Roadha Mihaaru
ސާފް ޗެމްޕިއަންޝިޕަށް އަކޫ ފިޓް ވުމުގެ އުންމީދު ކުޑަ

ސާފް ޗެމްޕިއަންޝިޕަށް އަކޫ ފިޓް ނުވެދާނެ، އުމެއިރު ފުރަތަމަ ޑިވިޝަނާ ދުރަށް

14 ފެބުރުއަރީ 2023

އަނިޔާއިން މުޅިން ރަނގަޅު ނުވެ ގައުމީ ޓީމުގައި ހިމެނެން ބޭނުން ނުވާ ކަމަށް، މިވަގުތު ދެ ވަނަ ޑިވިޝަން ގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބަށް ސޮއި ކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަނިޔާއިން މުޅިން ރަނގަޅު ނުވެ ގައުމީ ޓީމުގައި ހިމެނެން ބޭނުން ނުވާ ކަމަށް، މިވަގުތު ދެ ވަނަ ޑިވިޝަން ގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބަށް ސޮއި ކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށް ރޭވިފައި އޮތީ އަންނަ ޖޫން މަހަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގައުމީ ޓީމަށް ކުޅެނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން އޮކްޓޫބަރު މަހު ކަކުލުގެ އޮޕަރޭޝަނެއް ކޮށް ރިކަވާ ވަމުން އަންނަ އަކުރަމް ބުނީ، މުބާރާތް ފެށެން ވާއިރަށް ފިޓް ވުމުގެ އުންމީދު ކުޑަ ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕް ކުޅެވޭވަރަށް ފުލީ ފިޓް ނުވެދާނެ، [ޓީމަށް ނެގުމާ ނުނެގުން] އެކަން އޮންނާނީ އޭރަކު ހުންނަ ކޯޗެއްގެ އަތްމަތީގައި،" 2018 ވަނަ އަހަރު ރާއްޖޭން ދެ ވަނަ ފަހަރަށް ސަރަހައްދީ މުބާރާތުން ރަން މެޑަލް ހޯދި ޓީމުގެ ކެޕްޓަން އަކުރަމް ބުންޏެވެ.

"އަޅުގަނޑު ބޭނުމެއް ނެތް ތައްޔާރު ނުވެވޭ ހާލަތެއްގައި ގޮސް ގައުމީ ޓީމަށް ކުޅޭކަށް."

އަކުރަމް ބުނީ ހާލަތަށް ބަލައި މުހައްމަދުނއުމެއިރާ އެކު ވިކްޓަރީއާ ގުޅެން ނިންމީ ޓީމުގެ ޕްރޮޖެކްޓަށް އިތުބާރު އޮތުމުން ކަމަށެވެ. އަދި މިއީ ދެ ކުޅުންތެރިންގެ ވެސް ރަނގަޅު ނިންމުމަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކުލަބަކީ އަޅުގަނޑުމެން ދެމީހުނަށް ވެސް އާ ތަނެއް ނޫން. އަދި އަމުދުން އުމެއިރަށް. އުމެއިރު މި ގައުމަށް ފެނުނީ ވިކްޓަރީ ތެރެއިން އަޅުގަނޑު ދެކޭގޮތުގައި. ދެމީހުންނަށް ވެސް ރަނގަޅު މޫވް އަކަށް ވާނެ ކަމަށް ދެކެނީ،" އަކުރަމް، 35، ބުންޏެވެ.

ފުރަތަމަ ޑިވިޝަން ކުޅުން ހުއްޓާލަން އުމެއިރު ވިސްނަނީ

ވިކްޓަރީ އަށް ބަދަލުވުމާ ގުޅޭގޮތުން އުމެއިރު، 34، ބުނީ ކެރިއަރުގެ ފަހު ދުވަސްކޮޅަށް ވެފައި ފުރަތަމަ ޑިވިޝަނުގައި ކުޅުން ހުއްޓާލަން ވިސްނަމުން އަންނަ ދަނޑިވަޅެއްގައި ކެރިއަރު ފެށި ކުލަބަށް ބަދަލު ވުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް ދެކޭ ކަމަށެވެ.

ވިކްޓަރީ އަށް ސޮއި ކުރުމަށް ފަހު އުމެއިރު މީޑިއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ވިކްޓަރީ އަށް ސޮއި ކުރުމަށް ފަހު އުމެއިރު މީޑިއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"މި ވަގުތު މިހުރީ ފަސްޓް ޑިވިޝަން ކެރިއަރު އަނެއްހެން ނިންމާލާ ހިސާބުގައި،" ދެ ފަހަރު މަތިން ވިކްޓަރީ އަށް ކުޅުނު އުމެއިރު ބުންޏެވެ.

"ފުޓްބޯޅަ ކެރިއަރު ފެށީ ވިކްޓަރީން. ގާތްގަނޑަކަށް ފަސް އަހަރު ކުޅެ ވަރަށް ގިނަ ކާމިޔާބީތައް ވެސް ވިކްޓަރީއާ އެއްކޮށް ހޯދާފައި ހުންނާނެ. މި ވަގުތަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި އެންމެ ރަނަގަޅު ވަގުތު ޑިސިޝަން ނަގަން. ވިކްޓަރީ އޮތީ ސެކަންޑް ޑިވިޝަނުގައި. ފަސްޓް ޑިވިޝަންގަ ކުޅުމުގެ ވިސްނުން މަޑުމަޑުން ދޫކޮށްލަން ޖެހޭ ހިސާބަށް އައިސް މިހުރީ މިވަގުތު."

މިދިޔަ ސީޒަން ގައި މާޒިޔާ ގައި ހުރެ ކުޅެން ލިބޭ ފުރުސަތު މަދުވުމުން އޭނާ ސީޒަންގެ ފަހުކޮޅު ވަނީ ލޯނު އުސޫލުން ކްލަބް ވެލެންސިއާ އަށް ބަދަލުވެ އެޓީމަށް މޮޅު ކުޅުމެއް ކުޅެދީފަ އެވެ. އަދި މިދިޔަ އަހަރު އެންމެ ފަހުން ނެގި ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިގެން ވެސް އޭނާ ކުޅެފައިވެ އެވެ.

މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފެށޭނެ ކަމަށް އެފްއޭއެމުން ލަފާ ކޮށްފައި ވަނީ އަންނަ އޮކްޓޫބަރު މަހު އެވެ.