Roadha Mihaaru
ދޮޅު މަހުން ސަބްސިޑީއަށް 1.5 ބިލިއަން ރުފިޔާ!

ދޮޅު މަހުން ސަބްސިޑީއަށް 1.5 ބިލިއަން ރުފިޔާ!

22 ފެބުރުއަރީ 2023

ސަބްސިޑީއަށް ދޮޅު މަސް ތެރޭ ދައުލަތުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަބްސިޑީއަށް ދޮޅު މަސް ތެރޭ ދައުލަތުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީގެ ގޮތުގައި އާސަންދައަށް މިހާތަނަށް 390 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ އާސަންދައަށް ކަނޑައެޅި އަދަދުގެ 30 ޕަސެންޓެވެ. އަދި އެހެނިހެން ސަބްސިޑީތަކުގެ ގޮތުގައި 720 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފިއުލް ސަބްސިޑީ އާއި ނަރުދަމާގެ ހިދުމަތާއި ދަތުރުފަތުރާއި ކެނިމެނޭޖްކުރުމާއި މަސްވެރިންނަށް ދޭ ސަބްސިޑީ ވެސް ހިމެނެ އެވެ.

މިއަހަރުގެ ބަޖެޓުގައި ދައުލަތުން ސަބްސިޑީއަށް ވަނީ 6.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން މިހާތަނަށް ވަނީ 20 ޕަސެންޓު ހޭދަކޮށްފަ އެވެ. މި ރޭޓުގައި ކޮންމެ މަހަކު ސަބްސިޑީއަށް ހޭދަކުރާ ނަމަ، މިހާރު ކަނޑައަޅާފައިވާ ސަބްސިޑީ ބަޖެޓު ހަ މަސް ތެރޭ ހުސްވުމުގެ ފުރުސަތު އެބަ އޮތެވެ.

މިދިޔަ އަހަރު ވެސް ވަނީ ބަޖެޓުގައި ކަނޑައަޅާފައި އޮތް މިންވަރަށް ވުރެ އިތުރަށް ސަބްސިޑީ ހަރަދު އިތުރުވެފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ތެލަށް ކުރި ހޭދަ ބޮޑުވުމެވެ. މިދިޔަ އަހަރު 8.4 ބިލިއަން ސަބްސިޑީއަށް ހޭދަކުރި އިރު އޭގެ ތެރެއިން ތެލުގެ ހަރަދަށް 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިއަހަރު ތެލުގެ ސަބްސިޑީއަށް ކަނޑައަޅާފައިވަނީ 588 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ އާމްދަނީ އިތުރުވާ މިންވަރަށް ވުރެ، ހަރަދު އިތުރާ މިންވަރު ހަލުއިވުމަކީ ބަޖެޓު ތަންފީޒުކުރުމަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮން ޖެހުމެވެ. ހަރަދުތައް ބޮޑުވާ އެންމެ ބޮޑު އެއް ސަބަބަކީ ސަބްސިޑީގެ ގޮތުގައި އެކި ކަންކަމަށް ކުރަން ޖެހޭ ހަރަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވުމެވެ. ސަބްސިޑީއަށް ކުރާ ހޭދަ ކުރުމަށް މާލީ އިދާރާތައް ކަމުގައިވާ ވޯލްޑް ބޭންކާއި އައިއެމްއެފް އިން ވަނީ ސަރުކާރަށް ލަފާދީފަ އެވެ.

ސަބްސިޑީތައް މުރާޖާކޮށް މިހާރަށް ވުރެ އެ ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައި އޮތް ނަމަވެސް މިހާތަނަށް އެކަމުގެ މަސައްކަތްތަކެއް ކުރެވިފަ އެއް ނުވެ އެވެ.