Roadha Mihaaru
ޔޮޓްތަކުން އުލިގަމު ބަނދަރު ފުރިއްޖެ

ޔޮޓްތަކުން އުލިގަމު ބަނދަރު ފުރިއްޖެ

19 ފެބުރުއަރީ 2023

އާންމުކޮށް ބޭރުގެ ޔޮޓްތައް ބަނދަރުކުރާ ހއ. އުލިގަމުގައި ޔޮޓް ބަނދަރުކުރުން މަދުވެފައި އޮތުމަށް ފަހު މި އަހަރު ގިނަ އަދަދަށް ޔޮޓް އަންނަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާންމުކޮށް ބޭރުގެ ޔޮޓްތައް ބަނދަރުކުރާ ހއ. އުލިގަމުގައި ޔޮޓް ބަނދަރުކުރުން މަދުވެފައި އޮތުމަށް ފަހު މި އަހަރު ގިނަ އަދަދަށް ޔޮޓް އަންނަން ފަށައިފި އެވެ.

އެރަށު ކައުންސިލްގެ ނައިބު ރައީސް އަސަދުﷲ މުހައްމަދު ވިދާޅުވީ މިއަދު އުލިގަމު ބަނދަރުގައި 21 ޔޮޓު އެބަ އޮތް ކަމަށެވެ. އަދި އަންނަ އޭޕްރީލް މަހުގެ ނިޔަލަށް 70 އަށް ވުރެ ގިނަ ޔޮޓު އަންނާނެ ކަމަށެވެ.

ގިނައިން ޔޮޓް އަންނައިރު ބަނދަރުގައި އެއްފަހަރާ ސާޅީހަކަށް ޔޮޓް ވެސް އޮވެ އެވެ.

މިދިޔަ އަހަރުގެ ޔޮޓު ސީޒަނުގައި އުލިގަމަށް އައީ 43 ޔޮޓެވެ. އެކަމަކު މި އަހަރުގެ މިހާތަނަށް ވެސް އެ އަދަދު ވަނީ ހަމަވެފަ އެވެ. އެހެންވެ، މިދިޔަ އަހަރަށް ވުރެ ދެ ގުނަ އިތުރަށް ޔޮޓުތައް އަންނާނެ ކަމަށް ބެލެވެ އެވެ. މިއަހަރަކީ 2010 ވަނަ އަހަރަށް ފަހު އުލިގަމަށް އެންމެ ގިނައިން ޔޮޓުތައް ބަނދަރު ކުރާ އަހަރެވެ.

އުލިގަމަށް ބަނދަރު ކޮށްފައި ހުރި ޔޮޓްތަކެއް: އިތުރު ޔޮޓްތައް މި އަހަރު އުލިގަމަށް އަދިވެސް އަންނާނެ ކަމަށް އެޖެންޓުން ބުނޭ.

އުލިގަމަށް ބަނދަރު ކޮށްފައި ހުރި ޔޮޓްތަކެއް: އިތުރު ޔޮޓްތައް މި އަހަރު އުލިގަމަށް އަދިވެސް އަންނާނެ ކަމަށް އެޖެންޓުން ބުނޭ.

ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދު ހުރަސްކޮށް ސްރީ ލަންކާ، އިންޑިއާ، މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން ރެޑް ސީ ހުރަސްކޮށް ޔޫރަޕަށް ގިނަ އަދަދެއް ޔޮޓުތައް ދަތުރުކުރާއިރު މަޑުކޮށްލަން މަންޒިލެއްގެ ގޮތުގައި އުލިގަމު އޮންނަނީ މަޝްހޫރުވެފަ އެވެ. ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީން އޭޕްރީލަށް ގިނަ އަދަދެއްގެ ޔޮޓްތައް މި މަގުން ދަތުރުކުރެ އެވެ.

އަސަދުﷲ ވިދާޅުވީ، މިއަހަރު ޔޮޓުތައް އެހާ ގިނަވީ، ޔޮޓުތަކުން ދައްކަންޖެހޭ ފީ ކަސްޓަމްސްގެ ގަވައިދުގައި ބޮޑުކުރުމުން ޔޮޓް އައުން މަދުވުމަށް ފަހު ފީތައް ކުޑަކުރުމުންނާއި ރެޑް ސީ ސަރަހައްދުގައި ކަނޑުފޭރޭ މީހުންގެ ހަމަލާތައް ގިނަވެފައި އޮތުމަށް ފަހު މަދުވުމުން މިހާރު ދަތުރުކުރުން ރައްކާތެރިކަމަށް ދުނިޔޭގެ މެރިޓައިމް އޮގަނައިޒޭޝަނުން ކަނޑައެޅުމުން ކަމަށެވެ.

ހއ. އުލިގަމަށް ބަނދަރުކޮށްފައި ހުރި ޔޮޓްތަކެއް. -- ފޮޓޯ: މުއާޒް

ހއ. އުލިގަމަށް ބަނދަރުކޮށްފައި ހުރި ޔޮޓްތަކެއް. -- ފޮޓޯ: މުއާޒް

ހއ. އުލިގަމުގަިއ ބަނދަރުކުރާ ޔޮޓްތަކުން ކަސްޓަމްސް އަށް ނަގާ ފީ މިހާރު ވަނީ 50 ޕަސެންޓް ކުޑަކޮށްފަ އެވެ. ކަސްޓަމްސްގެ އާއްމު ގަވާއިދަށް 2020 ގައި ގެނައި އިސްލާހުގައި ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެ ކުޑަ ޓޫރިސްޓު އުޅަނދުތަކުން ދައްކަން ޖެހޭ އިންވާޑް އަދި އައުޓްވާޑް ފީ ވަނީ 250ރ. އަށް ބަދަލު ކޮށްފަ އެވެ. މީގެ ކުރިން ކޮންމެ ކޮޅަކަށް ނަގަމުން އައީ 1،000ރ. އެވެ.