Roadha Mihaaru
އާގަވާއިދަކީ ކްރޫޒްލައިނާތަކަށް ވަގުތީ ހައްލެއް: މާޔާ

އާ ގަވާއިދުން ކްރޫޒްލައިނާތަކަށް ވަގުތީ ހައްލެއް، މާޔާ ތިބީ ދާއިމީ ހައްލެއްގެ އުއްމީދުގައި

04 ޖެނުއަރީ 2024

އާ ގަވާއިދާ އެކު ރާއްޖެއަށް ކްރޫޒްލައިނާތަކާއި ޔޮޓުތައް ގެންނަން ވަގުތީ ހައްލެއް ލިބިފައިވާ ކަމަށާއި، އުއްމީދަކީ ރާއްޖެއަށް އިތުރު އާމްދަނީ ލިބޭނެ ގޮތަކަށް ދާއިމީ ހައްލެއް ލިބުން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ބުނެފި އެވެ.

އާ ގަވާއިދާ އެކު ރާއްޖެއަށް ކްރޫޒްލައިނާތަކާއި ޔޮޓުތައް ގެންނަން ވަގުތީ ހައްލެއް ލިބިފައިވާ ކަމަށާއި، އުއްމީދަކީ ރާއްޖެއަށް އިތުރު އާމްދަނީ ލިބޭނެ ގޮތަކަށް ދާއިމީ ހައްލެއް ލިބުން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ބުނެފި އެވެ.

ކުރީގެ ސަރުކާރުން ހެދި ރާއްޖެއަށް ބޭރުން އަންނަ ޓޫރިސްޓު އުޅަނދުފަހަރު ދުއްވުމާއި ބަނދަރު ކުރުމާ ބެހޭ ގަވާއިދު ދަށުން، ކްރޫޒްލައިނާތަކުގެ ވަކިވަކި ކޮޓަރިތަކުން ޖީއެސްޓީ ނަގަން ފެށުމުން މާޔާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދި އޭގެ ސަބަބުން ކްރޫލައިނާތައް ރާއްޖެ ނައިސް އެހެން ގައުމުތަކަށް ދާން ފަށާފައިވާ ކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފަ އެވެ. އެކަމަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވަނިކޮށް، އެ މިނިސްޓްރީން ވަނީ އާ ގަވާއިދެއް ހަދައި ގެޒެޓުކޮށްފަ އެވެ.

އާ ގަވާއިދުގައި ވަނީ ހަތް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ރާއްޖެ އަންނަ އުޅަނދުތައް ޕަސެންޖާ ލައިނާތަކުގެ ހުއްދަ ނަގަންޖެހޭ ގޮތަށް ހަދައިފަ އެވެ.

ގަވައިދުގައިވާ ބައެއް ކަންކަން: - 20 މީޓަރަށްވުރެ ބޮޑު އުޅަނދުތައް، ކްރޫސިން ޕާމިޓް ހޯދުމަށް 1،000 ޑޮލަރު ފީއެއް މީރާ އަށް ދައްކަން ޖެހުން - 20 މީޓަރަށްވުރެ ކުޑަ އުޅަނދުތައް، ފީއަކާ ނުލާ ކްރޫސިން ޕާމިޓް ދޫކުރުން - ހުރިހާ އުޅަނދަކަށް ވެސް ޕަސެންޖާ ލައިނާތަކުން ފީއެއްގެ ގޮތުގައި 850 ޑޮލަރު ދުވާލަކަށް ދައްކަން ޖެހުން

މާޔާގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިކަމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން މިނިސްޓްރީން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ.

އޭރު ގަވާއިދު އޮތް ގޮތުން، ހއ. އުލިގަމާއި އައްޑޫގެ އިތުރުން މާލެއަށް އަންނަން އޮތް ތިން ކްރޫޒްލައިނާއެއް ސީޝެލްސްއަށް ޑައިވާޓު ކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން، ލިބުނުގެ ގެއްލުމުގެ އިތުރަށް ރާއްޖޭގެ ޓޫރިޒަމާ މެދު ދެކޭ ގޮތަށް ވެސް އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ ގަވާއިދު ގެޒެޓުކުރުމާ އެކު މި މަހުގެ އަށް ވަނަ ދުވަހު ކޮސްޓާގެ ކްރޫޒްޝިޕެއް ރާއްޖެއަށް އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެކަމަކު އާ ގަވާއިދުން ވެސް ލިބިފައިވަނީ، އޭނާ ވިދާޅުވި ގޮތުގައި، ވަގުތީ ހައްލެއް ކަމަށާއި ރާއްޖެއަށް އިތުރު އާމްދަނީ ވެއްދޭނެ ގޮތަށް ގަވާއިދު ހަދަން ޖެހެ އެވެ.

"އާ ގަވާއިދުން ކްރޫޒްލައިނާތަކުން ދައްކަން މި އޮތީ އެންމެ 850 ޑޮލަރު. އެކަމަކު މިސާލަކަށް 2،000 އެއްހާ ފަސަންޖަރުންނާ އެކު އަންނަ އިރު ބޮލަކަށް 10 ނޫނީ 5 އެމެރިކާ ޑޮލަރު ނެގިޔަސް ދުވާލަކަށް ވަރަށް ބޮޑު އެއްޗެއް ދައުލަތަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް އަންނަ ޕެސެންޖާ ލައިނާތަކަށް މުދާ އެރުވުމާއި ރެސްޓޯރަންޓުތަކާއި ސުވިނިއާ ފިހާރަ ފަދަ ކުދި ވިޔަފާރިތަކަށް ރަނގަޅު އާމްދަނީއެއް ލިބެ އެވެ.

އެހެންކަމުން، މި ބާވަތުގެ ޓޫރިޒަމް އިތުރަށް ފުޅާކުރެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.