Roadha Mihaaru
އެމެރިކާގެ ދިފާއީ ވަޒީރު މެދުއިރުމައްޗަށް

އެމެރިކާގެ ދިފާއީ ވަޒީރު މެދުއިރުމައްޗަށް

06 މާޗް 2023

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން، މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރެއްގައި ޖޯޑްންގެ ވެރިރަށް އަންމާނަށް ވަޑައިގެން، އެ ގައުމުގެ ރަސްގެފާނު އަބްދުﷲއާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން، މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރެއްގައި ޖޯޑްންގެ ވެރިރަށް އަންމާނަށް ވަޑައިގެން، އެ ގައުމުގެ ރަސްގެފާނު އަބްދުﷲއާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

އޭނާގެ މި ދަތުރުގައި ޖޯޑްންގެ އިތުރުން މިސްރަށާއި އިޒްރޭލަށް ވެސް ވަޑައިގަންނަވާނެ ކަމަށް، ދަތުރަށް އަރާވަޑައިގަންނަވަމުން ކުރެއްވި ޓުވީޓެއްގައި ލޮއިޑް އޯސްޓިން ވިދާޅުވި އެވެ. އެމެރިކާ ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި ދިފާއީ ވަޒީރުގެ މި ދަތުރުގެ މައިގަނޑު ބޭނުމަކީ، އީރާންގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތައް އިތުރުވަމުން ދާ މި ދަނޑިވަޅުގައި ވެސް، އެމެރިކާގެ ބައިވެރިންނާ އެކުގައި އެމެރިކާ އޮންނާނެ ކަމުގެ ޔަގީންކަން ދެއްވުމެވެ.

އޭގެ އިތުރުން، ތައިވާންގެ މިނިވަންކަމުގެ މައްސަލައިގައި ޗައިނާގެ ކަންކަމަށާއި ޔޫކްރޭން ހަނގުރާމައިގެ މައްސަލައިގައި ރަޝިޔާއާ ދެކޮޅަށް މަސއްކަތް ކުރަމުން ދިޔަ ނަމަވެސް، މެދުއިރުމަތީގައި އޮތް އެމެރިކާގެ ރަހުމަތްތެރި ގައުމުތަކުގެ މަތިން ހަނދާން ނުނެތޭކަން ޔަގީންކޮށްދެއްވުމަކީ ވެސް މި ދަތުރުގެ ބޭނުމެކެވެ. އަދި އެ ހުރިހާ މައްސަލަތަކެއް ހިނގަމުން ދާއިރު ވެސް، މެދުއިރުމަތީގެ ސުލްހަޔަކީ އެމެރިކާ އެންމެ ބޮޑަށް އިސްކަންދޭ ކަންތައް ކަން ސަރަހައްދުގެ ބައިވެރިންނަށް ޔަގީންކޮށްދެއްވުމަށް ވެސް ދިފާއީ ވަޒީރު މަސައްކަތް ކުރައްވާނެ އެވެ.

ދިފާއީ ވަޒީރުގެ މިދަތުރުގައި ޖޯޑްން އާއި މިސްރު އަދި އިޒްރޭލުގެ ވެރިންނާ އެކުގައި ބައްދަލު ކުރައްވައި، އީރާންގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކާ މެދު އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރައްވާނެ އެވެ. އަދި އެމެރިކާ އާއި ރަހުމަތްތެރި ގައުމުތަކުގެ ވައިގެ ދިފާއީ ނިޒާމުތައް އެކުގައި މަސައްކަތް ކޮށްގެން، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ވެސް މަޝްވަރާ ކުރައްވާނެ ކަމަށް، އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނެ އެވެ.

އެމެރިކާ އިން ދެކޭ ގޮތުގައި އީރާންގެ ފަރާތުން މެދުއިރުމަތީގެ އަދި އެމެރިކާގެ މަސްލަހަތަށް ނުރައްކާވާ ވަރަށް ގިނަ ދާއިރާތައް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އީރާނުން ހަތިޔާރު އުފެއްދުމާއި، ހަނގުރާމަވެރި ޖަމާއަތްތަކަށް ހޭދަކުރުމާއި އަސްކަރީ ތަމްރީންތައް ދިނުމާއި، ވިޔަފާރި އުޅަނދުތަކާ ދެކޮލަށް ކަނޑުމަތީގައި ހިންގާ އަސްކަރީ ހަރަކާތްތަކާއި، ސައިބާ ހަމަލާތަކާއި، އީރާންގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި ޑްރޯން އުފެއްދުމުގެ ސިނާއަތް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އެމެރިކާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އީރާނުން ތަރައްގީ ކުރަމުން އަންނަ އެ ގައުމުގެ ނިއުކްލިއާ މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން ޔޫރޭނިއަމް ފައްކާކުރަމުން އަންނަނީ ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަށް ކަމަށް އެމެރިކާ އިން ތުހުމަތު ކުރިޔަސް، އީރާނުން އެކަމަށް އިންކާރު ކުރެ އެވެ.

އެމެރިކާގެ ދިފާއީ ވަޒީރުގެ މި ދަތުރުގައި، އިޒްރޭލަށް ވަޑައިގެން އެ ގައުމުގެ ވެރިންނާ އެކުގައި ކުރައްވާ މަޝްވަރާތަކުގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ އުދުވާނީ އަމަލުތަކުގެ ސަބަބުން ހިނގާ ހަމަނުޖެހުންތައް މައިތިރި ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ އެވެ.