Roadha Mihaaru
"ބޭސް ކާޑު" ހުއްޓާލުމުން އިހުމާލުގެ ބިރު؟!

"ބޭސް ކާޑު" ހުއްޓާލުމުން، އަނެއްކާވެސް އިހުމާލުގެ ބިރު؟!

15 ފެބުރުއަރީ 2023

ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު ޝަރީއަތް ނުނިމި ދިގުލައިގެންދާ މުއްދަތުގައި ބޭސްފަރުވާ ނުލިބުމުގެ ޝަކުވާ ބޮޑެވެ. ފަހުން މިކަންވީ މީހުން ބަންދުން ދޫކޮށްލުމުގެ ސަބަބަކަށެވެ. ނަމަވެސް މިދިޔަ އަހަރު ހައި ކޯޓުން އެކަން ހުއްޓުވާލީ އޭގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަން ފެށުމުންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު ޝަރީއަތް ނުނިމި ދިގުލައިގެންދާ މުއްދަތުގައި ބޭސްފަރުވާ ނުލިބުމުގެ ޝަކުވާ ބޮޑެވެ. ފަހުން މިކަންވީ މީހުން ބަންދުން ދޫކޮށްލުމުގެ ސަބަބަކަށެވެ. ނަމަވެސް މިދިޔަ އަހަރު ހައި ކޯޓުން އެކަން ހުއްޓުވާލީ އޭގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަން ފެށުމުންނެވެ.

ބޭސް ކާޑުގެ ނާޖާއިޒު ފައިދާ ނަގާތީ އޮތް ދައުލަތުގެ ކަންބޮޑުވުމަށް ހައްލު ލިބުނަސް، ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެ، ބަންދުގައި ތިބި މީހުންނަށް ކިރިޔާ ވެސް އޮތް އުއްމީދުގެ ހުޅުކޮޅު ނިވުނެވެ. ޖަލުތަކުގެ ހާލަތާއި ވަސީލަތްތައް ހުރި ގޮތުން އަނެއްކާވެސް އޮތީ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާތަކެވެ.

ޓެރަރިޒަމްގެ ތުހުމަތެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރި މީހަކު ދާދި ފަހުން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ފަރުވާ ދެވޭ ވަރަށް ވުރެ ހާލަތު ގޯސްވެ، އިތުރު ގޮތެއް ނެތިގެންނެވެ.

ބަންދުގައި ހުރި އެހެން ޒުވާނަކު ސިއްހީ ހާލަތު ގޯސްވެގެން ޑޮކްޓަރަށް ދެއްކިޔަސް، އެކަށީގެންވާ ފަރުވާއެއް، ޖަލު ބަލަހައްޓާ އިދާރާ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރެގެން ނުލިބުނެވެ. އޭނާ ބަންދުން ދޫކޮށްލީ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުން ގޮސް ރާއްޖެ އިން ފަރުވާ ދެވޭ ވަރަށް ވުރެ ހާލަތު ގޯސްވުމުންނެވެ. ބަންދުން ދޫކުރުމުން ރާއްޖެއިން ބޭރަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އެނގުނީ ފަރުވާ ލަސްވެގެން އިތުރަށް ހާލަތު ގޯސްވެފައިވާ ކަމެވެ.

ޕީޖީން އެއްބަސް ނުވާ ނަމަ ލުޔެއް ނެތް

ޖަލުގެ ނިޒާމުގެ ތެރޭގައި ތިބީ މިފަދަ ކިތައް މީހުން ކަމެއް ނޭނގެ އެވެ. އެކަމަކު ކަރެކްޝަންސް އަށް އޮބި ނޯންނަ ވަރަށް ހާލަތު ގޯސް ވިޔަސް، ހުކުމް ތަންފީޒުކުރާ ގައިދީންނާ ހިލާފަށް، ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދަށް ލުޔެއް ދިނުމުގެ ބާރެއް އެ އިދާރާއަކަށް ނޯވެ އެވެ. އެހެންވެ، މަރުގެ ތުންފަތް މައްޗަށް ދިޔަޔަސް، ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެއްބަސްވެގެން ނޫނީ ލުޔެއް ނުލިބެ އެވެ.

