Roadha Mihaaru
ޖުޕިޓާގެ ހަނދުތަކުގެ އަދަދު 92 އަށް

ޖުޕިޓާގެ ހަނދުތަކުގެ އަދަދު 92 އަށް

05 ފެބުރުއަރީ 2023

އިރުގެ ނިޒާމުގައި ހިމެނޭ އެންމެ ބިޔަ ގުރަހެލި ކަމަށްވާ ޖުޕިޓާގެ ވަށައިގެން ދައުރުކުރާ ހަނދުގެ އަދަދު 92 އަށް އަރާ ކަމަށް، ފަލަކީ އިލްމުވެރިން ބުނެފި އެވެ.

އިރުގެ ނިޒާމުގައި ހިމެނޭ އެންމެ ބިޔަ ގުރަހެލި ކަމަށްވާ ޖުޕިޓާގެ ވަށައިގެން ދައުރުކުރާ ހަނދުގެ އަދަދު 92 އަށް އަރާ ކަމަށް، ފަލަކީ އިލްމުވެރިން ބުނެފި އެވެ.

އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ޔޫނިއަންގެ މައިނާ ޕްލެނެޓް ސެންޓަރުން ބުނި ގޮތުގައި ޖުޕިޓާގެ ވަށައިގެން ދަތުރުކުރާ ކަމަށް މީގެ ކުރިން ރެކޯޑްކުރެވިފައިވަނީ ޖުމްލަ 80 ހަނދެވެ. ނަމަވެސް ހަވާއީ އާއި ޗިލީގައި ހުރި ފަލަކީ ދުރުމިތައް ބޭނުންކޮށްގެން 2021 އަދި 2022 ވަނަ އަހަރު ކުރި ދިރާސާތަކުން، ޖުޕިޓާގެ ވަށައިގެން ދައުރުކުރާ އިތުރު 12 ހަނދު ފެނިފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އެ 12 ހަނދު ފެނުމާ ގުޅިގެން، އިތުރަށް ދިރާސާކޮށް އެ ހަނދުތަކުގެ ފަލަކުތައް ވެސް މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ. އަލަށް މި ހޯދުނު ހަނދުތަކުގެ އެވްރެޖް ފުޅާމިން 1-3 ކިލޯމީޓަރުގައި ހުރި އިރު އެ ހުރިހާ ހަނދުތަކެއް ވެސް ޖުޕިޓާގެ ވަށައިގެން ދައުރު ކުރަމުން ދަނީ ވަރަށް ދުރުންނެވެ.

މީގެ ކުރިން މިހާތަނަށް އެންމެ ގިނަ ހަނދު އެކުލެވިފައިވާ ގުރަހައިގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ ސެޓާން އެވެ. މިހާތަނަށް ކަށަވަރުވެފައިވާ ގޮތުގައި ސެޓާންގެ ވަށައިގެން ބުރުޖަހަމުންދާ ހަނދުގެ ޖުމްލަ އަދަދަކީ 83 އެވެ. އެހެން ނަމަވެސް، ސެޓާން އާއި ޖުޕިޓާއާ ކައިރި ސަރަހައްދުގައި ދައުރުކުރާ އިތުރު ހަނދުތައް މިހާރުވެސް ފާހަގަކުރެވިފައިވާއިރު، އެ ހަނދުތަކުގެ ފަލަކުތައް މުޅިން ކަށަވަރު ވުމުން، ސެޓާންގެ ވަށައިގެން ދައުރުކުރާ ހަނދުތަކުގެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މި ފަހަރު އަލަށް ހޯދުނު 12 ހަނދުގެ ތެރެއިން ބައެއް ހަނދުތައް، ޖުޕިޓާގެ ވަށައިގެން ބުރެއް ފުރިހަމަ ކުރުމަށް 340 ދުވަސް ހޭދަވެ އެވެ. އަދި އޭގެ ތެރެއިން ނުވަ ހަނދު، ޖުޕިޓާގެ ވަށައިގެން ބުރެއް ފުރިހަމަ ކުރުމަށް 550 ދުވަސް ހޭދަވެ އެވެ.

ޖުޕިޓާގެ ވަށައިގެން ދައުރުކުރާ 92 ހަނދުގެ ތެރޭގައި ޖުޕިޓާގެ ދައުރުކުރުމާ އެއް މިސްރާބަށް ދައުރުކުރާ ހަނދުތަކާއި، ޖުޕިޓާގެ ދައުރުކުރުމާ އިދިކޮޅު މިސްރާބަށް ދައުރުކުރާ ހަނދުތައް ވެސް ހިމެނެ އެވެ.

ޖުޕިޓާގެ ވަށައިގެން އިތުރު ހަނދުތަކެއް ދައުރުކުރާ ކަން ހޯދިފައިވާ އިރު، އެ ސަރަހައްދުގެ ސައެންޓިފިކް ދިރާސާތަކެއް ކުރުމަށް، ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ ޖައްވީ އުޅަނދެއް، މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފުރުވައިލުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އުޅަނދު ޖުޕިޓާއާ ކައިރިން ދަތުރުކޮށް، ޖުޕިޓާގެ އެންމެ ބޮޑެތި ހަނދުތަކުގެ ދިރާސާތަކެއް ކުރާނެ އެވެ.

އޭގެ އިތުރުން އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާ ނާސާ އިން ވެސް ވަނީ ޖުޕިޓާގެ ހަނދުތައް ދިރާސާ ކުރުމަށް އެ ސަރަހައްދަށް ޖައްވީ އުޅަނދެއް ފޮނުވަން ނިންމައިފަ އެވެ.

ސައެންސްވެރިން ލަފާކުރާ ގޮތުގައި ސެޓާން އާއި ޖުޕިޓާގެ ވަށައިގެން ދައުރުކުރާ ކުދި ހަނދުތަކަކީ، އެ ދެ ޕްލެނެޓްގެ ވަށައިގެން ދައުރުކުރި ބިޔަ ދެ ހަނދެއް ނުވަތަ އެއަށް ވުރެ ގިނަ ހަނދުތަކެއް އެކަތި އަނެކައްޗާ ޖެހި މުޑިއެރުމުގެ ތެރޭގައި ނެއްޓިގެން ދިޔަ ބައިތަކުން އުފެދިފައިވާ ކުދި ހަނދުތަކެކެވެ.