Roadha Mihaaru
ބޭނުންވާ މީހާއަށް ސަބްސިޑީ ދިނުން އަވަސްކުރަން ޖެހޭ

ސީދާ ބޭނުންވާ މީހާއަށް ސަބްސިޑީ ދިނުން އަވަސްކުރަން ވެއްޖެ

21 ނޮވެމްބަރ 2023

ކޮވިޑް-19 އިން ސަލާމަތްވެ، އެކަމުން އަރައިގަނެވިއްޖެ އެވެ. އެކަމަކު ދެން އެވަރުގެ އިގްތިސާދީ ކާރިސާއެއް ކުރިމަތިވެއްޖެ ނަމަ ސަލާމަތްވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ، މިހާރު މިއޮތީ އެކަމަށް ތައްޔާރުވެ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭ ވަގުތު އައިސްފަ އެވެ. އެކަން ކުރަން އެންމެ ފުރަތަމަ އަތްލަން ޖެހިފައި މިއޮތީ ސަބްސިޑީތައް ކުޑަ ކުރުމަށެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އިން ސަލާމަތްވެ، އެކަމުން އަރައިގަނެވިއްޖެ އެވެ. އެކަމަކު ދެން އެވަރުގެ އިގްތިސާދީ ކާރިސާއެއް ކުރިމަތިވެއްޖެ ނަމަ ސަލާމަތްވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ، މިހާރު މިއޮތީ އެކަމަށް ތައްޔާރުވެ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭ ވަގުތު އައިސްފަ އެވެ. އެކަން ކުރަން އެންމެ ފުރަތަމަ އަތްލަން ޖެހިފައި މިއޮތީ ސަބްސިޑީތައް ކުޑަ ކުރުމަށެވެ.

ބަޖެޓު ކޮމެޓީގައި ވެސް އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ވިދާޅުވީ، މިއީ ފިޔަވަޅުތައް އެޅުން އަވަސް ކުރަންވީ ވަގުތު ކަމަށެވެ.

"އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން އަޅުގަނޑުމެން އަމާޒު ހިފާނަން ހަރަދު ކުޑަ ކުރުމަށާއި މިހާރު ހިންގޭ ޕްރޮޖެކްޓްތަކުގެ ތެރެއިން ދިވެހިންނަަށް ނަފާ ނުލިބޭ ނަމަ އިކޮނޮމިކަލީ ވަޔަބަލް ނޫން ނަމަ ދެވަނަ ވިސްނުމަކަށް ދާން،" އޭނާ ވިދާޅުވި އެވެ.

އުނދަގޫ ބަދަލެއްް ނަމަވެސް އަަންނަ އަހަރު ސަބްސިޑީ ކުރަ ކުރުމަަށް މަސައްކަތް ކުރަން ޖެހޭ ކަމަަށް އާ މިނިސްޓަރު ވެސް ގަބޫލު ކުރައްވަ އެވެ.

ވޭތުވެދިޔަ ފަސް އަހަރު ސަބްސިޑީ އަށް ވަނީ ދައުލަތުގެ ބަޖެޓުން 32 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ދައުލަތުން ސަބްސިޑީގެ ހަރަދުތަކަށް 2018 ވަނަ އަހަރު 3.4 ބިލިއަން ރުފިޔާ ހޭދަކުރި އިރު މި އަހަރު ނިމޭ އިރު އެ ހަރަދު 9.7 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެހެންވެ ފަސް އަހަރު ތެރޭގައި ސަބްސިޑީ ވަނީ ގާތްގަނޑަކަށް ތިން ގުނަ ބޮޑުވެފަ އެވެ. މި އަދަދު އެހާ ބޮޑުވީ، ތެލުގެ ހަރަދާއި ކަރަންޓާއި އާސަންދައަށް ކުރާ ހޭދަ ބޮޑުވުންދާތީ އެވެެ.ަ

ސަބްސިޑީ އަށް އެކި ދާއިރާތަކުން ކުރާ ހޭދަ އެހާ ބޮޑުވެފައިވާ އިރު މިކަމަށް ހައްލެއް ނުހޯދައިފި ނަމަ ވާނެ ގެއްލުންތައް ވަރަށް ބޮޑެވެ. ސަބްސިޑީ އަށް ގެންނަ ބަދަލުތަކުގެ ސަބަބުން އަންނަ އަހަރު އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 3.9 ޕަސެންޓުގަ އެވެ. އެހެން ނަމަވެސް މިހާރު ސަބްސިޑީ ކުޑަ ކުރުމަކީ އޮޕްޝަނެއް ނޫން ކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވި އެވެ.