"މިހާރު މި ޖެހެނީ ޕީޖީ އޮފީހަށް ޑިޕެންޑްވާން. ޕީޖީން ދޫކޮށްލަން އެއްބަސް ނުވިއްޔާމު ދެން ކުރާނެ ކަމެއް ނެތް."

ބަންދު ރިވިއު މަޖިލީހުގައި ކުރިން ޝަކުވާ ކުރުމުން ބަންދުން ދޫކޮށްލަފާނެ ކަމުގެ ބިރަށް ފަރުވާ އަވަސް ވިޔަސް ހައި ކޯޓުގެ ހުކުމަށް ފަހު މިހާރު އެ ފުރުސަތެއް ނެތެވެ. ހައި ކޯޓުން މިދިޔަ އަހަރު އެގޮތަށް ނިންމުމުން އެކަމާ ދެކޮޅު ބޭފުޅުން އޭރު ވެސް ފާހަގަކުރީ މިކަމެވެ.

ހައި ކޯޓް --- ފޮޓޯ/މިހާރު

ހައި ކޯޓް --- ފޮޓޯ/މިހާރު

ފަރުވާ ނުލިބުމުގެ މައްސަލަ އަށް ހައި ކޯޓުން ދެއްކި މަގަކީ ސިވިލް ކޯޓުގައި މަދަނީ ދައުވާއެއް ކުރުން ކަމަށް ވިޔަސް، އެއީ އެކަށީގެންވާ ހައްލެއް ނޫނެވެ. އެއީ ސިއްހީ ކަންކަން ފަދަ އަވަހަށް ހައްލު ބޭނުންވާ ކަމެއްގައި ކޯޓަށް މައްސަލަ ހުށަހަޅައިގެން ހިނގާ ވަގުތުތަކާއި އިތުރަށް ކުރަންޖެހޭ ހަރަދުތަކުގެ ސަބަބުންނެވެ.

"މިހާރު މި ޖެހެނީ ޕީޖީ އޮފީހަށް ޑިޕެންޑް ވާން. ޕީޖީން ދޫކޮށްލަން އެއްބަސް ނުވިއްޔާމު ދެން ކުރާނެ ކަމެއް ނެތް. ދެން ސިވިލް ކޯޓަށް ގޮސްގެން ހައްލެއް ލިބޭތޯ ތިއްބާ މީހާގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ދަށަށް ދާނީ،" ވަކީލަކު ވިދާޅުވި އެވެ.

"ސިއްހީ ބޮޑު ސަބަބެއް އޮތްނަމަ ލުއި ދޭނަން"

ހައި ކޯޓުން މިކަން ނިމުމަކަށް ގެނައީ، ނިޒާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ސިއްހީ އާދައިގެ ކަންކަމުގައި ކޯޓުތަކުން މީހުން ބަންދުން ދޫކުރަން ފެށުމުން އެކަން ހުއްޓުވުމަށެވެ. އެކަމަކު އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން މިހާރު ޖެހެނީ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައި ތިބި ބަންދު މީހުންނަށެވެ.

"ރަނގަޅު، ފެންހިފޭ ސިއްހީ ކަމެއްނަމަ، ލުއި ދިނުމަކަށް ޕީޖީ އޮފީހުން ހުރަހެއް ނާޅާނެ."

"ދައުލަތުން މީހަކު ބަންދު ކުރަނީ ބޭސްފަރުވާ އާއި އެހެން އަސާސީ ކަންކަން ކޮށްދޭ ގޮތަށް. އެކަން އެއްވެސް ސަބަބަކާ ހެދި ނުކުރެވެންޏާ އެ މީހަކު ޖެހޭނީ ދޫކޮށްލަން. މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީއޭ ކިޔާފައި މީހެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިގެން ނުވާނެ،" އެ ވަކީލު ވިދާޅުވި އެވެ.

