Roadha Mihaaru
ފަހަތުން އަރައި މޮޅުވެ ޔުނައިޓެޑް ކުއާޓާ އަށް

ފަހަތުން އަރައި މޮޅުވެ ޔުނައިޓެޑް ކުއާޓާ އަށް

02 މާޗް 2023

މެންޗެސްޓާ (މާޗު 2) - އިނގިރޭސި އެފްއޭ ކަޕުގައި ވެސްޓް ހޭމް ޔުނައިޓެޑުން ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 3-1 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ހޯދިއިރު، ޗެމްޕިއަންޝިޕް ގައި ކުޅޭ ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާ މުބާރާތުން ކަޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (މާޗު 2) - އިނގިރޭސި އެފްއޭ ކަޕުގައި ވެސްޓް ހޭމް ޔުނައިޓެޑުން ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 3-1 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ހޯދިއިރު، ޗެމްޕިއަންޝިޕް ގައި ކުޅޭ ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާ މުބާރާތުން ކަޓައިފި އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހޭމުން ލީޑު ނެގީ 54 ވަނަ މިނިޓުގައި ސައީދު ބެންރަހްމާ ޖެހި ގޯލުންނެވެ. ވެސްޓް ހޭމްގެ މި ގޯލާ އެކު ވަގުތުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ވަނީ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އާއި އެޓީމުގެ އެންމެ މުހިއްމު އެއް ފޯވާޑް މާކަސް ރަޝްފޯޑް ކުޅެން އަރުވައިފަ އެވެ.

ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑުން 72 ވަނަ މިނިޓުގައި ގޯލެއް ޖެހި އެވެ. ހިލޭޖެހުމަކުން ބްރޫނޯ ފެނާންޑޭޒް ނަގައިދިން ބޯޅަ ކަސެމީރޯ ގޯލަށް ފޮނުވާލި ނަމަވެސް ގޯލު ބަލައިނުގަތީ އޭނާ އޮފްސައިޑު ވުމުންނެވެ. އެކަމަކު 77 ވަނަ މިނިޓުގައި ފެނާންޑޭޒް ނެގި ކޯނަރެއް ވެސްޓް ހޭމްގެ ނާޔެފް އަގުއާޑް ބޮލުގައި ޖެހިފައި ގޯލަށް ވަނުމުން ނަތީޖާ އެއްވަރު ވިއެވެ.

ޔުނައިޓެޑް މޮޅުވި ލަނޑު 90 ވަނަ މިނިޓުގައި ޖަހައިދިނީ ރަޝްފޯޑްގެ ބަދަލުގައި ރޭގެ މެޗު ސްޓާޓް ކުރި އަލެހަންޑްރޯ ގާނާޗޯ އެވެ. އަދި ކުޅެން އެރިތާ ދިހަ މިނިޓު ހަމަނުވެ އުޅެނިކޮށް، އިތުރު ވަގުތުގެ ފަސް ވަނަ މިނިޓުގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖަހައިދިނީ ފްރެޑް އެވެ.

ޔުނައިޓެޑް ވަނީ ފާއިތުވި އަށް ސީޒަނުގެ ތެރެއިން ހަތް ސީޒަނުގައި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. ކުއާޓާ އަށް ނުގޮސް ކެޓީ މިދިޔަ ސީޒަނުގައި މިޑްލްސްބަރާ އަތުން ޕެނަލްޓީގައި ބަލި ވެގެންނެވެ. މި މަހު ކުޅޭ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ބައްދަލުކުރާނީ ފުލަމް އާ ދެކޮޅަށެވެ.

ޓޮޓެންހަމް ބަލިކުރުމަށް ފަހު ޝެފީލްޑްގެ ބައެއް ކުޅުންތެރިން އުފާފާޅު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމް ބަލިކުރުމަށް ފަހު ޝެފީލްޑްގެ ބައެއް ކުޅުންތެރިން އުފާފާޅު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޝެފީލްޑްގެ ދަނޑުގައި ރޭ އެ ޓީމުން ޓޮޓެންހަމް ބަލިކުރީ 79 ވަނަ މިނިޓުގައި އިލިމަން އެންޑިއާޔޭ ޖަހައިދިން ގޯލުންނެވެ.

ބެލެވޭ ގޮތުގައި ހަފްތާ ބަންދުގައި ލީގުގައި ޓޮޓެންހަމް ކުޅޭ މެޗަށް ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ސާޖަރީން ރަނގަޅު ވެގެން އަލުން ޓީމާ ހަވާލު ވާނެ އެވެ. ކޮންޓޭގެ ގޯލްބްލޭޑާ ނަގަން ކުރި އޮޕަރޭޝަނަށް ފަހު ޓީމަށް އިރުޝާދު ދިނުމުގައި އިސްކޮށް އުޅުނީ އެސިސްޓެންޓް ކޯޗު ކްރިސްޓިއަން ސްޓެލިނީ އެވެ.

ކުއާޓާ ފައިނަލަށް ދިޔަ އެންމެ ދަށް ޑިވިޝަނުގެ ކްލަބަކީ، ހަތަރު ވަނަ ޑިވިޝަނުގައި ކުޅޭ ގްރިމްސްބީ ޓައުން އެވެ. އެ ޓީމުން ވަނީ ޕްރިމިއާ ލީގު ފުލުގައި އޮތް ސައުތެމްޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗު 2-1 އިން ކާމިޔާބު ކޮށްފަ އެވެ. ކުއާޓާގައި އެ ޓީމު ކުޅޭނީ ބްރައިޓަންއާ ދެކޮޅަށެވެ. އެފްއޭ ކަޕުގައި ރޭ ދެން ކުޅުނު މެޗުން ބާންލީ ވަނީ 1-0 އިން ފްލީޓްވުޑް ޓައުން ބަލިކޮށްފަ އެވެ.

ކުއާޓާ ފައިނަލްގެ މެޗުތައް:

މެންޗެސްޓާ ސިޓީ - ބާންލީ

މެންޗެސްޓާ ޔުނައިޓެޑް - ފުލަމް

ޝެފީލްޑް ޔުނައިޓެޑް - ބްލެކްބާން ރޯވާސް

ބްރައިޓަން - ގްރިމްސްބީ ޓައުން