Roadha Mihaaru
ޑިޖިޓަލް އައިޑީ ބޭނުންކުރާނީ ރައްކާތެރިކަން ލިބުމުން

ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރާނީ އާންމުންގެ ޒާތީ މައުލޫމާތު ރައްކާތެރިވާނެކަން ޔަގީންވީމަ: އެންސީއައިޓީ

02 މާޗް 2023

ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފަށާނީ އާންމުންގެ ޒާތީ މައުލޫމާތު ރައްކާތެރިވާނެ ކަން ޔަގީންކޮށްފައި ކަމަށް އެންސީއައިޓީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފަށާނީ އާންމުންގެ ޒާތީ މައުލޫމާތު ރައްކާތެރިވާނެ ކަން ޔަގީންކޮށްފައި ކަމަށް އެންސީއައިޓީން މިއަދު ބުނެފި އެވެ.

ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ޓެކްނޮލޮޖީއާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިއީ އާންމުންނަށް ރައްކާތެރި ހިދުމަތަކަށް ހެދުމަށް ގާނޫނުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިދިޔަ އަހަރު އަމަލުކުރަން ފެށި ޕޭމަންޓް ހިދުމަތްތަކާ ބެހޭ ގާނޫނަކީ ވެސް މި ހިދުމަތް ދިނުމުގައި އާންމުންގެ ރައްކާތެރިކަމަށް މުހިންމު ގާނޫނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރައިވެސީ އެންޑް ޑާޓާ ޕްރޮޓެކްޝަން ގާނޫނެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ގާނޫނު ޕްރައިވެސީ އެންޑް ޑާޓާ ޕްރޮޓެކްޝަން ގާނޫނު] ގެނައުމުގެ ކުރިން މި އައިޑެންޓިޓީއަކީ ޕްރައިވެޓް ސެކްޓާއަށް، އޭގެ މައުލޫމާތު ނެގޭ ގޮތަށް ދޫކޮށްލާނެ އެއްޗެއް ނޫން. އެ ގާނޫނު އައީމަ އޭގެން މައުލޫމާތު ނެގޭ ގޮތަށް ދޫކޮށްލާނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިއީ ރައްކާތެރި ހިދުމަތެއްތޯ ޔަގީންކުރުމަށް މައިގަނޑު ތިން އަސާސެއް ގެންގުޅޭނެ ކަމަށެވެ. އެއީ؛

• ޑިޖިޓަލް އައިޑީ ކާޑަކީ ހަދަން ފަސޭހަ ކާޑަކަށް ވުން.

• ބޭނުންކުރަން ފަސޭހަ ކާޑަކަށް ވުން.

• މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށްދޭ، އެ މީހެއްގެ ޒާތީ މައުލޫމާތުގެ މައްޗަށް އެ މީހަކު ބާރުވެރި ކުރުވާ ކާޑަކަށް ވުން.

ޑިޖިޓަލް އައިޑީކާޑުގެ ޑިޒައިން އިންނަ ގޮތް.

ޑިޖިޓަލް އައިޑީކާޑުގެ ޑިޒައިން އިންނަ ގޮތް.

ޝަރީފް ވިދާޅުވި ގޮތުގައި، މި ހިދުމަތް ބޭނުންކުރާ މީހުންނަކީ އޭގެ އަސްލު ވެރިފަރާތްތޯ ކަށަވަރުކުރުމަށް ގިނަ އުކުޅުތަކެއް ބޭނުންކުރާނެ އެވެ. އޭގެ ތެރޭގައި އޯޓީޕީ އާއި އީމެއިލް އާއި ފޭސް އައިޑީ އަދި ފިންގަޕްރިންޓް ހިމެނެ އެވެ. އަދި މި ޑިޖިޓަލް ކާޑު ބޭނުންކޮށްގެން ދައުލަތުގެ އިދާރާއެއްގެ ކައުންޓަރަކަށް ގޮސް ހިދުމަތް ހޯދައިރު ވެސް އެއީ އަސްލު ވެރިފަރާތްތޯ ޗެކްކުރާނެ ގޮތްތައް ހުންނާނެ އެވެ.

ޑިޖިޓަލް އައިޑީ ތައާރަފުކުރުމުން މީހުންގެ ޒާތީ މައޫލޫމާތު ގެއްލުމުގެ ފުރުސަތު ކުޑަވެ، އޭގެ ބޭނުން އެހެން މީހަކު ހިފުމަށް އޮތް ފުރުސަތު ވެސް ކުޑަކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މީގައި ބަހައްޓަން ބޭނުންވާ މައުލޫމާތުގެ ކޮންޓްރޯލް އޮންނާނީ އެ މީހެއްގެ އަތުގަ އެވެ. މި ނިޒާމުގެ ތެރޭގައި އެ މީހަކު ބަހައްޓަން ބޭނުންނުވާ މައުލޫމާތެއް ނުބެހެއްޓޭނެ އެވެ.

މި ކާޑުގައި ހުރި މައުލޫމާތު ރުހުމާއެކު، އެހެން މީހަކަށް ހިއްސާކުރެވޭނީ ކިއުއާރު ކޯޑަކުން ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ ކިއުއާރު ކޯޑަކީ 15 ސިކުންތުން ބަދަލުވާ ކޯޑެއް ކަމަށާއި އެ ކޯޑުގެ ފޮޓޯއެއް ނަގައިގެން ގޮސް ފަހުން އެ މައުލޫމާތު ނުހޯދޭނެ ކަމަށެވެ. އަދި އެ ކިއުއާރް ކޯޑުން މައުލޫމާތު ނެގޭނީ ހަމައެކަނި އެކަމުގެ ހުއްދަ އޮންނަ މީހުންނަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، މި ނިޒާމުގެ ތެރެއިން، ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް، ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ޑިޖިޓަލް އައިޑީއެއް އުފެދި އެ މީހަކާ ގުޅޭ ހުރިހާ މައުލޫމާތެއް އެއް ޕްލެޓްފޯމެއްގައި ބެހެއްޓޭނެ އެވެ. އެ މައުލޫމާތު ލިބެން ހުންނާނީ އައިޑީ ނިސްބަތްވާ މީހާގެ އިތުރުން، މިހާރު ވެސް އާންމުންގެ މައުލޫމާތު ބަލަހައްޓަން ލާޒިމުވާ އިދާރާތަކުގައި އެކަނި ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ޑިޖިޓަލް އައިޑީ ޓެސްޓްކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންގެ 500 މީހަކަށް ދީފަ އެވެ. އެންސީއައިޓީން އެ ފުރުސަތު ހުޅުވާލީ އެއްފަހަރާ ގިނަ ބަޔަކު މި ހިދުމަތް ބޭނުންކުރަން ފެށުމުން އަންނާނެ ބަދަލުތައް ދެނެގަނެ، ރަނގަޅުކުރަން ޖެހޭ ކަންތައްތައް ބެލުމަށެވެ.

އެ ހިދުމަތް ތައާރަފުކުރުމުން ކޮންމެހެން އަތުގައި ފިޒިކަލް އައިޑީ ކާޑެއް އޮތުން މަޖުބޫރެއް ނުވާނެ އެވެ. ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ހުރިހާ ހިދުމަތެއް ހޯދޭނެ އެވެ. ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފެށިޔަސް، ބޭނުން ނަމަ ކާޑު ޕްރިންޓް ވެސް ކުރެވޭ ގޮތަށް ހަދަން ސަރުކާރުން އޮތީ ޕްލޭންކޮށްފަ އެވެ.