Roadha Mihaaru
ފައިސަލް ސޮއި ކުރުވައި ގައުމީ ތިން ކީޕަރުން މާޒިޔާއަށް

ފައިސަލް ސޮއި ކުރުވައި ގައުމީ ޓީމުގެ ތިން ކީޕަރުން މާޒިޔާއިން ހަމަކޮށްފި

05 ފެބުރުއަރީ 2023

މުހައްމަދު ފައިސަލް ސޮއި ކުރުވައި، ގައުމީ ޓީމުގެ ތިން ކީޕަރުން މާޒިޔާއިން ހަމަ ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މުހައްމަދު ފައިސަލް ސޮއި ކުރުވައި، ގައުމީ ޓީމުގެ ތިން ކީޕަރުން މާޒިޔާއިން ހަމަ ކޮށްފި އެވެ.

ފައިސަލް މާޒިޔާ އަށް ސޮއި ކުރުވީ ކުރިއަށް އޮތް ސިޒަން ނިމެންދެންނެވެ. އޭނާ ސޮއި ކުރުވުމުގެ ކުރިން، މާޒިޔާއިން ވަނީ އެ ޓީމުގައި މިހާރު ވެސް ހިމެނޭ ދެ ކީޕަރުން ކަމަށްވާ ހުސައިން ޝަރީފް އާއި އިޔާން އަބްދުލް އަލީމްގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ.

ސިންގަޕޫރާއި މެލޭޝިއާ އާ ދެކޮޅަށް ކުޅެން ޑިސެމްބަރު މަހު ކުޅުނު އެކުވެރި ކަމުގެ ދެ މެޗާއި ލާއޯސް އަދި ބުރުނާއީ ދާރުއްސަލާމާ ދެކޮޅަށް ސެޕްޓެމްބަރު ކުޅުނު މެޗުތަކަށް ވެސް ނެގި ގައުމީ ޓީމުގައި އެއްވަނަ ކީޕަރެއްގެ ގޮތުގައި ގޯލް ބެލެހެއްޓީ ހުސައިންނެވެ. ދެވަނަ ކީޕަރެއްގެ ގޮތުގައި އިޔާން ހުރީ ބެންޗުގަ އެވެ. އެ ދެފަހަރު ވެސް ގައުމީ ޓީމުގައި ފައިސަލް ކުޅެފައެއް ނުވެ އެވެ.

މިދިޔަ އަހަރު ވެލެންސިއާ އަށް ކުޅުނު ފައިސަލް އަށް އެ ކްލަބުން މުސާރަ ނުދޭތީ ޓީމުގެ ޕްރެކްޓިހަށް ނުކުތުމާއި މެޗުތައް ކުޅުން ވެސް ހުއްޓާލި އެވެ. އޭއެފްސީ ކަޕް ކޮލިފައިންގައި ބޫޓާންގެ ތިމްޕޫ ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ޓީމުގައި ނެތެވެ. އެކަމަކު ސީޒަންގެ ފަހު ކޮޅު އޭނާ ބައެއް މެޗުތައް ކުޅުނެވެ.

ކުޅެން ނުނިކުމެ ހުރި މުއްދަތުގައި ފައިސަލް ވަނީ އޭނާގެ ހިތްހަމަނުޖެހުންތައް ސޯޝަލް މީޑިއާގައި ބަންޑުންކޮށްލައި ކުޅުން ހުއްޓާލަން އުޅޭ ކަމަށް ބުނެފަ އެވެ. އަދި އޭނާ ކުޅުން ހުއްޓާލާ އިރަކުން ކުރިން ހާމަވެފައި ނުވާ ވާހަކަތަކެއް ހާމަ ކުރާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. ނަމަވެސް އޭގެ ފަހުން އަލުން ވެލެންސިއާގެ ފަރިތަކުރުންތަކަށް ނުކުތެވެ.

ވެލެންސިއާއިން ޕްރެޒިޑެންޓްސް ކަޕް ހޯދި އިރު އެ ޓީމުގެ ގޯލްގައި ފައިސަލް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު 2018 ގައި ހޯދި ފައިސަލް ވަނީ އެ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އިސްމާއީލް އާސިފް (ކުޑަ ހީނާ) ގެ ކޯޗުކަމުގެ ދަށުން ކުރީގެ އޭވައިއެލްއިން 2006 ގައި ސީނިއާ ކެރިއާ ފެށި ފައިސަލްގެ ވަނީ ވެލެންސިއާގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފަ އެވެ. މާޒިޔާ އަކީ އޭނާ ކުޅޭ ހަ ވަނަ ކްލަބެވެ.

ފައިސަލް އަކީ މާޒިޔާ އަށް ސޮއި ކުރި ކުޅުންތެރިންގެ ތެރެއިން މިއަދު އެ ޓީމުން ޓްރާންސްފާ އިއުލާން ކުރި ތިންވަނަ ކުޅުންތެރިޔާ އެވެ. މިއަދު ހެނދުނު އެ ޓީމުން ވަނީ އީގަލްސްގެ ކުރީގެ ފޯވާޑް ހަސަން ރާއިފް އަހުމަދު ތިން އަހަރަށް ސޮއި ކޮށްފައިވާކަން އިއުލާންކޮށްފަ އެވެ. އަދި އީގަލްސްގެ ކެޕްޓަން ހުސައިން ޝިފާއު ޔޫސުފް ސޮއި ކުރިކަން މިއަދު މެންދުރު ފަހު އިއުލާން ކުރި އެވެ.

މިހާތަނަށް އިއުލާން ނުކުރާ ކުޅުންތެރިންގެ ތެރޭގައި އީގަލްސްގެ ސެންޓާ ބެކް އަހުމަދު ނޫމާން އާއި މިދިޔަ ސީޒަންގައި ވެލެންސިއާގެ ކެޕްޓަންކަން ކުރި އަލީ ފާސިރު (ސެންޓޭ) އާއި ކްލަބް ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް (ޗޯޓް) ވެސް ހިމެނެ އެވެ. އެ ކުޅުންތެރިން ވެސް ވަނީ މާޒިޔާ އަށް ބަދަލުވާ ގޮތަށް ހަމަޖެހިފަ އެވެ.

މާޒިޔާއިން ދޫކޮށްލި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އާއި އިބްރާހިމް މަހްދީ ހުސައިން އަދި އިބްރާހިމް ވަހީދު ހަސަން އެވެ.