"ވަން އޮފްކޮށް އިންފްލޭޝަން މަތިވިޔަސް މިއީ ދައުލަތަށް ޖުމްލަ ގޮތެއްގައި އެންމެ ފައިދާވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ މި ރިޕޯމުކޮށްގެން ކަމަށްވާތީ. މީގެ ސަބަބުން، ޑައިރެކްޓްކޮށް ސަޕޯޓު ކުރަން ޖެހުނީމަ 600 މިލިއަން ރުފިޔާ ހަރަދުވާނެ،" ބަޖެޓާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ސަރުވަޝް ވިދާޅުވި އެވެ.

މި ހާލަތު ދިމާވީ ފިޔަވަޅުތައް އެޅުން ލަސް ކުރުމުން

ފިނޭންސްގެ އިކޮނޮމިސްޓް އަހުމަދު ޒަޔާން މުހައްމަދު ވިދާޅުވީ، އެހެން އަހަރުތަކުގައި ފިސްކަލް ސްޓްރެޓެޖީ ހުށަހަޅީ އަމާޒުތައް ހާސިލު ކުރެވޭ ގޮތަށް ނަމަވެސް އަންނަ އަހަރުގެ ބަޖެޓު އެކުލަވާލަން ޖެހުނީ ވެސް އެކަންކަން ހާސިލު ނުވާ ގޮތަކަށް ކަމަށެވެ. އޭގެ ސަބަބަކީ ދައުލަތުގެ ހަރަދުތައް މާ ބޮޑުވުމެވެ. އާންމު އުސޫލަކީ ފިސްކަލް ސްޓްރެޓެޖީގައި ކަނޑައަޅާ ޓާގެޓުތައް ހާސިލުވާނެ ގޮތައް އޭގެ އަނެއް އަހަރުގެ ބަޖެޓުގެ ކަންކަން ރޭވުމެވެ.

ސަބްސިޑީ ހޭދަކުރާ ދާއިރާތައް ބެހިފައިވާ ގޮތް -- ފޮޓޯ: މިހާރު

ސަބްސިޑީ ހޭދަކުރާ ދާއިރާތައް ބެހިފައިވާ ގޮތް -- ފޮޓޯ: މިހާރު

"މިއީ ފުރަތަމަ އަހަރު އަޅުގަނޑުމެންނަށް ބަޖެޓު ހުށަހަޅައިގެން އަންނަ އަހަރަށް ހުށަހަޅާ ޓާގެޓުތައް ވެސް އެޗީވް ނުކުރެވޭ. އެހެންވީމަ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ބަޖެޓުގައި ކަނޑައެޅި ފިސްކަލް އެންކާތައް

- 2026 ނިމޭ އިރު ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 95 ޕަސެންޓަށް ގެނައުން

- ޕްރައިމަރީ ޑެފިސިޓް ފަސް ޕަސެންޓަށް ގެނައުން

- ޖުމްލަ ދަރަނި ދަށަށް ދާނެ މިސްރާބުގައި ހިފެހެއްޓުން

- ރިކަރަންޓް ހަރަދު، ދައުލަތުގެ އާމްދަނީއަށް ވުރެ އިތުރު ނުވާނެ މިންވަރުގައި ބެހެއްޓުން

ޒަޔާން ވިދާޅުވީ، އެކަންކަން ހާސިލުނުވާ ބަޖެޓެއް ހުށަހަޅަން ޖެހުމުން، ދައުލަތުގެ ބަޖެޓަށް އޮތް ބުރަ ފެނިގެންދާނެ ކަމަށެވެ. އެހެންވެ، ސަބްސިޑީ ރީފޯމަކީ އަންނަ އަހަރަށް އެންމެ މުހިއްމު ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަޔާން ވިދާޅުވީ، ފިޔަވަޅު ނާޅައި މަޑުކުރާ ކޮންމެ އަހަރަކީ މިހާރު ހުށަހަޅާފައި އޮތް ވަރަށް ވުރެ ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވާނެ އަހަރެއް ކަމަށެވެ.

