Roadha Mihaaru
ކުޑަކުދިންގެ މައުލޫމާތު ބޭނުންކުރާތީ ޔޫޓިއުބް ޖޫރިމަނާ!

ކުޑަކުދިންގެ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކުރާތީ ޔޫޓިއުބަށް ބޮޑު ޖޫރިމަނާއެއް

22 ޖުލައި 2019

ޑޭޓާ ޕްރައިވެސީގެ ގާނޫނުތަކާ ޚިލާފުވެ، ޔޫޓިއުބުން ކުޑަކުދިންގެ މައުލޫމާތުތައް އެއްކޮށް، އޭގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލާގައި ޔޫޓިއުބް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑޭޓާ ޕްރައިވެސީގެ ގާނޫނުތަކާ ޚިލާފުވެ، ޔޫޓިއުބުން ކުޑަކުދިންގެ މައުލޫމާތުތައް އެއްކޮށް، އޭގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލާގައި ޔޫޓިއުބް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން، ގޫގްލްގެ ދަށުން ހިންގަމުން އަންނަ ޔޫޓިއުބް ޖޫރިމަނާ ކުރީ އެތައް މިލިއަން ޑޮލަރަކުންނެވެ. އެކަމަކު އެ އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ.

ޔޫޓިއުބްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި ކުޑަކުދިންގެ ވީޑިއޯތަކަށް އެއްވެސް ވަރެއްގެ ހިފަހެއްޓުމެއް ނެތް ގޮތަށް ބޭނުންހާ ވައްތަރެއްގެ ކޮމެންޓްތައް ކުރެވުމާއި ވީޑިއޯތައް ފިލްޓާ ނުކޮށް އަޕްލޯޑް ކުރެވުމާއި ކުޑަކުދިންގެ ކަރަމާތް ގެއްލޭ ގޮތަށް ޔޫޓިއުބްގެ އިންތިޒާމުތައް ހަމަޖައްސާފައި ހުރުން ހިމެނެ އެވެ. އަދި މިކަންކަމަކީ ޗިލްޑްރެންސް އޮންލައިން ޕްރައިވެސީ ޕްރޮޓެކްޝަން އެކްޓް (ސީއޯޕީޕީއޭ) އާ ހިލާފަށް ޔޫޓިއުބުން ހިންގާ އަމަލެއް ކަމަށް އެފްޓީސީން ފާހަގަކޮށްފައިވެ އެވެ.

ބޮޑު އަދަދަކުން ޔޫޓިއުބް ޖޫރިމަނާކުރި ނަމަވެސް މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ޔޫޓިއުބާއި ގޫގްލް އިން ވެސް ވަނީ އިންކާރުކޮށްފަ އެވެ.

ކުޑަކުދިންގެ ޒާތީ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަ މިދިޔަ މަހުގެ ތެރޭގައި ހޫނުވުމުން ޔޫޓިއުބުން ވަނީ ކުޑަކުދިންގެ ވީޑިއޯތަކަށް ކޮމެންޓް ކުރެވޭ އުސޫލަށް ބަދަލު ގެނެސް މިންގަނޑުތަކާ ހިލާފު އެތައް ވީޑިއޯއެއް ޑިލީޓްކޮށް، އެ ފްލެޓްފޯމްގެ ޕްރައިވެސީ ހަރުދަނާ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ބުނެފަ އެވެ.

ޔޫޓިއުބްގެ މައްޗަށް ބޮޑު ޖޫރިމަނާއެއް އައި އިރު، މިދިޔަ ހަފުތާގެ ތެރޭގައި ޑޭޓާ ޕްރައިވެސީގެ ގާނޫނުތަކާ ޚިލާފުވެ، ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު އިނގިރޭސިވިލާތުގެ ކެމްބްރިޖް އެނަލިޓިކާ އިން ބޭނުން ކުރި މައްސަލާގައި އެފްޓީސީން ވަނީ ފަސް ބިލިއަން ޑޮލަރުން ފޭސްބުކް ވެސް ޖޫރިމަނާކޮށްފަ އެވެ. އަދި މިއި ޓެކް ކުންފުންޏެއްގެ މައްޗަށް މިހާތަނަށް ކުރި އެންމެ ބޮޑު ޖޫރިމަނާ ވެސް މެ އެވެ.