Roadha Mihaaru
ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 98 މިލިއަން ރުފިޔާ

ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން ބަޖެޓުން 98 މިލިއަން ރުފިޔާ ހިމަނައިފި

09 ނޮވެމްބަރ 2020

ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އިމާރާތް ކުރުމަށް އަންނަ އަހަރަށް ލަފާކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުން 98 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އިމާރާތް ކުރުމަށް އަންނަ އަހަރަށް ލަފާކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުން 98 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އެންމެ އިސްކަންދީފައިވާ ސިއްހީ ދާއިރާ އަށް ހަތަރު ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ. އޭގައި، ކޮވިޑް-19 އާ ދެކޮޅަށް އާއްމު ސިއްހީ ދާއިރާ އިން މިހާރު ވެސް ކުރާ މަސައްކަތްތަކަށް ބަޖެޓު ކަނޑައަޅާފައި ވެ އެވެ.

ކެންސަރު ހޮސްޕިޓަލްގެ މަސައްކަތަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނިއިރު، އިންޑިއާގެ އެހީގައި ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލް އަޅަން އޮތީ މާ ކުރިން ނިންމައިފަ އެވެ. ނަމަވެސް އެ ހޮސްޕިޓަލް ލ. ގަމަށް ބަދަލުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގައި އެދިފަ އެވެ.

އަމީރު ވިދާޅުވީ ސިއްހީ ދާއިރާއިން އަލަށް ފަށަން ކަނޑައަޅާފައިވާ މުހިއްމު އެއް މަޝްރޫއަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ކެންސަރު ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަޝްރޫއު ކަމަށެވެ. މި މަޝްރޫއު ވެގެންދާނީ ކެންސަރާއި ގައިންގަޔަށް ނާރާ ބަލިތަކުން މީހުން މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 ޕަސެންޓަށް ދަށްކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލްވުމަށް މުހިއްމު މަޝްރޫއަކަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑަށް ވެކްސިނެއް ފެނިއްޖެނަމަ އެ ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ބަޖެޓުން ޖާގަ ދެވިފައިވާނެ ކަމަށެވެ.

އޯގާތެރި ސަރުކާރުގެ އެއް އަސާސަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުން ކަމަށާއި އެގޮތުން އެ ދާއިރާއިން ސަރުކާރުން ކުރަމުންގެންދާ އެންމެ މުހިއްމު އެއް ކަމަކީ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ސިއްހީ ހިދުމަތް ތަރައްގީކުރުން ކަމަށް ވިދާޅުވި އެވެ. ޓާޝަރީ ފެންވަރަށް އެ ހޮސްޕިޓަލްތައް ތަރައްގީކުރުމަށް މި އަހަރުގެ ބަޖެޓުން ފެށުނު މަޝްރޫއުތައް އަންނަ އަހަރު ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ވެސް މި ސަރުކާރުން ސިއްހީ ދާއިރާއަށް ކުރަމުން އަންނަ ބޮޑެތި އިންވެސްޓްމަންޓުތަކުގެ ސަބަބުން މި ލޮކްޑައުންގެ ތެރޭގައި ވެސް ރައްޔިތުންނަށް އޭގެ ފައިދާ އިންތިހާއަށް ލިބެމުންދާ ތަން ފެނިފައިވާ ކަމަށެވެ.

"..2021 ވަނަ އަހަރު ކުރުމަށް ނިންމާފައިވާ އިންވެސްޓްމަންޓުތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް މިހާތަނަށް އަންނާނެ އެންމެ ބޮޑު އިންގިލާބީ ބަދަަށް ވެގެންދާނެ. މީގެ އިތުރުން އަތޮޅުތެރޭގައި ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތް ފުޅާކުރުމާއި ފަސޭހައިން ލެބޯޓްރީގެ ހިދުމަތްތައް ލިބޭނެ މަގު ފަހިކުރުމަށް މޮބައިލް ލެބްގެ ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި މިދިޔަ އަހަރު އަހަރު މެންޓަލް ހެލްތު ސެންޓަރެއް މާލޭގައި ހުޅުވުމަށްފަހު އަންނަ އަހަރުގެ ބަޖެޓުން ވަނީ ހެލްތު ސެންޓަރުގެ ޔުނިޓުތައް އަތޮޅުތެރޭގައި ގާއިމްކުރަން ރާވައިފަ އެވެ.