Roadha Mihaaru
ބައިނަލްއަގުވާމީ ހިންގުންތެރިކަން އޮތީ ފެއިލްވެފައި:މޯދީ

ބައިނަލްއަގުވާމީ ހިންގުންތެރިކަން އޮތީ ފެއިލްވެފައި: މޯދީ

02 މާޗް 2023

ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމުގައި ބައިނަލްއަގުވާމީ މުއައްސަސާތައް ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމުގައި ބައިނަލްއަގުވާމީ މުއައްސަސާތައް ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިއަދު ފެށި، ޖީ20ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ފެށުމުގެ ޖަލްސާގައި ދެއްވި ވީޑިއޯ މެސެޖެއްގައި މޯދީ ވިދާޅުވި ގޮތުގައި ހުރިހާ ގައުމުތަކުގެ އެކުވި މުޖްތަމައު އޮތީ މައްސަލަގަނޑެއްގެ ތެރޭގައިކަން ދުނިޔޭގެ ގައުމުތަކުން ގަބޫލުކުރަންޖެހެ އެވެ.

"މިދިޔަ މަދު އަހަރުތަކުގައި ކުރެވުނު ތަޖުރިބާ އަށް ބަލާއިރު - މާލީ މައްސަލަތައް، މޫސުމަށް އަންނަ ބަދަލުތައް، ކޮވިޑްގެ ވަބާ، ޓެރަރިޒަމާއި ހަނގުރާމަ – ވަރަށް ސާފުކޮށް ފެންނަން އޮތީ ބައިނަލްއަގުވާމީ ހިންގުންތެރިކަން ފެއިލްވެފައިވާކަން،" ބޮޑުވަޒީރު މޯދީ ދެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވި އެވެ.

"އަހަރެމެން އެންމެން އެކުވެގެން ހައްލު ނުކުރެވޭ ފަދަ މައްސަލަތައް، އަހަރެމެންނަށް ކުރެވެން ހުރި ކަންކަމަށް ހުރަސް އެޅިޔަދީގެން ނުވާނެ."

އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާ މި މަހާސިންތާގައި ބޮޑުވަޒީރު މޯދީ ވަނީ، ބައިނަލްއަގުވާމީ މުޖްތަމައުގައި އެންމެ ނާޒުކު ހާލަތުގައި މިވަގުތު ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ތަރައްގީވެފައިވާ ގައުމުތަކަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގައުމުތަކުގެ އެހީތެރިކަން ލިބިގެން ނޫނީ، އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށް ހަމަޖެހުމާއި އިތުބާރާއި އިގްތިސާދީ ކުރިއެރުމާއި ތަރައްގީ ހޯދައެއް ނުދެވޭނެ އެވެ.

މިފަހަރުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ބަހުސް ކުރުމަށް ތާވަލުކޮށްފައި އޮތީ، ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ހަކަތައިގެ ބާވަތްތަކުގެ އަގުތައް އުފުލުމާއި، ގައުމުތަކުގެ ދަރަނީގެ މައްސަލައިގެ އިތުރުން، ކޮވިޑްގެ ވަބާއިން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުން ލަސްވާ މައްސަލަ އެވެ.

ނަމަވެސް ބައެއް ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުގައި ކޮންމެ މައުލޫއަކަށް ބަހުސް ކުރަން ތާވަލު ކުރިޔަސް، މުޅި ބައްދަލުވުމުގެ ވާހަކަތައް އެނބުރޭ ނާރެހަކަށް ވާނީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އެވެ. ޚާއްސަކޮށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަމާޒު ހިފާނީ، މި މަހާސިންތާގައި ވެސް ރަޝިޔާ ކުށްވެރިކުރަން ކަމަށް ވިޔަސް، އެއީ އިންޑިއާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

ރަޝިޔާ އިން ގިނަ އަދަދަކަށް ހަތިޔާރާއި ތެލުގެ ބާވަތްތައް ގަންނަ އިންޑިއާ އިން މިހާތަނަށް ވެސް، ރަޝިޔާ ކުށްވެރިކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ހުޅަނގުގެ ގައުމުތަކުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުންވެސް އިންޑިއާ އެކަމުގައި ބައިވެރިއެއް ނުވެ އެވެ.

ޖީ20ގެ މި ހިނގާ ދައުރުގެ ރިއާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން، ޖީ20ގެ މާލީ ވަޒީރުންގެ ބައްދަލުވުމެއް، މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި އެވެ. ނަމަވެސް މާބޮޑު ނަތީޖާއެއް ނުނެރެވި އެ ބައްދަލުވުން ނިންމައިލި އިރު، ޔޫކްރޭން ހަނގުރާމައިގެ މައްސަލައިގައި ރަޝިޔާ ކުށްވެރިކުރުމާ މެދު އެމެރިކާ އާއި ރަޝިޔާ އާއި ޗައިނާއާ ދެމެދު ހުރި ދެބަސްވުންތައް ހައްލު ނުކުރެވުމުން، މަހާސިންތާގެ ގުޅިފައިވާ ބަޔާނެއް ވެސް ނުނެރެ އެވެ.