Roadha Mihaaru
ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް

ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް

02 މާޗް 2023

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ފެށުމާ އެކު، ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އެޅި އެވެ. އަދި ރަޝިޔާގެ އިގްތިސާދީ މައިނާރު ކަމަށްވާ، އެ ގައުމުގެ ތެލުގެ ވިޔަފާރިން އެ ގައުމުތައް ފެޔަށް ޖެހި، ރަޝިޔާގެ ތެޔޮ ދުނިޔޭގެ ބާޒާރުތަކަށް ނެރެދިނުން ވެސް އެ ގައުމުތަކުން ހުއްޓައިލި އެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ފެށުމާ އެކު، ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އެޅި އެވެ. އަދި ރަޝިޔާގެ އިގްތިސާދީ މައިނާރު ކަމަށްވާ، އެ ގައުމުގެ ތެލުގެ ވިޔަފާރިން އެ ގައުމުތައް ފެޔަށް ޖެހި، ރަޝިޔާގެ ތެޔޮ ދުނިޔޭގެ ބާޒާރުތަކަށް ނެރެދިނުން ވެސް އެ ގައުމުތަކުން ހުއްޓައިލި އެވެ.

އެވަރުން ފުއްދާ ނުލައި، ރަޝިޔާގެ ތެޔޮ ހިފައިގެން ދަތުރުކުރާ ކަނޑު އުޅަނދުތައް ދެނެގަނެ އެފަދަ އުޅަނދުތައް ހުއްޓުވުމުގެ ހަރަކާތްތަކެއް ވެސް އެ ގައުމުތަކުން ފެށި އެވެ. ނަމަވެސް ރަޝިޔާގެ ތެޔޮ މިހާރު ވެސް މެދުކެނޑުމެއް ނެތި ދުނިޔޭގެ ބާޒާރަށް ބަރާބަރަށް ނެރެމުން ދެ އެވެ.

ނަމަވެސް އެކަން އެ ކުރަނީ ކޮން ބައެއްތޯ، ހުޅަނގުގެ ގައުމުތަކުން މިހާރު އަންނަނީ ހައިރާންކަމާ އެކު ސުވާލު އުފައްދަމުންނެވެ. ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަމުން ދާއިރު، ރަޝިޔާގެ ތެޔޮ ބާޒާރަށް ނެރެދޭ ކަނޑުގެ ގާފިލާގައި ބައިވެރިވާ އުޅަނދުތަކުގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

ތެލުގެ ވިޔަފާރި އާއި ތެލުގެ އެކްސްޕޯޓްގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން އަންދާޒާ ކުރާ ގޮތުގައި، ރަޝިޔާގެ ތެޔޮ އުފުލާ ގާފިލާގައި ގާތްގަނޑަކަށް 600 އުޅަނދު ހިމެނެ އެވެ. އެއީ މުޅި ދުނިޔޭގައި މިހާރު ދުއްވާ ތެޔޮ އުފުލާ އެންމެ ބޮޑެތި ޓޭންކަރުތަކުގެ ގާތްގަނޑަކަށް 10 ޕަސެންޓެވެ. އެ އަދަދު މިހާރު ވެސް ދަނީ އިތުރުވަމުންނެވެ.

އެއީ ކޮން ބައެއްގެ މިލްކުގައިވާ އުޅަނދުތަކެއް ކަމެއް، އަދި އެ އުޅަނދުތަކުގެ ދަތުރުތައް ރާވައި އިންތިޒާމު ކުރަނީ ކޮން ބައެއްކަން ވެސް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ރަޝިޔާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، ހުޅަނގުގެ ގައުމުތަކުގެ އާގުބޯޓު ދުއްވާ ކުންފުނިތަކުން ވަނީ، ރަޝިޔާގެ ތެޔޮ އުފުލައިދިނުން ހުއްޓާލައިފަ އެވެ.

ނަމަވެސް އެކަމަށް ހުއްޓުމެއް ނައިސް މިހާރު ވެސް ކުރިއަށް ދަނީ، ގޮތް ނޭނގޭ ބަޔަކު އަޑީގައި ތިބެގެން، ރަޝިޔާގެ ތެލުގެ ވިޔަފާރި ފުޅާކޮށްދޭތީ އެވެ. ހުޅަނގުގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، މިކަން ނުހުއްޓި ކުރިއަށް ދަނީ ގޮތް ނޭނގޭ ބަޔަކު މިވިޔަފާރީގެ ތެރެއަށް ވަދެފައިވާތީ އާއި މަޝްހޫރު ބައެއް ކުންފުނިތައް ވެސް، ސިއްރުން އެކަމުގައި ބައިވެރިވާތީ އެވެ.