އެއް އަހަރުން އަނެއް އަހަރަށް ސަބްސިޑީއަށް ކުރާ ހޭދަ އަންނަނީ ބޮޑުވަމުން

އެއް އަހަރުން އަނެއް އަހަރަށް ސަބްސިޑީއަށް ކުރާ ހޭދަ އަންނަނީ ބޮޑުވަމުން

އަންނަ އަހަރު އެ ފިޔަވަޅުތައް ނާޅައިފި ނަމަ، ދައުލަތަށް 2.7 ބިލިއަން ރުފިޔާ އިތުރަށް ހޯދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ފައިސާ އަކީ މި ވަގުތު ހޯދަން ފަސޭހަވާނެ އަދަދެއް ނޫނެވެ. އެ ފައިސާ ނުހޯދިއްޖެ ނަމަ، އެހެން ގޮތްގޮތުން ވެސް އެ ހަރަދު ކުޑަ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ މިކަން ޑިލޭ ކުރުމުގެ ޗޮއިސް ވަރަށް ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަހަރު އަޅުގަނޑުމެންގެ ޑެފިސިޓް ފުޅާވެގެން މި ދިޔައީ ސަބްސިޑީ ރީފޯމް ނުގެނައިމަ. އެހެން ނޫން ނަމަ މި އަހަރު ޑެފިސިޓް ކުޑަވާނެތާ. އެހެންވީމަ މި އަހަރު ފައިނޭންސިން ގެޕް މި އޮތީ ފުޅާވެފައި. މިއަހަރު އިތުރަށް ނަގާ ދަރަނިން އަނެއްކާ ކުރިއަށް އޮތްތަނުގައި އިންޓްރެސްޓް ހަރަދު ވެސް ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެންމެ ފަހުން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވެސް ވިދާޅުވީ، މިދިޔަ އަހަރުގެ ބަޖެޓުގައި ކަނޑައެޅި ފިސްކަލް ސޭވިން ނުލިބުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ބަޖެޓަށް ހަރަދުތައް ކުރުން މުހިއްމު ކަމަށެވެ. އޭނާ ވިދާޅުވީ، މިއަހަރު އެކަން ނުކުރެވުނީ ރިޔާސީ އިންތިހާބުގެ އަހަރަށް ވާތީ ކަމަށެވެ.

"ސަބްސިޑީ މި ދެވެނީ ބްލެންކެޓްކޮށް އެންމެންނަށް އެއްވަރަކަށް. އެންމެ މުއްސަނދި މީހާއަށް ވެސް އެންމެ ފަގީރު މީހާއަށް ވެސް. އަޅުގަނޑުމެން އޭރު ކެބިނެޓަށް ވެސް ޕްރެޒެންޓުކޮށް ސިސްޓަމްތައް ވެސް ރެޑީ ކުރިން. އޭގައި އަޅުގަނޑުމެން ވިސްނީ އާބާދީގެ 60 ޕަސެންޓަށް [ސަބްސިޑީ ދޭން]،" އޭނާ ވިދާޅުވި އެވެ.

