Roadha Mihaaru
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ ސަޖަން

އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ ފެތުންތެރިޔާ ސަޖަން

28 ޖުލައި 2016

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުގެ ފުރުސަތު ފެތުންތެރިޔާ އައިމިނަތު ސަޖަން އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދީފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުގެ ފުރުސަތު ފެތުންތެރިޔާ އައިމިނަތު ސަޖަން އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދީފި އެވެ.

ސަޖަންއާ ދިދަ ހަވާލުކުރުން އޮތީ އަންނަ މަހުގެ 5 ވަނަ ދުވަހު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ފަށާ ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓް ބްރެޒިލަށް ފުރުމުގެ ކުރިން ރޭ އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޒުވާން އުއްމީދީ ފެތުންތެރިޔާ ސަޖަންއާ ދިދަ ހަވާލުކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ.

ސަޖަން އަކީ މި އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދިން ފެތުންތެރިޔާ އެވެ. އެއާ އެކު އޭނާ ވެފައިވަނީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން ރާއްޖެ އަށް މެޑަލް ހޯދައިދިން ފުރަތަމަ ފެތުންތެރިޔާ އަށެވެ. މީގެ އިތުރުން އޭނާ ވަނީ މި އަހަރު ތައިލެންޑުގައު އޮތް ސްޕީޑޯ ތައިލެންޑް އޭޖްގްރޫޕް ޗެމްޕިއަންޝިޕުން 200 މީޓަރު އިންޑިވިޖުއަލް އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. އޭނާ ވަނީ މި ހަތަރު އަހަރު ތެރޭ ގައުމީ 12 ރެކޯޑެއް އާކޮށް ޓީމް އިވެންޓުން ގައުމީ ތިން ރެކޯޑެއް އާކުރުމަށް އެހީވެދީފަ އެވެ.

ސަޖަން (ކ) އަށް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް ދިދަ ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ހުސެއިން ސިނާން/ އިމޭޖަސް އެމްވީ

ސަޖަން (ކ) އަށް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް ދިދަ ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ހުސެއިން ސިނާން/ އިމޭޖަސް އެމްވީ

އޮލިމްޕިކްސްގައި ރާއްޖޭން ބައިވެރިވަނީ ސަޖަންއާ އެކު ޖުމްލަ ހަތަރު އެތުލީޓުންނެވެ. އެއީ ފެތުންތެރިޔާ ނިޝްވާން އިބްރާހިމާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަދި އަފާ އިސްމާއިލެވެ. މި ހަތަރު އެތުލީޓުން ވެސް ވާދަކުރަނީ، ކޮލިފައިނުވާ ގައުމުތަކަށް ދޭ ހާއްސަ ޖާގައިގެ ތެރެއިންނެވެ.

ނިޝްވާން ފެތުމަށް ހަމަޖެހިފައިވަނީ ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގަ އެވެ. ސަޖަން ފެތުމަށް ހަމެޖިފައިވަނީ އަންހެނުންގެ 100 މީޓަރ ފްރީސްޓައިލް އިވެންޓުގަ އެވެ. ސާއިދު 100 މީޓަރު ދުވާއިރު އަފާ ދުވާނީ 200 މީޓަރު ދުވުމުގެ އިވެންޓުގަ އެވެ. ސްވިމިން ކޯޗެއްގެ ގޮތުގައި އިސްމާއިލް ފަރުހާން ދިޔައިރު އެތުލެޓިކްސް ކޯޗަކީ އަހުމަދު ފާއިލެވެ.

އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާ ދެ ދުވުންތެރިން ސާއިދު (ކ-3) އަދި އަފާ (ވ-3) ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމާ އެކު. --ފޮޓޯ: ހުސެއިން ސިނާން/ އިމޭޖަސް އެމްވީ

އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާ ދެ ދުވުންތެރިން ސާއިދު (ކ-3) އަދި އަފާ (ވ-3) ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމާ އެކު. --ފޮޓޯ: ހުސެއިން ސިނާން/ އިމޭޖަސް އެމްވީ

މި ހަތަރު އެތުލީޓުންގެ ތެރެއިން ސާއިދު ތަމްރީން ހަދަމުން އަންނަނީ ޖެމެއިކާގަ އެވެ. އެކަމަކު ގޭމްސް އަށް ތައްޔާރުވުމަށް އޭނާ އާއި އަފާ ވަނީ އިންޑިއާގެ ބެންގަލޫރުގައި ހާއްސަ ތަމްރީންތަކެއް ހަދައިފަ އެވެ. އަދި ސާއިދު ވަނީ ތަމްރީންތަކުގެ ތެރެއިން، އިންޑިއަން ގްރޯން ޕްރީގައި ވާދަކޮށް 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.

ދެކުނު އެފްރިކާގެ ޑާބަންގައި ނިޝްވާން ތަމްރީން ހަދާއިރު ސަޖަން ތަމްރީން ހަދަމުން އަންނަނީ ތައިލެންޑުގެ ޕުކެޓުގަ އެވެ.