Roadha Mihaaru
އަދާލަތު ޕާޓީން ނިންމީ އެމްޑީޕީއާއެކު މަޝްވަރާ ކުރަން!

އަދާލަތު ޕާޓީން ނިންމީ އެމްޑީޕީއާއެކު މަޝްވަރާ އަށް ދާން!

20 ފެބުރުއަރީ 2023

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމުގެ ކުރިން އެމްޑީޕީއާ އެކު މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީން މިރޭ ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމުގެ ކުރިން އެމްޑީޕީއާ އެކު މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީން މިރޭ ނިންމައިފި އެވެ.

މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި އެ ގޮތަށް ނިންީ އެމްޑީޕީއާ އެކު އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަޝްވަރާ އަށް އެދިވަޑައިގެން ސިޔާސީ ޕާޓީތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ފޮނުއްވި ސިޓީފުޅާ މެދު މަޝްވަރާ ކުރުމަށް ފަހުގަ އެވެ.

ރައީސްގެ ސިޓީފުޅު، މި ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމަށް ވެސް ވަނީ ފޮނުއްވައިފަ އެވެ. ނަމަވެސް، އެ ސިޓީއާ މެދު އެ ޕާޓީތަކުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެކަމަކު، ޖުމްހޫރީ ޕާޓީން އަންނަ ހުކުރާއި ހޮނިހިރު ދުވަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސް ގައި އިންތިހާބާ ގުޅޭ މުހިއްމު ނިންމުންތައް ނިންމާނެ ކަމަށް ބެލެވެ އެވެ.

ރައީސްގެ ސިޓީފުޅާ މެދު މަޝްވަރާކުރުމަށް ފަހު، އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އެހެން ވެރިކަންތަކާ އަޅާ ބަލާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރުގައި ކުރެވުނު "ފަހި ތަޖުރިބާ އަށް" ރިއާޔަތްކޮށް، އާ ދައުރަށް އެ މަނިކުފާނަށް ތާއީދު ކުރުމުގެ ކުރިން އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވަނީ ފުރަތަމަ ބުރުގައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވާށެވެ. އެހެންވެ، ދެވަނަ ބުރުގެ ވާހަކައެއް ރިޔާސީ އިންތިހާބުގައި އެ މަނިކުފާނުގެ އެޖެންޑާގައި ނެތެވެ.