Roadha Mihaaru
ހުސެއިން އަށް އެމެރިކާގެ ޓްރެއިނިން ފުރުސަތެއް

ސްޕްރިންޓް ކޯޗު ހުސެއިން އަށް އެމެރިކާގެ ޓްރެއިނިން ފުރުސަތެއް

19 ފެބުރުއަރީ 2023

ރާއްޖޭގެ ގައުމީ ސްޕްރިންޓް ޓީމުގެ ކޯޗު އަދި ކުރީގެ ބާރު ދުވުންތެރިޔާ ހުސެއިން ހަލީމް އަށް އެމެރިކާގައި ކޯޗިން ތަމްރީން ހެދުމުގެ ފުރުސަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ގައުމީ ސްޕްރިންޓް ޓީމުގެ ކޯޗު އަދި ކުރީގެ ބާރު ދުވުންތެރިޔާ ހުސެއިން ހަލީމް އަށް އެމެރިކާގައި ކޯޗިން ތަމްރީން ހެދުމުގެ ފުރުސަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދީފި އެވެ.

އޮލިމްޕިކް ކޮމިޓީން ރާއްޖޭގެ ކޯޗުންނަށް ހުޅުވާލީ ކުޅިވަރު ތަރައްގީކުރާނެ ގޮތުގެ ޕްރޮޖެކްޓެއް ހުށަހެޅުމަށެވެ. ޓްރެއިނިން ފުރުސަތު ދޭން އޮތީ އޭގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޖެކްޓެއް ހުށަހަޅާ ކޯޗަކަށެވެ. ހުސެއިން މި ފުރުސަތު ހޯދީ ޓޭބަލް ޓެނިސް ކޯޗަކާ ވާދަކޮށްގެންނެވެ.

ހުސެއިން ހުށަހެޅީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެތުލެޓިކްސް ކޯޗުން ތިބެގެން އުމުރުން ހަގު ކުދިން ތަމްރީންކޮށް އެތުލެޓިކްސް އަށާއި އެހެން ކުޅިވަރުތަކަށް ވެސް ފިޓް އެތުލީޓްތަކެއް ނެރެދިނުމާ ގުޅޭ ޕްރޮޖެކްޓެކެވެ.

"އެތުލެޓިކްސް އަކީ ހުރިހާ ކުޅިވަރެއްގެ ފެށުން. ކޮންމެ ކުޅިވަރެއް ކުއްޖަކު ކުޅެން އިހްތިޔާރު ކުރިޔަސް އެ ކުއްޖެއްގެ ބިންގާ އެންމެ ފުރަތަމަ އެޅިގެން ދާނީ އެތުލެޓިކްސްގެ ޓްރެއިނިންތަކުން،" ހުސެއިން ބުންޏެވެ.

"އަޅުގަނޑު ހުށަހެޅީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެތުލެޓިކްސް ކޯޗުން ތިބެފައި ވަރަށް ހަގު އުމުރުން ފެށިގެން ކުދިންނަށް އެތުލެޓިކްސްގެ ޓްރޭނިން ދީ ދުޅަހެޔޮ ސިއްހަތަކަށް ފުރުސަތު ތަނަވަސްކޮށް ދޭނެ ޕްލޭނެއް."

ވޯލްޑް އެތުލެޓިކްސްގެ ސީއީސީއެސްގެ ކޯޗިން ލެވެލް 2 ގެ ސެޓްފިކެޓް ވެސް ހާސިލުކޮށްފައިވާ ހުސެއިން ބުނީ، އެ ޕްލޭނުގައި ދެން ހިމެނޭނީ، އޭގެ ތެރެއިން އެތުލެޓިކްސް އަށް ދާން ބޭނުންވާ ކުދިންނާއި އެހެން ކުޅިވަރުތަކުން ކުރިއަށް ދާން ބޭނުންވާ ކުޅުންތެރިން ދެނެގަނެ އެ ފުރުސަތު ފަހުކޮށްދިނުން ކަމަށެވެ.