އެ ގޮތުން މަޝްހޫރު ޝެލް ކުންފުނީގެ، ދުބާއީ އަދި ހޮންގްކޮންގް ގޮފީގެ ބައިވެރިވުން ވެސް މިކަމުގައި އޮތް ކަމަށް ހުޅަނގުން ޝައްކު ކުރެ އެވެ. އަދި ގޮތް ނޭނގޭ ބަޔަކު ޔޫރަޕްގެ ގައުމުތަކުގެ ބޮޑެތި ޓޭންކަރުތައް ގަނެގެން ވެސް މިކަމުގެ ތެރެއަށް ވަދެއްޖެ އެވެ. އަދި އަނެއް ބަޔަކު މި ކަމުގައި ބައިވެރިވަމުން އަންނަނީ، ބާދަގަނޑުގެ ގޮތުގައި ގޮނޑަށް އުކާލަންވެފައި ހުރި ބާ ބޯޓުތައް ބޭނުންކޮށްގެން ކަމަށް ވެއެވެ.

އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ ނިޔަތުގައި ވިލާތުގެ ގައުމުތަކުން ވަނީ ރަޝިޔާގެ ތެޔޮ ގަތުން އަމިއްލަ އަށް ހުއްޓާލައިފަ އެވެ. އަދި އެ ފިޔަވަޅުތަކަށް ކިޔަމަންވުމުގެ ގޮތުން، އޭޝިޔާގެ ގިނަ ގައުމުތައް ވެސް ވަނީ، ރަޝިޔާ އިން ގަންނަ ތެލުގެ މިންވަރު މަދުކޮށްފަ އެވެ.

ނަމަވެސް އަނެއް ބައެއް ގައުމުތަކުން ވަނީ ރަޝިޔާގެ ތެޔޮ ގަންނަ މިންވަރު އެތައް ގުނައެއް އިތުރުކޮށްފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ކުރީގައި ޗައިނާ އާއި އިންޑިއާ ފާހަގަކޮށްލެވެ އެވެ. އިންޓަނޭޝަނަލް އެނާޖީ އޭޖެންސީން ބުނާ ގޮތުގައި 2022 ވަނަ އަހަރުގެ ތެރޭގައި ރަޝިޔާ އިން ދުވާލަކަށް އެވްރެޖް ގޮތެއްގައި 1.9 މިލިއަން ފީފާގެ ތެޔޮ، ޗައިނާ އަށް ވިއްކާފައިވެ އެވެ. މިއީ 2021 ވަނަ އަހަރާ އަޅައި ބަލާއިރު 19 ޕަސެންޓްގެ އިތުރުވުމެކެވެ.

އިންޑިޔާ އިން މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި ރަޝިޔާގެ ބާޒާރުން އެވްރެޖް ގޮތެއްގައި 900000 ފީފާގެ ތެޔޮ ގަނެފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު ގާތްގަނޑަކަށް 800 ޕަސެންޓްގެ އިތުރުވުމެކެވެ.

ރަޝިޔާ އިން އިންޑިއާ އާއި ޗައިނާ އަށް އެކްސްޕޯޓް ކުރި ތެލުގެ މިންވަރު، މި ހުސްވި ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފަ އެވެ. އެ ދެ ގައުމަށް ރަޝިޔާ އިން އެކްސްޕޯޓްކުރި މިންވަރު އިތުރުވެގެން ދިޔައީ، ކަނޑުމަގުން ރަޝިޔާގެ ތެޔޮ އިމްޕޯޓްކުރުން ވިލާތުގެ ގައުމުތަކުން އެއްކޮށް ހުއްޓައިލުމާ ގުޅިގެންނެވެ.

އިންޑިއާ އާއި ޗައިނާ އަށް ފަހު، ރަޝިޔާގެ ތެޔޮ އެންމެ ގިނައިން ގަންނަ އަނެއް ގައުމަކީ ތުރުކީ ވިލާތެވެ. އެ ގައުމަށް އާންމު ގޮތެއްގައި ގަންނަނީ ރަޝިޔާގައި ސާފުކޮށްފައި ހުންނަ ތެލެވެ.