Roadha Mihaaru
ސައޫދީ-އިންޑިއާގެ ޚާއްސަ ޖައްވީ ޕްރޮގްރާމެއް ފަށަނީ

ސައޫދީ-އިންޑިއާގެ ޚާއްސަ ޖައްވީ ޕްރޮގްރާމެއް ފަށަނީ

12 ސެޕްޓެމްބަރ 2023

ޖައްވީ ދިރާސާތައް ކުރުމާއި ޖައްވީ ދަތުރުތައް ކުރުމާ ބެހޭ ގޮތުން، ސައޫދީ އަރަބިއްޔާ އާއި އިންޑިއާ ގުޅިގެން ޚާއްސަ ޖައްވީ ޕްރޮގްރާމެއް ފަށަން އެއްބަސްވެފައިވާ ކަމަށް ސައޫދީ ސަރުކާރުން އިއްޔެ ބުނެފި އެވެ.

ޖައްވީ ދިރާސާތައް ކުރުމާއި ޖައްވީ ދަތުރުތައް ކުރުމާ ބެހޭ ގޮތުން، ސައޫދީ އަރަބިއްޔާ އާއި އިންޑިއާ ގުޅިގެން ޚާއްސަ ޖައްވީ ޕްރޮގްރާމެއް ފަށަން އެއްބަސްވެފައިވާ ކަމަށް ސައޫދީ ސަރުކާރުން އިއްޔެ ބުނެފި އެވެ.

ސައޫދީ އަރަބިއްޔާގެ އިންވެސްޓްމެންޓްތަކާ ބެހޭ ވަޒީރު ޚާލިދް އަލް-ފާލިހް އިއްޔެ ވިދާޅުވި ގޮތުގައި ދެ ގައުމު ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖައްވީ ޕްރޮގްރާމާ ބެހޭ އިދާރީ މަސައްކަތްތައް ކުރުމަށް، ސައޫދީން ވަރަށް އަވަހަށް އިންޑިއާގައި އޮފީހެއް ގާއިމުކުރާނެ އެވެ. އެ އިދާރާ އިން އެންމެ ފުރަތަމަ ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަކީ، ޖައްވީ ދިރާސާތަކަށް ދެ ގައުމުން ކުރާ އިންވެސްޓްގެ ކަންތައް ބެލެހެއްޓުމާއި ފައިސާގެ ކަންތައް ހަމަޖައްސައި ބެލެހެއްޓުމެވެ.

ސައޫދީ ސަރުކާރުން އިންޑިއާގެ ގުރުޖުރާތު އިންޓަނޭޝަނަލް ފައިނޭންސް ޓެކް-ސިޓީ (ގިފްޓް)ގައި އެ އޮފީސް ގާއިމުކުރަނީ، ސައޫދީ ސޮވެރިން ވެލްތު ފަންޑުގެ ފަރާތުންނެވެ. އެ އޮފީސް ގާއިމުކުރުމާ ބެހޭ ގޮތުން ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށް، އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔާލްއާ އެކުގައި ބޭއްވި މަޝްވަރާތަކަށް ފަހު، ސައޫދީ ވަޒީރު ޚާލިދް އަލް-ފާލިހް ވިދާޅުވި އެވެ.

ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް، ޖައްވީ ޕްރޮގްރާމްގައި އިންޑިއާ އިން ހިއްސާކުރާ އިންވެސްޓްމެންޓާ ބެހޭ މަސައްކަތް ކުރުމަށް ސައުދީގެ ވެރިރަށް ރިޔާޒްގައި އިންޑިއާގެ އޮފީހެއް ހުޅުވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ޖައްވީ ދާއިރާ އިން ދެ ގައުމު ގުޅިގެން ކުރިއަށް ދިއުމަށް އެއްބަސްވީ، އިންޑިއާގައި އިއްޔެ ބޭއްވި އިންޑިއާ-ސައޫދީ އިންވެސްޓްމެންޓް ފޯރަމްގެ ހަވާސާގައި ދެ ގައުމުގެ ވެރިންގެ މެދުގައި ކުރި މަޝްވަރާތަކުގެ ތެރޭގަ އެވެ.

އިންޑިއާ-ސައޫދީ އިންވެސްޓްމެންޓް ފޯރަމްގައި ދެ ގައުމުގެ 1000 އަށް ވުރެ އިންވެސްޓަރުންނާއި ވިޔަފާރިވެރިން ބައިވެރިވި އެވެ. މި ފޯރަމްގައި ސައޫދީ އަރަބިއްޔާ ތަމްސީލް ކުރެއްވީ އެ ގައުމުގެ ވަލީ އަހުދު އަދި ބޮޑުވަޒީރު އަމީރް މުހައްމަދު ބިން ސަލްމާން އެވެ.

އިންޑިއާއާ ގުޅިގެން ޖައްވީ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ސައޫދީން ނިންމި އިރު، އިންޑިއާ އިން އަންނަނީ ޖައްވީ ދިރާސާތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންނެވެ. އެ ގޮތުން އިންޑިއާގެ ޖައްވީ އުޅަނދެއް ހަނދުގެ ދެކުނު ދަނޑި (ސައުތު ޕޯލް) އަށް ކާމިޔާބު ކަމާ އެކު ތިރިކުރުވުމަށް ފަހު، އިރުގެ ދިރާސާތަކެއް ކުރުމަށް އިންޑިއާގެ ޖައްވީ އުޅަނދެއް ޖައްވުގެ ތެރެއަށް މިހާރު ވަނީ ފޮނުވާލައިފަ އެވެ.

މިހާތަނަށް ހަނދުގެ ދެކުނު ދަނޑި އަށް ތިރިކުރި ފުރަތަމަ ޖައްވީ އުޅަނދު، އިންޑިއާގެ ޗަންދްރިޔާން-3 ހަނދުގެ އެ ސަރަހައްދަށް ތިރިކުރީ އޮގަސްޓް 23، 2023 ވީ ބުދަ ދުވަހު އެވެ. އެއަށް ފަހު އިރުގެ ބޭރު ފަށަލައިގެ ދިރާސާތަކެއް ކުރުމަށް، "އަދިތުޔާ-އެލް1" ޖައްވީ އުޅަނދު ވަނީ މި މަހުގެ 2 ވަނަ ދުވަހު އިންޑިއާ އިން އުދުއްސާލައިފަ އެވެ. "އަދިތުޔާ-އެލް1" އެއަށް ކަނޑައަޅާފައިވާ މަންޒިލާ ހަމައަށް ފޯރާނީ، ހަތަރު މަސް ދުވަސް ވަންދެން ދަތުރުކޮށް 1.5 މިލިއަން ކިލޯމީޓަރު ކަޑައްތު ކުރުމަށް ފަހު އެވެ.