ވޯލްޑް އެތުލެޓިކްސްގެ ކޯޗިން ޓްރޭނިން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު ހުސައިން (ކ) ސެޓްފިކެޓާ ހަވާލު ވަނީ

ވޯލްޑް އެތުލެޓިކްސްގެ ކޯޗިން ޓްރޭނިން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު ހުސައިން (ކ) ސެޓްފިކެޓާ ހަވާލު ވަނީ

ކުރިން ބާސްކެޓްބޯޅަ ވެސް ކުޅުނު ހުސެއިންގެ ޕްރޮޖެކްޓްގައި އެހެން ކުޅިވަރުތަކަށް މަގުފަހިވާ ގޮތަށް އޮތް ނަމަވެސް އޭނާ ހާއްސަ ކުރަނީ އެތުލެޓިކްސް އަށެވެ. މިހާރު މާލެއިން ބޭރުގައި އެތުލެޓިކްސްގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ހަތަރު ސަރަހައްދެއްގަ އެވެ. އެއީ ހދ. ކުޅުދުއްފުށީ، ގދ. ތިނަދޫ، ފުވައްމުލައް އަދި ސ. ހިތަދޫ އެވެ. އޭނާ ބުނީ ރާއްޖޭގެ އެތުލެޓިކްސް އަށް ވެސް އިތުރު ހުނަރުވެރި ކުދިން ހޯދަން އެ ޕްރޮޖެކްޓުން މަގު ފަހިވާނެ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި އެތުލެޓިކްސް ކޯޗުން ތިބެގެން ކުރިއަށް ގެންދިޔައީމަ މުޅި ރާއްޖެއިން ބޮޑު ޕޫލެއް އޮންނާނެ. ބޮޑު ޕޫލެއްގެ ތެރެއިން ހުނަރުވެރި ކުދިންތަކެއް ހޯދޭނެ. އަދި ގިނަ ކުދިން ވެސް ހޯދޭނެ،" ސައުތު އޭޝިއަން ގޭމްސް އިން 2010 ގައި ލޯ މެޑަލް ހޯދި ރާއްޖޭގެ ރިލޭ ޓީމަށް ދުވި ހުސެއިން ބުންޏެވެ.

ބަންގްލަދޭޝްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ބްރޯންޒް މެޑަލް ހޯދި ރާއްޖޭގެ ރިލޭ ޓީމުގައި ހިމެނިގެން ހުސައިން ކަރުގައި މެޑަލް އަޅުވާލަނީ

ބަންގްލަދޭޝްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ބްރޯންޒް މެޑަލް ހޯދި ރާއްޖޭގެ ރިލޭ ޓީމުގައި ހިމެނިގެން ހުސައިން ކަރުގައި މެޑަލް އަޅުވާލަނީ

މި ކޯސް ނިމުމަށް ފަހު އެ ޕްރޮޖެކްޓް ތަންފީޒު ކުރަން އޭނާ މަސައްކަތް ކުރަން ޖެހޭނެ އެވެ. ވޯލްޑް އެތުލެޓިކްސްގެ ހުސެއިން ބުނީ އެ ޕްރޮޖެކްޓް ތަންފީޒު ކުރުމަށް އެންމެ ފުރަތަމަ ކަމަށް ވާނީ ރަށްރަށުން އެތުލެޓިކްސް ކޯޗުން ތަމްރީން ކުރުން ކަމަށެވެ.

ރާއްޖޭގެ ރަށްރަށުން ކޯޗުން ތަމްރީންކޮށް ކޮންމެ ރަށެއްގައި އެތުލެޓިކްސް ކޯޗަކު ހުރުމަކީ އެތުލެޓިކް އެސޯސިއޭޝަންގެ ޕްލޭންގައި ހިމެނޭ ކަމެކެވެ. އިންޓަނޭޝަނަލް ކޯޗިން އެންރިޗްމެންޓް ސެޓްފިކެޓްގެ ޕްރޮގްރާމަކީ އެމެރިކާގެ އޮލިމްޕިކް އަދި ޕެރަލިމްޕިކް ކޮމިޓީ މެދުވެރިކޮށް އެ ގައުމުގެ ޑެލަވޭއާ ޔުނިވާސިޓީ އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

އެއް އަހަރު ދުވަހުގެ މި ކޯހުގެ ފުރަތަމަ ހަ މަސް ދުވަސް ކިޔަވާނީ އޮންލައިންކޮށެވެ. އެއަށް ފަހު ޕްރެކްޓިކަލް ބައެއް ބައިތައް ފުރިހަމަ ކުރަން އޭނާ އެމެރިކާ އަށް ދާނެ އެވެ.