Roadha Mihaaru
ޔޫޓިއުބްގެ އާ ސީއީއޯއަކަށް އިންޑިއާ ދަރިކޮޅުގެ މީހެއް

ޔޫޓިއުބްގެ އާ ސީއީއޯއަކަށް އިންޑިއާ ދަރިކޮޅުގެ މީހެއް

18 ފެބުރުއަރީ 2023

ވީޑިއޯ ޕްލެޓްފޯމްް ޔޫޓިއުބްގެ އާ ސީއީއޯއަކަށް އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެއްކަމަށްވާ ނީލް މޯހަން އައްޔަން ކުރަން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ވީޑިއޯ ޕްލެޓްފޯމްް ޔޫޓިއުބްގެ އާ ސީއީއޯއަކަށް އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެއްކަމަށްވާ ނީލް މޯހަން އައްޔަން ކުރަން ނިންމައިފި އެވެ.

ޔޫޓިއުބްގެ ޗީފް ޕްރޮޑަކްޓް އޮފިސަރުގެ މަގާމުގައި ހުރި ނީލް، ސީއީއޯގެ މަގާމަށް އައްޔަން ކުރަން ނިންމާފައި ވަނީ މިހާރުގެ ސީއީއޯ ސޫޒަން ވުޗިޓްސްކީ، އެ މަގާމުން އިސްތިއުފާ ދެއްވާތީ އެވެ. ސޫޒަން އެ މަގާމާ ހަވާލުވީ 2014 ވަނަ އަހަރު އެވެ.

ޔޫޓިއުބްގެ އެންމެ ފަހުގެ ސީއީއޯ ސޫޒަން (ވ) އަދި އަލަށް އައްޔަން ކުރި ސީއީއޯ ނީލް މޯހަން (ކ)

ޔޫޓިއުބްގެ އެންމެ ފަހުގެ ސީއީއޯ ސޫޒަން (ވ) އަދި އަލަށް އައްޔަން ކުރި ސީއީއޯ ނީލް މޯހަން (ކ)

ސޫޒަން މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 25 އަހަރަށް ވުރެ ގިނަ ދުވަހު، ޔޫޓިއުބްގެ ޕޭރެންޓު ކުންފުނި ގޫގުލްގައި މަސައްކަތް ކުރުމަށް ފަހު، އާ ބާބެއް ފެށުމަށް ފަހަތަށް ޖެހިލަން ނިންމެވީ ކަމަށެވެ.

ސޫޒަންގެ ޓްވީޓަށް ޖަވާބުދީ ނީލް ވަނީ ސޫޒަންއާ އެކު މަސައްކަތްކުރަން ލިބުމަކީ ފަހުރެއް ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ.

"...ސޫޒަން ޔޫޓިއުބް ބިނާކޮށްފައިވަނީ އުފެއްދުންތެރިންނާއި ބެލުންތެރިންނަށް އާދަޔާ ހިލާފު ތަނެއްގެ ގޮތުގައި. އަހަރެން މި ހުރީ މި ބިރުވެރި، އެހެނަސް މުހިންމު މިޝަން ކުރިއަށް ގެންދަން ވަރަށް އުފަލުން،" ނީލް ބުނެފައިވެ އެވެ.

ސޫޒަން ވަނީ، ނީލް އަކީ ޔޫޓިއުބްގެ ސީއީއޯގެ މަގާމަށް އެންމެ ގާބިލު މީހަކީ އެއީ ކަމަށް ވެސް ބުނެފަ އެވެ.

ނީލް އެންމެ ފުރަތަމަ ގޫގުލްއާ ގުޅުނީ 2007 ވަނަ އަހަރު އެވެ. އޭރު އޭނާ އަކީ ޑިސްޕްލޭ އަދި ވިޑިއޯ އިޝްތިހާރުތަކުގެ ސީނިއާ ނައިބް ރައީސެވެ. އޭގެ ފަހުން، ޔޫޓިއުބްގެ ޗީފް ޕްރޮޑަކްޓު އޮފިސަރުގެ މަގާމާ އޭނާ ހަވާލުވީ 2015 އަހަރު އެވެ.