Roadha Mihaaru
ވެންޓިލޭޓަރުތަކުގެ މައްސަލާގައި އަމީރު މަޖިލިހަށް!

ވެންޓިލޭޓަރުތައް ގަންނަން ފައިސާ ދޫކުރި މައްސަލައާ ގުޅިގެން އަމީރު މަޖިލިހަށް ހާޒިރުކުރަނީ

05 މާޗް 2023

ކޮވިޑްގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދޭން ވެންޓިލޭޓަރުތައް ރާއްޖެ ގެނެސްދިނުމަށް ދުބާއީގެ ކުންފުންޏާ ހަވާލު ކުރުމުގައި ހިންގާފައިވާ ކަންކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް ހާޒިރުކުރަން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކޮވިޑްގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދޭން ވެންޓިލޭޓަރުތައް ރާއްޖެ ގެނެސްދިނުމަށް ދުބާއީގެ ކުންފުންޏާ ހަވާލު ކުރުމުގައި ހިންގާފައިވާ ކަންކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް ހާޒިރުކުރަން ނިންމައިފި އެވެ.

ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ އަފީފު، އަމީރާ ސުވާލު ކުރުމަށް ހުށަހަޅުއްވާފައި ވާތީ މާދަމާގެ ޖަލްސާ އަށް އެ ސުވާލުތައް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ކޮވިޑުގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި ދިވެހި ސަރުކާރުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް 34 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ނުބަލަ އެވެ.

ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ. އެކަމަކު، އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ނުފޮނުވަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ.

އަމީރު މަޖިލީހަށް ހާޒިރުކުރަން އަފީފް ހުށަހެޅުއްވީ ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި، ދައުލަތުގެ މާލިއްޔަތަށް ޒިންމާވާން ޖެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ މާލިއްޔަތުގެ ގަަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އެގްޒެކިއުޓާސް އަށް ފައިސާ ދޫކުރި ސަބަބު އޮޅުންފިލުވުމަށެވެ. އެ ފައިސާ ދޫކުރި، ފިނޭންސް މިނިސްޓްރީގެ މުވައްޒަފަށް ފިޔަވަޅު އެޅިތޯ ވެސް އަފީފްގެ ސުވާލުގައި ވެ އެވެ.

އެކަމަކު، އެ މައްސަލަ އެންމެ ބޮޑުވި ދުވަސްވަރު އެ މައްސަލާގައި މާ ބޮޑެތި ފިއްތުންތަކެއް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އަމީރަށް ނުކުރައްވަ އެވެ. އޭރު މެމްބަރުން ބޮޑަށް އަމާޒު ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ ކަމާ ގުޅޭ ބައެއް މުވައްޒަފުންނަށެވެ. އެ ޕްރެޝަރުތަކާއެކު އަމީން ވެސް މަގާމުން އިސްތިއުފާ ދެއްވީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އަމީރު މީގެ ކުރިން ވިދާޅުވެފައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ދޫކުރަން ހުއްދަ ދެއްވާފައި ނުވާނެ ކަަމަށެވެ.

އަމީރު ވިދާޅުވީ އެގްޒެކިއުޓާސް އަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެކެވެ. އެ ކުންފުންޏަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 75 ޕަސެންޓް ދައްކައިގެން ނޫން ގޮތަކަށް ވެންޓިލޭޓަރުތައް ލިބެން ނެތްކަން ހެލްތު މިނިސްޓްރީން އެންގި ކަމަށާއި ވީ އެންމެ އަވަހަކަށް ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ރައްޔިތުންގެ ފުރާނައަށް ނުރައްކާ އޮތް ކަން އޭރު ސިއްހީ މާހިރުންގެ ލަފާކުރުންތަކުން ވެސް ފެންނަން އޮތުމުން ފައިސާ ދެއްކީ ކަމަށެވެ.

އެ މައްސަލައިގައި މާދަމާ އަމީރު މަޖިލީހަށް ހާޒިރު ކުރާއިރު، ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރުމުގައި ހިނގި ކަންތައްތަކާ ގުޅިގެން ތިން މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.

އެއީ އެއީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.

އެ މައްސަލައިގައި ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދަން އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ރާއްޖޭގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ.