Roadha Mihaaru
އެމްޓީޑީސީގެ އާ ލޯގޯ ތައާރަފްކޮށްފި

އެމްޓީޑީސީގެ އާ ލޯގޯ އާއި ވެބްސައިޓް ތައާރަފްކޮށްފި

08 ފެބުރުއަރީ 2023

އެމްޓީޑީސީން އެ ކުންފުނީގެ ލޯގޯ އާއި ވެބްސައިޓު ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޓީޑީސީން އެ ކުންފުނީގެ ލޯގޯ އާއި ވެބްސައިޓު ތައާރަފްކޮށްފި އެވެ.

އެ ކުންފުނީގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ކުންފުނީގެ ލޯގޯ ދައްކާލައި އާ ވެބްސައިޓު ލޯންޗުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، އެ ކުންފުނީ ވިޔަފާރީގެ މޮޑެލް ބަދަލުކޮށް ހިއްސާދާރުންނަށް ފައިދާ އިތުރު ކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ކުންފުނިން ރަށްތައް ކުއްޔަށް ދިނުމުގެ އިތުރުން ރިސޯޓު ހިންގުމުގެ ގާބިލުކުރަން ވެސް އެބަހުރި ކަމަށެވެ. އެކަމަށްޓަކައި ހދ. ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރު ފަށައި އަންނަ އަހަރު އެތަނުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޓީޑީސީން ބުންޏެވެ.

ނާގޯށި ތަރައްގީ ކުރަނީ، ދުބާއީގެ ރޯ ގަލަދާރީ ކުންފުނިންނެވެ. އެ ކުންފުންޏާއި އެމްޓީޑީސީން ހަދާފައިވާ ޖޮއިންޓް ވެންޗާއެއްގެ ދަށުން އެ ރަށް ތަރައްގީ ކުރާއިރު ރޯ ގަލަދާރީގެ ހިއްސާއަކީ 85 ޕަސެންޓެވެ. ބާކީ 15 ޕަސެންޓް ހިއްސާ ވަނީ އެމްޓީޑީސީ އެވެ. ނަމަވެސް އެ ޑީލް ހަދާފައި ވަނީ ރިސޯޓު ހިންގުމުގެ ފައިދާގެ ފިކްސްޑް އަދަދެއް ކޮންމެ މަހަކު ވެސް އެމްޓީޑީސީ އަށް ލިބޭ ގޮތަށެވެ.

"މި ކުންފުނިން އިންވެސްޓުކޮށްގެން 230 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ އެންމެހާ މަސައްކަތްތައް ހަލުއި ސްޕީޑުގައި ކުރިއަށްދާ ވާހަކަ ދަންނަވާލަން. މި ރިސޯޓު ތަރައްގީ ކުރެވިގެންދާނީ ޒަމާނީ ފެންވަރުގައި އެންމެ ފަހުގެ ވަސީލަތްތަކާ އެކު، ހުރިހާ ގިންތިއަކަށް ހާއްސަކުރެވިގެން،" އޭނާ ވިދާޅުވި އެވެ.

އެމްޓީޑީސީ އަށް މިވަގުތު އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އަޔާދާ މޯލްޑިވްސް އާއި އަނަންތާރާ ވިލާ އިންނެވެ. އޭގެ އިތުރަށް ވެސް އެ ކުންފުނީގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން، ހުޅުމާލޭގައި އޮފީސް ބިލްޑިންއެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.

އެ ކުންފުނިން ވަނީ ހުޅުމާލެއިން 6،000 އަކަފޫޓުގެ ބިމެއް ގަނެ، އޮފީސް އިމާރާތް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ފެށޭނެ ކަމަށް ތަޒްމީލު ވިދާޅުވި އެވެ.