މީހަކު ފުއް ބަސްތާއެއް އުފުލަނީ: ކާޑަކީ ވެސް ސަބްސިޑީ ކަނޑައަޅާފައިވާ އެއްޗެއް-- ފައިލް ފޮޓޯ: މިހާރު

މީހަކު ފުއް ބަސްތާއެއް އުފުލަނީ: ކާޑަކީ ވެސް ސަބްސިޑީ ކަނޑައަޅާފައިވާ އެއްޗެއް-- ފައިލް ފޮޓޯ: މިހާރު

މިކަންކަން ކުރާނެ ގޮތް އެހާ ސާފުކޮށް އެނގޭ އިރު ވޭތުވެދިޔަ ފަސް އަހަރު އެކަން ނުކުރެވުނީ ކީއްވެތޯ ސުވާލު ކުރުމުން އަމީރު ވިދާޅުވީ، ފުރަތަމަ ފަސް އަހަރު ސަރުކާރަކަށް އެއީ ކުރަން އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެކަމަކު ދެވަނަ ދައުރެއް ލިބުނު ނަމަ އެކަން އެގޮތަށް ކުރުމުގެ ވިސްނުން ވަރަށް ސީރިއަސްކޮށް ގެންގުޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޮލިޓިކްސް ނުވަތަ ރާއްޖޭގެ އިލެކްޝަން ސައިކަލަށް ދުނިޔޭގެ ކަންކަން މަޑެއް ނުކުރޭ. ރާއްޖޭގެ ފިސްކަލް ހާލަތެއް ވެސް މަޑެއް ނުކުރޭ. އެހެންވީމަ މިޖެހެނީ އޭގެ ބެލެންސްއެއް ހޯދަން،"

ސަރުވަޝް ވިދާޅުވީ، ޕޮލިޓިކަލް އިކޮނޮމީއެއްގެ ތެރެއިން ވެސް މުހިއްމު ނިންމުންތައް ނިންމުމުގައި ބެލެންސެއް ގެންގުޅެން ޖެހޭ ކަމަށެވެ.

"ޕޮލިޓިކްސް ނުވަތަ ރާއްޖޭގެ އިލެކްޝަން ސައިކަލަށް ދުނިޔޭގެ ކަންކަން މަޑެއް ނުކުރޭ. ރާއްޖޭގެ ފިސްކަލް ހާލަތެއް ވެސް މަޑެއް ނުކުރޭ. އެހެންވީމަ މިޖެހެނީ އޭގެ ބެލެންސްއެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.

ސަބްސިޑީ މިހެން ދޭނެ މާލީ ފެންވަރެއް ނެތް

ސަބްސިޑީ ދެނީ ހެޔޮ އަގުގައި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދީ، އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދައުލަތުން އެހީތެރިވެދީ، އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭން އެހީވުމަށެވެ. އެހެން ނަމަވެސް މިވަގުތު އެކަން ހާސިލް ވަނީ ހުރިހާ އެންމެންނަށް އެއް ހަމައަކުންނެވެ. އެހެންވެ ދައުލަތުން ކުރަން ޖެހޭ ހަރަދު އެތައް ގުނައެއް އިތުރުވެ އެވެ.

ރާއްޖޭގައި ސަބްސިޑީ ދޭ އުސޫލުގެ ސަބަބުން، އެންމެ މުއްސަދި މީހާއަށް ވެސް މިކަމުން ފައިދާވެ އެވެ. އަދި ވިޔަފާރިތަކަށް ވެސް އޭގެ ފައިދާކުރެ އެވެ. މިކަން ނެޝަނަލް ބިއުރޯ އެފް ސްޓެޓިސްޓިކްސް އިން އާންމު ކުރި ރިޕޯޓުން ވެސް ހާމަވެ އެވެ.