ނަމަވެސް ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހައި ކޯޓުގެ ހުކުމަށް ފަހު ވެސް، ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް ލުއި ދޭން އެ އޮފީހުން ހުރަހެއް ނާޅާނެ އެވެ. އެގޮތަށް ބައެއް މީހުން މިހާރު ވެސް ބޭސްފަރުވާ އަށް ދޫކޮށްފައި އެބަ ތިބި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ބަލި ބޮޑުވެގެން އުޅޭ މީހެއްގެ މައްސަލަ މި އޮފީހުން ބެލިއިރު އޭނާއަށް ހާއްސަ ކާ އެއްޗެހި ދިނީމަ އެ އެއްޗެއްސެއް ނުކައި. ބޭހެއް ނުކައި."
ޕީޖީ ހުސައިން ޝަމީމް --- ފޮޓޯ/މިހާރު

ޕީޖީ ހުސައިން ޝަމީމް --- ފޮޓޯ/މިހާރު

"ރަނގަޅު، ފެން ހިފޭ ސިއްހީ ކަމެއް ނަމަ، ލުއި ދިނުމަކަށް ޕީޖީ އޮފީހުން ހުރަހެއް ނާޅާނެ. އެކަމަކު ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ބަލާނެ. އެއީ އެކި ހާލަތްތައް ދިމާވާތީ އާއި މައްސަލާގެ ބާވަތާއި އަނިޔާ ލިބުނު މީހުންގެ ހާލަތާއި މިކަހަލަ އެތައް ކަމަކަށް ބަލާފައި ގޮތް ނިންމޭނީ،" އޮފިޝަަލް ވިދާޅުވި އެވެ.

ނާޖާއިޒު ފައިދާ ނަގަން ބަޔަކު އަދިވެސް އުޅޭ

އޮފިޝަލް ވިދާޅުވި ގޮތުގައި އެކަށީގެންވާ ފަރުވާ ޖަލުގައި ދިނަސް، ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް އަމަލު ނުކޮށް ސިއްހީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ބަންދަށް ލުއި ހޯދަން ވެސް ބައެއް މީހުން މިހާރު މަސައްކަތް ކުރެ އެވެ.

"ބަލި ބޮޑުވެގެން އުޅޭ މީހެއްގެ މައްސަލަ މި އޮފީހުން ބެލިއިރު އޭނާ އަށް ހާއްސަ ކާ އެއްޗެހި ދިނީމާ އެ އެއްޗިއްސެއް ނުކައި. ބޭހެއް ނުކައި. ޑޮކްޓަރުގެ ހުއްދަ ނެތި ބޭނުންހާ އެއްޗެއް ކަނީ. ދެން އެ ހާލަތުގައި ވެސް އެ މީހަކު ދޫކޮށްލަންވީތޯ؟،" ދިމާވި ހަގީގީ ކަމަކަށް އަލިއަޅުވާލައްވަމުން ޕީޖީގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިއްހީ ސަބަބެއް އޮތަސް، މައްސަލައިގެ ބާވަތުން ބަންދުން ދޫކޮށްލަން އުނދަގޫވާ މައްސަލަތައް ވެސް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، ރޭޕްކުރުން ފަދަ ކުށްތައް ވެސް ހިމެނެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ބަންދު މީހުންގެ ފަރުވާއާ ގުޅޭ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ ޝަރީއަތްތައް އަވަހަށް ނިމި، ހުކުމަކާ ހަމައަށް ދިއުމެވެ. އެކަމަކު މިގޮތަށް ބަންދުގައި ތިބި މީހުންގެ ތެރެއިން އެކަށީގެންވާ ސްޕީޑެއްގައި މައްސަލަތައް ކުރިއަށް ދަނީ މަދު މައްސަލަތަކެއްގަ އެވެ.

ކުށް ސާބިތުވެގެން ހުކުމް ތަންފީޒުކުރާ މީހުންނަށް ފަރުވާގެ ކަންކަމުގައި ލުއިތައް ލިބޭއިރު، ކުރެވޭ ތުހުމަތެއްގެ ސަބަބުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބަޔަކަށް އެ ލުއިތައް ނުލިބި ހުރަސް އެޅިގެން ނުވާނެ އެވެ. އެކަމަކު ނިޒާމު އޮތްގޮތުން އެ ޝަކުވާތަކަށް ހުއްޓުމެއް ނެތެވެ.