ޑީޑޮސް ހަމަލާތަކާ ދެކޮޅަށް 24 ގަޑިއިރު ފިޔަވަޅު އަޅައި، އެ ކަމަށް ހާއްސަ އޮޓޮމޭޓެޑް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް އުރީދޫން ފަށައިފި އެވެ.
17 ޖެނުއަރީ 2017
ޑީޑޮސް ހަމަލާތަކާ ދެކޮޅަށް 24 ގަޑިއިރު ފިޔަވަޅު އަޅައި، އެ ކަމަށް ހާއްސަ އޮޓޮމޭޓެޑް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް އުރީދޫން ފަށައިފި އެވެ.
ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އުރީދު އާއި ދިރާގުގެ ނެޓްވޯކަށް ދެމުން ގެންދާ ޑީޑޮސް ހަމަލާތަކާ ގުޅިގެން ދޭތެރެ ދޭތެރޭން މޮބައިލް ޑޭޓާ އަދި ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އެކަމާ ގުޅިގެން އާއްމުންގެ ޝަކުވާ ވެސް ވަނީ މި ދުވަސްވަރު އިތުރުވެފަ އެވެ.
އުރީދޫގެ 4ޖީ+ ނެޓްވޯކު އިފްތިތާހު ކުރަން މިއަދު ހަވީރު ބޭއްވި ހަފުލާ އަށް ފަހު "މިހާރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި، އުރީދޫގެ ހެޑް އޮފް ޕްލޭނިން ޝަބީން އަލީ ވިދާޅުވީ އެ ކުންފުނީގެ ނެޓްވޯކަށް އަމާޒު ކުރާ ޑީޑޮސް ހަމަލާތައް ކޮންޓްރޯލް ކުރެވޭ ކަމަށެވެ. އެ މަސައްކަތް އިތުރަށް ވަރުގަދަ ކުރަން، ބޭރުގެ ކުންފުންޏަކާ ގުޅިގެން ހާއްސަ ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"[މިއީ] ހުއްޓުވޭނެ ހަމަލާއެއް ނޫން، އަންނާނެ އެއްޗެއް. މީގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ އޭގެ ސަބަބުން ނެޓްވޯކަށް އެ ލިބޭ ގެއްލުން، ނޫނީ ވިއްޔާ ކަސްޓަމާސް އަށް އެ ލިބޭ ތަޖުރިބާ އަށް، އެ ކުރާ އެކްސްޕީރިއަންސަށް އެ ލިބޭ އުނި ކަންތައް މިޓިގޭޓް ކުރުމަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނީ،" ޝަބީން ވިދާޅުވި އެވެ.
- ޑީޑޮސް އަކީ މުވާސަލާތީ ހިދުމަތަކަށް އަމާޒުކޮށް، ވައިރަހެއް ނުވަތަ އެ ފަދަ އެހެން ވެސް ވަސީލަތެއް މެދުވެރިކޮށް، މެދުކެނޑުމެއް ނެތި ދޭ ހަމަލާއެއް. މި ހަމަލާގެ ސަބަބުން ވެބްސައިޓެއް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ދޭ ހިދުމަތަކަށް އަންނަ ޓްރެފިކް މައްޗަށް ގޮސް، އެ ވެބްސައިޓް ނުވަތަ ހިދުމަތެއް ޑައުންވޭ.
- ޑީޑޮސް ހަމަލާ އަމާޒު ކުރަނީ އިންޓަނެޓުގެ ހިދުމަތް ދޭ ފަރާތްތަކުގެ އިތުރަށް، އޮންލައިން ނޫސްތަކާއި ބޭންކުތައް ފަދަ މުހިއްމު ހިދުމަތްތަކަށް.
- ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވާލަކު 2،000 އަށް ވުރެ ގިނަ ޑީޑޮސް ހަމަލާ ފޮނުވާ.
- ވެބްސައިޓެއް ނުވަތަ ހިދުމަތެއް މެދުކެނޑޭ ތިން ފަހަރުން އެއް ފަހަރު އެކަން މެދުވެރި ވަނީ ޑީޑޮސް ހަމަލާއެއްގެ ސަބަބުން.
- ޑީޑޮސް ހަމަލާތަކުން ރައްކާތެރިވުމަށް ބޮޑެތި ހުރިހާ ކުންފުނިތަކަކުން ފިޔަވަޅުތައް އަޅާ. އޭގެ ތެރޭގައި ފަޔަވޯލްގެ އިތުރުން ބެކަޕް ސިސްޓަމްތައް ގާއިމްކޮށް، އޭގެ ސެކިއުރިޓީ ވަރުގަދަ ކުރުން ފަދަ ކަންކަން ހިމެނޭ.
އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވި ގޮތުގައި އެ ކުންފުނިން ބަހައްޓާ ސިސްޓަމް ކުރި އަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ އެވެ. އެކަމަކު، މިހާރު ވެސް އުރީދޫގެ ފަންނީ މުވައްޒަފުން 24 ގަޑިއިރު ނެޓްވޯކު މޮނިޓަކޮށް، ޑީޑޮސް ހަމަލާ އަންނަ އައިޕީ އެޑްރެސްތައް ބްލޮކް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު ވެސް ގާތްގަނޑަކަށް 30 ޕަސެންޓް ކޮންޓްރޯލް ކުރެވެމުން މި ދަނީ ނެޓްވޯކުގެ ތެރޭގައި،" ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ނިޔާޒު ވިދާޅުވި އެވެ.
ޑީޑޮސް ހަމަލާތަކާ ދެކޮޅަށް ހާއްސަ ސިސްޓަމެއް ބަހައްޓަން އުރީދޫން ފަށާފައި ވާއިރު، މުވާސަލާތީ ހިދުމަތް ދޭ ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ދިރާގުން ވެސް އަންނަނީ އެ މައްސަލަ ހައްލުކުރަން އެކި ފިޔަވަޅުތައް އަޅަމުންނެވެ. މީގެ އިތުރުން، ޑީޑޮސް ހަމަލާތަކާ ގުޅިގެން، ގައުމީ ފެންވަރުގައި ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ވެސް ވަނީ ބުނެފަ އެވެ.
"އިންޓަނެޓަށް މައްސަލަ ދިމާވަނީ ޑީޑޮސް ހަމަލާތަކަކުން"
ވެބްސައިޓްތައް ޑައުންވީ ކްލައުޑްފްލެއާގެ މައްސަލައަކުން
"އިންޓަނެޓަށް މައްސަލަ ދިމާވަނީ ޑީޑޮސް ހަމަލާއާ ހެދި"
އުރީދޫ ސުޕަނެޓުން އަންލިމިޓެޑްކޮށް އިންޓަނެޓް
އުރީދޫގެ އިންޓަނެޓް ހިދުމަތަށް މައްސަލައެއް ދިމާވެއްޖެ
އުރީދޫން ހަފްތާއަކު 28 ޖީބީ 150ރ. އަށް
އުރީދޫ މަގޭ ޕަވާ: ދުވާލަކު 50ރ. އަށް 10 ޖީބީ
އުރީދޫ ސުޕަނެޓް ހިދުމަތް ދިއްފުއްޓަށް
އުރީދޫގެ ސުޕަނެޓްގެ ހިދުމަތް މިލަންދު އަށް
އުރީދޫގެ އިންޓަނެޓް ހިދުމަތަށް މިއަދު ބުރޫއަރާނެ