- ހަނޑޫ: 43 ޕަސެންޓް ވަންނަނީ ވިޔަފާރި އާއި ޓޫރިޒަމް ދާއިރާ އަށް

- ހަކުރު: 68 ޕަސެންޓް ވިޔަފާރި އާއި ޓޫރިޒަމް ދާއިރާ އަށް ވަދޭ

- ފުށް: 50 ޕަސެންޓް ވިޔަފާރި އާއި ޓޫރިޒަމް ދާއިރާ އަށް ވަދޭ

ސަބްސިޑީއަށް ކުރާ ހޭދަ އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން ދާ އިރު ބަޖެޓަށް އޭގެ ބުރަ ދަނީ ބޮޑުވަމުންނެވެ. އެކަމަކު މި ހަރަދުތައް މިގޮތަށް ދޭތީ ސަރުކާރުގެ ބާރުގައި ނުހުންނަ ކަންކަން ކުރިމަތިވެ އިތުރަށް ތަކުލީފުތައް ކުރިމަތިވެ އެވެ. މިސާލަކަށް މިދިޔަ އަހަރު 300 މިލިއަން ފިއުލް ސަބްސިޑީއަށް ކަނޑައެޅި ނަމަވެސް އަހަރު ނިމުނު އިރު ދެ ބިލިއަނެއްހާ ރުފިޔާ ހޭދަ ކުރަން ޖެހުނެވެ. އެފަދަ ހާލަތްތަކަށް ސަރުކާރު އޮންނަނީ ތައްޔާރުވެފަ އެއް ނޫނެވެ.

ޒަޔާން ވެސް ފާހަގަކުރެއްވި އެއް ކަމަކީ އެއީ އެވެ. ދުނިޔޭގެ ގައުމުތަކުގައި ވެސް މާލީ އެހީތެރިކަން ވަނީ އެކަމަށް ބޭނުން ޖެހިފައި ތިބޭ މީހުންނަށެވެ. އަދި ސަބްސިޑީ އެގައުމަށް ނިސްބަތް ނުވާ މީހުންނަށް ލިބޭނެ ގޮތްތަކެއް ވެސް ނުހުރެ އެވެ. އެކަމަކު ރާއްޖޭގައި އެކަން ކުރަނީ ދޭސީއެއް ބިދޭސީއެއް ބެލުމެއް ނެތި އެވެ. މިއީ ގައުމު ކިތަންމެ މުއްސަނދިވިޔަސް ކުރަން ޖެހޭ ކަމެއް ނޫނެވެ.

"އިންޑައިރެކްޓް ސަބްސިޑީއެއް އޮތީމަ އާންމު ރައްޔިތަކަށް ފީލެއް ނުވޭ އަސްލު ކޮބައިތޯ މީގެ ހަގީގީ އަގަކީ. އެހެންވެ، ހަރަދު ކުޑަ ކުރާކަށް ނުވިސްނާ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނި 120 ބިލިއަނަށް އެރި އިރު އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. ސަބްސިޑީ ރިޕޯމު ނުކޮށް އެކަން ކުރަން ދަތިވާނެ ކަމަށް ފިނޭންސްގެ ޓެކްޓނިކަލް ޓީމުން ގަބޫލުކުރެ އެވެ.

"ފިސްކަލް ސްޕޭސް ހޯދަން އެބަ މަސައްކަތް ކުރަން ޖެހޭ. ކޮވިޑް-19 އާ އެކީ އާމްދަނީ އެހާ ބޮޑަށް ދަށްވީމަ ހިރާސްތައް ބޮޑުވެފައި ހުރީ. އެއާ އެކު އިތުރު ކްރައިސިސްއެއް ވެސް އައި ތެލުގެ އަގު ބޮޑުވުމާ އެކީގައި. ހުރިހާ ކަމަކާ އެކީ ފިސްކަލް ބަފާސް [މާލީ ތަނަވަސްކަން] ވަރަށް ބޮޑަށް ނިކަމެތިކޮށް. މިސާލަކަށް އިތުރު ކްރައިސިސްއެއް ރާއްޖޭގެ އިގްތިސާދަށް އައިސްފިނަމަ އަޅުގަނޑުމެންނަށް ބެއާއެއް ނުކުރެވޭނެ،" ސަރުވަޝް ވިދާޅުވި އެވެ.

ސަބްސިޑީ ޕެކޭޖުކޮށްފައި ވަކިވަކި މީހުންގެ އެކައުންޓަށް ފައިސާ

ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު ސަބްސިޑީ ރިޕޯމުކުރަނީ ވަކިވަކި ފަރުދުންގެ ހާލަތަށް ބަލައިގެން އެ ފަރާތްތަކުގެ އެކައުންޓަށް ފައިސާ ފޮނުވާ އުސޫލުންނެވެ. އެގޮތުން ކާޑާއި ކަރަންޓާއި ނަރުދަމާ އާއި ތެޔޮ އެއްކޮށްލައިގެން ޕެކޭޖެއްގެ ގޮތުގައި ގޭސީބީއެއްގެ ނިސްބަތުން ފައިސާ ޖަމާކޮށްދޭނީ އެވެ.

