Roadha Mihaaru
ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި ޖޯޑަން ނިންމައިފި

ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި އުރުދުން އިން ނިންމައިފި

18 އޮކްޓޯބަރ 2023

ގާހިރާ (އޮކްޓޯބަރު 18) - ގާޒާގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އެދިވަޑައިގަތުމަކަށް މިއަދު ބާއްވަން އޮތް ބައްދަލުވުމުގައި ބައިވެރިނުވާން މިސްރާއި އުރުދުން އިން ނިންމައިފި އެވެ.

ގާހިރާ (އޮކްޓޯބަރު 18) - ގާޒާގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އެދިވަޑައިގަތުމަކަށް މިއަދު ބާއްވަން އޮތް ބައްދަލުވުމުގައި ބައިވެރިނުވާން މިސްރާއި އުރުދުން އިން ނިންމައިފި އެވެ.

ރައީސް ބައިޑެންއާ އެކުގައި މަޝްވަރާ ކުރެއްވުމަށް ދައުވަތު ދެއްވާފައި އޮތީ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާހާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އާއި އުރުދުންގެ ރަސްގެފާނު އަބްދުﷲ އަށެވެ. މި ބައްދަލުކުރެއްވުން ބާއްވަން ތާވަލު ކޮށްފައި އޮތީ، މިއަދު މެންދުރު ފަހު އުރުދުންގެ ވެރިރަށް އަންމާންގަ އެވެ.

ބައިޑެން އަރަބި ވެރިންނާ އެކުގައި އުރުދުންގައި ބައްދަލުކުރެއްވުމަށް ނިންމެވީ، އިޒްރޭލާ އެކުގައި އެމެރިކާ އޮތްކަން ސާބިތުކޮށްދިނުމުގެ ގޮތުން، އިޒްރޭލަށް މިއަދު ކުރައްވާ ދަތުރުގެ ތެރޭގަ އެވެ. މި ބައްދަލުވުމަށް ޖޯޑަންގެ އަބްދުﷲ ރަސްގެފާނާއި މިސްރުގެ ރައީސް ސީސީ ދެކޮޅު ހެއްދެވީ، ގާޒާގެ އަލް އަހުލީ ހޮސްޕިޓަލަށް ރޭ އިރާކޮޅު އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލުމާ ގުޅިގެންނެވެ.

އައްބާސް ވެސް މިހާރު ވަނީ ބައިޑެންއާ ބައްދަލުކުރެއްވުމަށް ޖޯޑަން އަށް އިއްޔެ ވަޑައިގަތުމަށް ފަހު، ހޮސްޕިޓަލުގެ ހަމަލާއާ ގުޅިގެން، އެ ބައްދަލުކުރެއްވުން ކެންސަލް ކުރައްވައި އެނބުރި ރާމަﷲ އަށް ވަޑައިގެންފަ އެވެ. ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ފަލަސްތީނު ސަރުކާރުން ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާން ކޮށްފަ އެވެ.

ރައީސް ބައިޑެން އިޒްރޭލަށް މި ވަޑައިގަންނަވަނީ، އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މިމަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން، އަގްސާ ތޫފާންގެ ނަމުގައި ފެށި ހަނގުރާމައިގައި، އެމެރިކާ އޮތީ އިޒްރޭލާ އެކުގައިކަން ސާބިތުކޮށްދިނުމުގެ ގޮތުންނެވެ.

ހަމާސް އަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ހަމަލާ ދޭން ފެށުމާއެކު، އެމެރިކާ އިން ވަނީ އެކަމަށް ހިތްވަރުދީ، އިޒްރޭލަށް ހަތިޔާރު ފޮނުވަން ފަށައިފަ އެވެ. އަދި މި ހަނގުރާމައިގެ ތެރެއަށް އީރާން ވަދެދާނެ ކަމުގެ ނުރައްކާ އޮތުމާއެކު، އެމެރިކާ އިން ވަނީ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ ދެ މަނަވަރާއި އެ ދެ މަނަވަރާ އެކުގައި ދަތުރުކުރާ އެހެން މަނަވަރުތައް އިޒްރޭލުގެ ހުޅަނގު ފަރާތު އައްސޭރިއަށް ފޮނުވައިފަ އެވެ.

އޭގެ އިތުރުން މި ހަނގުރާމަ ފެށުމާއެކު، އެމެރިކާގެ ފުރިހަމަ ތާއީދާއި މަދަދު ލިބޭނެކަން ޔަގީންކޮށްދީ ޔަހޫދީންނަށް ހިތްހަމަޖެހުން ހޯދައިދިނުމުގެ ގޮތުން، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ވެސް އިޒްރޭލަށް ފޮނުއްވި އެވެ. ބްލިންކެން މިހާރު ވެސް ހުންނެވީ އިޒްރޭލުގަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން، ބައިޑެން އިޒްރޭލަށް ވަޑައިގަތުމަށް ނިންމެވުމުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ވަރުގަދަކޮށް ފުޅާކުރުމަށް އެމެރިކާ ބޭނުންވާ މިންވަރު ހާމަވެ އެވެ.

އަގްސާ ތޫފާންގެ ނަމުގައި ހަމާސް އިން ފެށި ހަނގުރާމަ އަށް މިއަދަށް 12 ދުވަސްވީ އިރު، ހަމާސްގެ ހަމަލާތައް ހުއްޓުވުމުގައި އިޒްރޭލަށް އެދެވޭ ކުރިއެރުމެއް ނުހޯދެ އެވެ. ނަމަވެސް ގާޒާ އަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ފަލަސްތީނުގެ އާންމު ރައްޔިތުންގެ ތެރެއިން 3500 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުކޮށްލައިފި އެވެ.

ހަމާސްގެ ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ހަމާސްއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ފަލަސްތީނުން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 11000 އަށް ވުރެ ގިނަ މަތިވެފަ އެވެ. ދެ ހާހެއްހާ ގެދޮރު ބިމާ ހަމަވެ، 1.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި ހާލުގައި ޖެހިފަ އެވެ.

މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ފެށި ހަނގުރާމައިގައި ދިން ހަމަލާތަކުގައި މަރުވި އިޒްރޭލު ރައްޔިތުންގެ އަދަދު 1400 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 304 މީހަކު ވެސް ހިމެނޭއިރު، ޒަޚަމްވި އިޒްރޭލު މީހުންގެ އަދަދު ވަނީ 3900 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.