާހަން އުދުހުނު ކަމަށް ޕެންޓަގަންއިން ބުންޏެވެ. އެ ސަރަހައްދުން އެ ފުއްޕާހަން އުދުހޭން ފެށުމުން މޮންޓަނާގެ އެއާޕޯޓް ވެސް މިދިޔަ ބުދަ ދުވަހު ބަންދު ކުރި އެވެ.

މޮންޓަނާ އަށް ފުއްޕާހަން ދަތުރު ކުރި މަގުމަތީގައި ކެނަޑާގެ ވައިގެ ސަރަހައްދަށް ވެސް އެ ފުއްޕާހަން ވަންކަން ކެނަޑާގެ ދިފާއީ އިދާރާތަކަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. ކެނަޑާގެ ޖާސޫސީ އިދާރާއިން ބުނީ އެ ގައުމުގެ ސިއްރު މައުލޫމާތުތައް ލީކުވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރު ފުއްޕާހަން ހަރަކާތްތެރި ވަނީ ކޮމާޝަލް ފްލައިޓްތައް ހަރަކާތްތެރިވާ ހިސާބުގަ އެވެ. އެކަމަކު އޭގެ ސަބަބިުން ބިމުގައި ތިބޭ ބަޔަކަށް ނުރައްކަލެއް ނެތް ކަމަށް އެމެރިކާގެ ސީއައިއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އެ ފުއްޕާހަމަށް ބަޑިޖަހައި ފަޅާލުމުގެ ވިސްނުމެއް ނުގެންގުޅެނީ ސަލަމާތީ ސަބަބުތަކަށްޓަކައި ކަމަށް ވެސް ޕެންޓަގަންއިން ބުންޏެވެ.

"މިދިޔަ އަހަރުތަކެއްގެ ތެރޭގައި މިފަދަ ފުއްޕާހަން އެކިފަހަރު މަތިން އެމެރިކާގެ ސަރަހައްދުން ވަނީ ފެނިފަ. ފުއްޕާހަން ފެނުމާއެކު އެމެރިކާގެ ސަރުކާރުން ވަނީ މި ގައުމުގެ މުހިންމު ސިއްރުވެރި މައުލޫމާތުތައް ރައްކާތެރިކުރުމަށް ފިޔަވަޅުތައް އަޅާފަ،" ޕެންޓަގަންއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މި ފުއްޕޫހަން އެމެރިކާގެ ސަރަހައްދުން ފެނިފައި ވަނީ އެ ގައުމުގެ ދިފާއީ ވަޒީރު އެންޓޮނީ ބްލިކަން ޗައިނާ އަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވަނިކޮށެވެ. އެ ދަތުރުފުޅުގައި އޭނާ ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު އެ ދަތުރުފުޅާ ބެހޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ދެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފައެއް ނުވެ އެވެ.