އެގޮތުން ވަކި ވަކި ގޭބީސީތަކަށް ސަބްސިޑީދޭން 600 މިލިއަން ރުފިޔާ ވަނީ ކަނޑައަޅަެިފަ އެވެ.

"ވަކިވަކިން ގެންނަ ކަމަށް ވަންޏާ މި ވާ ގޮތަކީ ޓާގެޓެޑް ބޭސްޑް އިންކަމް ވެސް މިދެނީ އެ ހަތަރު ސަބްސިޑީއަށް އެލޮކޭޓްކޮށްގެން. ނޫނީ އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތްތަކެއް ވަރަށް ކޮމްޕްލެކްސް ވާނެ. އެންސްޕާ އިން މިކަމަށް ކުރަން ޖެހޭ މަސައްކަތް ވަރަށް ކޮންމްޕްލިކޭޓްވާނެ،" ޒަޔާން ވިދާޅުވި އެވެ.

ބަޖެޓު ކޮމިޓީގައި މެންބަރުތައް ބަޖެޓުގެ ބައެއް ތަފްސީލުތައް ބައްލަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބަޖެޓު ކޮމިޓީގައި މެންބަރުތައް ބަޖެޓުގެ ބައެއް ތަފްސީލުތައް ބައްލަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބަޖެޓުކޮށްފައިވާ އަދަދަކީ ރާއްޖޭގެ އާބާދީގެ 65 ޕަސެންޓަށް އޭގެ މަންފާ ލިބޭ ގޮތަށެވެ. މިގޮތަށް ސަބްސިޑީ ދޭނީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހަދާފައިވާ ހައުސްހޯލްޑް އިންކަމް ސާވޭގައި އާބާދީގެ އާމްދަނީ މިންކުރެވިފައިވާ ގޮތަށް ބަލައިގެންނެވެ. އެގޮތުން ރާއްޖޭގެ އެންމެ ފަގީރު އާބާދީއަކީ 7،100ރ. އަށް ވުރެ ދަށުން މަހެއްގެ މައްޗަށް ގޭބީސީތަކެވެ. އަދި ދެވަނައަށް އެންމެ ކުޑަ އާމްދަނީއެއް ލިބޭ އާބާދީގެ އާމްދަނީ އުޅެނި 14،700ރ. ގަ އެވެ. އެއަށް ފަހު ތިން ވަނައަށް އާމްދަނީ ބެހިފައިވާ ގޭބީސީތަކުގެ އާމްދަނީ އަކީ 23،100ރ. އެވެ. މިތިން ބަޔަށް ރާއްޖޭގެ މުޅި އާބާދީގެ 60 ޕަސެންޓު ވަނީ ބެހިފަ އެވެ. އެހެންވެ، ޖުމްލަ ގޭބީސީތަކުގެ އާމްދަނީ މި މިންވަރުގައި ހުންނަ ނަމަ ސަބްސިޑީ ޓާގެޓު ކޮށްގެން ލިބޭ ފައިދާ ލިބޭނެ އެވެ.

ސަބްސިޑީއަށް މިބަދަލުތައް ގެންނަން ބަޖެޓުގައި އޮތް ނަމަވެސް، މިކަމުގެ ތަފްސީލުތައް އެކުލަވާލެވި އަމަލު ކުރެވޭނީ ސަރުކާރުން އެކަމަށް އާ ބަސް ބުނާ ހިސާބުންނެވެ. އެހެން ނޫނީ، މިކަން ވެސް ވާނީ އެހެން އަހަރުތަކެކޭ އެއްގޮތަށް ބަޖެޓުގައި ލިޔެލާ ނަންބަރުތަކަށެވެ. އެކަމަކު މިފަހަރުގެ ތަފާތަކީ، މި ނަންބަރުތަކުގެ އަސަރު ކޮންމެވެސް އެއް ސިފައެއްގައި ރައްޔިތުންނަށް ކުރާނެ ކަމެވެ.