Roadha Mihaaru
ކުނި ނައްތައިލުމަށް "ފެހި ގުޅުން" ގާއިމުކޮށްފި

ކުނި ނައްތައިލުމަށް ވިޔަފާރިތަކާއި ޖަމިއްޔާތަކާ އެކު "ފެހި ގުޅުން" ގާއިމްކޮށްފި

18 ޖެނުއަރީ 2017

ކުނި މެނޭޖުކުރުމުގައި ބައިވެރިވެ، ކުނި ނައްތާލުމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ އެކު ވިޔަފާރިތަކަކާއި އަމިއްލަ ޖަމިއްޔާތަކަކުން "ފެހި ގުޅުން"ގެ ނަމުގައި މިއަދު އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކުނި މެނޭޖުކުރުމުގައި ބައިވެރިވެ، ކުނި ނައްތާލުމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ އެކު ވިޔަފާރިތަކަކާއި އަމިއްލަ ޖަމިއްޔާތަކަކުން "ފެހި ގުޅުން"ގެ ނަމުގައި މިއަދު އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވެމްކޯ އިން ވަނީ ތިން ދާއިރާއަކުން ނުވަ ފަރާތަކާ އެކު ސޮއިކޮށްފަ އެވެ. "ފެހި ގުޅުން"ގެ އެއްބަސްވުން ހެދި ފަރާތްތަކަކީ:

- ހޭލުންތެރި ކުރުމުގެ މަސައްކަތަށް: ސޭވް ދަ ބީޗް އާއި ރެޑް ކްރެސެންޓްގެ ވިލިމާލޭ ގޮފި

- ރީސައިކަލް ކުރުމަށް: ސެކިއޯ ބޭގް، އައިވައިއެމްއެސް އަދި އީމާސް ޓްރޭޑިން

- ވިޔަފާރިތައް: ޓޭސްޓް މީ، ޗިލެކްސް، ފުޑް ބޭންކް އަދި ލެމަންގްރާސް

މި ރަސްމިއްޔާތުގައި، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ އެ ކުންފުންޏާ އެކު ބައިވެރިވި ވިޔަފާރިތަކުން މައިގަނޑު ދެ ކަމެއް ކުރާނެ ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ޕްލާސްޓިކް ފުޅި ވެސް ހިމެނޭ ގޮތަށް ރީސައިކަލް ކުރެވޭ ޒާތުގެ ކުނި ވަކިކޮށްގެން އުކާލަން ގެންދިއުން އަދި ވެމްކޯގެ ވޭސްޓް ކަލެކްޝަން ހިދުމަތުގެ ބޭނުން ހިފުމެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު: އާއްމުންގެ އާދަތައް ބަދަލުކުރަން އޭނާ މިއަދު ގޮވައިލެއްވި. -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު: އާއްމުންގެ އާދަތައް ބަދަލުކުރަން އޭނާ މިއަދު ގޮވައިލެއްވި. -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޭސްޓް ކަލެކްޝަން ނުވަތަ ކުނި އުކާލުމުގެ ހިދުމަތުގެ ޓެސްޓް ބުރެއް ވެމްކޯ އިން ވަނީ މިދިޔަ މަހު ފަށައިފަ އެވެ. މާލެ 10 ޒޯނަކަށް ބަހާލައިގެން ދޭ މި ހިދުމަތުގެ ޓެސްޓް ބުރުގައި ހިމެނެނީ ފުރަަތަމަ ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ހެންވޭރު އަޑި ޕާކު ސަރަހައްދުން ފެށިގެން ކަލާފާނު ސްކޫލް ހުންނަ ސަރަހައްދުގައި ހިމެނޭ 51 ގެ އެވެ. އެކަމަކު، މި ހިދުމަތް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ފަށައި، ވިޔަފާރިތަކަށް ވެސް ފުޅާކުރަން ވެމްކޯ އިން ވަނީ ނިންމައިފަ އެވެ.

އެކަމަކު، ކުނި މެނޭޖު ކުރުމުގެ އެންމެ މުހިއްމު ބަޔަކީ، ފުއާދު ވިދާޅުވި ގޮތުގައި، އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. ސޭވް ދަ ބީޗާއި ރެޑް ކްރެސެންޓާ އެކު އެ މަސައްކަތް ކުރާނެ ކަމަށާއި މުޖުތަމައު ހޭލުންތެރި ކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި ދިވެހިންނަކީ ވަރަށް ފަސޭހަ އިން ރަނގަޅު އާދަތަކަށް ހޭނޭ ބައެކެވެ. އޭގެ މިސާލުތައް ވެސް ފެންނަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކުނި އުކާލަން އަންނައިރު އެއްކަލަ ޕްލާސްޓިކު ފުޅި ވަކިން ހުންނަ ތަން ފެނުމުން އެ ކަމާ ސުވާލުކޮށް، ޖެހިގެން އަންނަ ދުވަހު އެ ބަދަލު އަމިއްލަ އަށް ގެނައި ތަން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އާއްމުންގެ ބައެއް ނޭދެވޭ އާދަތައް ބަދަލުކުރަން ޖެހޭކަން ފުއާދު ފާހަގަކުރެއްވި އެވެ. އެ ގޮތުން، އޭނާ ވިދާޅުވީ މަގުމައްޗަށް ކުނި އެޅުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ވާން އެބަޖެހެއޭ ސުޕާރީ ކައިފައި ޕެކެޓް މަގުމައްޗަށް އެއްލައި ނުލަން. އަޅުގަނޑުމެން ވާން އެބަޖެހެއޭ ސިނގިރެޓް ބޮއެފައި ބަޓްބުރި މަގުމައްޗަށް އެއްލައި ނުލާ ބަޔަކަށް. މި ދެންނެވީ މާލޭގެ މަގުމަތި މިއަދު ސާފު ކުރިޔަސް އެންމެ ގިނައިން ނެގޭނެ ދެ އެތީގެ ވާހަކަ،" ފުއާދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި، އެންވަޔަރްމަންޓް މިނިސްޓަރުގެ ނައިބު އަލީ އާމިރު ވިދާޅުވީ ރާއްޖޭގެ ކުނީގެ ހާލަތު އޮތް ގޮތުން އެ ވާހަކަ އެންމެން ވެސް ދައްކަން ޖެހޭ ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ގުޅިލާމެހިފައި ވާތީ އެވެ.

"މިއީ އެންވަޔަރްމަންޓް މިނިސްޓްރީގެ ޒިންމާއަކަށް ވުރެން ބޮޑަށް ފުޅާކޮށް، އިޖުތިމާއީ، އިގްތިސާދީ އަދި ސިއްހީ ގޮތުން ވެސް މީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުންނަ ކަމެއް،" އާމިރު ވިދާޅުވި އެވެ.

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން ހަވާލުކޮށްފައިވާ ވެމްކޯ އިން ވަނީ ބޮޑު މަޝްރޫއެއް ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން، އިންޑަސްޓްރިއަލް ވިލެޖުގައި ކުނި އުކާލަން ހާއްސަ ކޮށްފައިވާ ބިން ތަރައްގީ ކުރުން ހިމެނެ އެވެ. އަދި ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމަށް މި އަހަރުގެ ބަޖެޓުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ހިމަނައިފަ އެވެ.