Roadha Mihaaru
ލިވަޕޫލަށް ވާ ގޮތް ކްލޮޕް އަށް ވެސް ބުނެދޭން ނޭނގޭ

ލިވަޕޫލަށް ވާ ގޮތް ކްލޮޕް އަށް ވެސް ބުނެދޭން ނޭނގޭ، އެދެނީ މާފަށް

05 ފެބުރުއަރީ 2023

ވުލްވަހެމްޓަން (ފެބްރުއަރީ 5) - ނަތީޖާތައް ވަރަށް ބޮޑަށް ދަށް ވެފައިވާ ލިވަޕޫލަށް ވެގެން އުޅޭގޮތް ބުނެދޭން ނޭނގޭ ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށް، ރޭ ވުލްވްސް އަތުން 3-0 އިން ބަލިވި މެޗަށް ފަހު ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ވުލްވަހެމްޓަން (ފެބްރުއަރީ 5) - ނަތީޖާތައް ވަރަށް ބޮޑަށް ދަށް ވެފައިވާ ލިވަޕޫލަށް ވެގެން އުޅޭގޮތް ބުނެދޭން ނޭނގޭ ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށް، ރޭ ވުލްވްސް އަތުން 3-0 އިން ބަލިވި މެޗަށް ފަހު ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ރެލިގޭޝަން ގެ ބިރު ހީވެފައިވާ ވުލްވްސް އިން ވަނީ ރޭގެ މެޗު ފަށައިގެން 12 މިނިޓު ތެރޭ ދެ ގޯލުގެ ލީޑެއް ހޯދައިފަ އެވެ. ފުރަތަމަ ލަނޑު ފަސް ވަނަ މިނިޓުގައި ވަނީ ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕް އަތުން ބައިކޮޅަށެވެ. ލީޑު ފުޅާ ކުރީ ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ވެސްޓް ހޭމް ޔުނައިޓެޑުން ގެނައި ޑިފެންޑަރު ކްރެއިގް ޑޯސަން އެވެ. ވުލްވްސްގެ ތިން ވަނަ ލަނޑު، 71 ވަނަ މިނިޓުގައި ޖަހައިދިނީ ރުބެން ނެވޭސް އެވެ.

"އަހަރެންނަށް މި ވާގޮތް ތަފްސީލެއް ނުކޮށްދެވޭނެ. ކުރިއަށް އޮތް މެޗުގައި މިކަން ވީހާވެސް އަވަހަކަށް ބަދަލު ކުރަން ޖެހޭ،" މެޗަށް ފަހު ކްލޮޕް ބުންޏެވެ.

"އަހަރެން ދެރަ ވެސް ވޭ އަދި ރުޅި ވެސް އާދޭ ފުރަތަމަ 15 މިނިޓުގެ ކުޅުމާ މެދު. އެކަން ބަޔާން ކޮށްދޭނެ ގޮތެއް ނޭނގޭ. ގޯލު ޖަހަން ފުރުސަތު ވެސް އަހަރެމެންނަށް ލިބުނު. ނަތީޖާ 2-1 އަށް ހަދާލާ މަންޒަރު ބަދަލު ކޮށްލެވުނީސްކަން ޔަގީން. މިއީ ވުލްވްސް އަށް ހައްގު މޮޅެއް."

ކޯޗު ކްލޮޕް ބުނީ ފުރަތަމަ ދެ ލަނޑު ވަނީ ލިވަޕޫލަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށާއި ޓީމުގެ ލީޑާޝިޕް ނެތުމަކީ ވެސް މައްސަލައެއް ކަމަށެވެ. ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ވައިސް ކެޕްޓަން ޖޭމްސް މިލްނާ ރޭގެ މެޗުގައި ސްޓާޓް ކޮށްފައި ނުވާއިރު، ޑިފެންޑަރު ވާޖިލް ވެން ޑައިކް ހުރީ އަނިޔާގަ އެވެ. ނަމަވެސް އެއީ އުޒުރެއް ނޫން ކަމަށް ކްލޮޕް ބުނެ އެވެ.

"ލިބުނު ފުރުސަތުތައް އަހަރެމެންނަށް ނިންމައެއް ނުލެވުނު. ފަހު ޕާސް ގެއްލެނީ. ވަރަށް ރަނގަޅަށް ކުޅުނު ވަގުތުތައް ވެސް ދިޔަ. އެކަމަކު ދެ ގޯލު ވަނުމުން ޓީމު ވަރަށް އެވްރެޖް ކުޅުމެއް ކުޅުނީ،" ކްލޮޕް ބުންޏެވެ.

"އަހަރެމެން އެކަން ބަދަލު ކުރަން ޖެހޭ. އެއީ 100 ޕަސެންޓް ހަގީގަތަކީ. ކަންކަން ތަފްސީލު ކޮށްދޭނެ ގޮތެއް އަހަރެންނަކަށް ނޭނގޭ، އަހަރެންނަށް މާފް ކުރޭ."

ވުލްވްސްގެ މި މޮޅާ އެކު ހޫލެން ލޮޕެޓެގީ ގެ ޓީމު ވަނީ 21 މެޗުން 20 ޕޮއިންޓް ހޯދައި، ތާވަލުގެ 15 ވަނަ އަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅުނު 20 މެޗުން 29 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އަދިވެސް އޮތީ 10 ވަނައިގަ އެވެ.

ލީގުގައި އެންމެ ފަހުން ލިވަޕޫލް ކުޅުނު ހަތަރު މެޗުގެ ތެރެއިން އެޓީމު ވަނީ ތިން މެޗުން ބަލިވެ އެއް މެޗުން އެއްވަރު ވެފަ އެވެ. އަދި މި ސީޒަން ގައި އެންމެ ފަހުން ލިވަޕޫލް ކުޅުނު 10 މެޗުގެ ތެރެއިން މޮޅެއް ހޯދުނީ ތިން މެޗުންނެވެ. ފަސް މެޗުން ބަލި ވެފައި ވާއިރު، ދެ މެޗު ވަނީ އެއްވަރު ވެފަ އެވެ.

މިދިޔަ މަހު ވުލްވްސް އާ ދެކޮޅަށް އެފްއޭ ކަޕްގެ ތިން ވަނަ ބުރުގެ މެޗު އެއްވަރު ކޮށްގެން ރީޕްލޭ މެޗު ހަނި ގޮތަކަށް ކާމިޔާބު ކުރި ނަމަވެސް ބްރައިޓަން އަތުން ބަލިވެ އެފްއޭ ކަޕުން ވަނީ ކަޓައިފަ އެވެ. އޭގެ ކުރިން ޑިސެމްބަރު މަހު ލީގް ކަޕުން ކެޓީ މެންޗެސްޓާ ސިޓީ އަތްދަށު ވެގެންނެވެ.