Roadha Mihaaru
ގްރީސްގެ ރޭލު އެކްސިޑެންޓުގެ ރުޅީގައި ބޮޑު މުޒާހަރާއެއް

ގްރީސްގެ ރޭލު އެކްސިޑެންޓުގެ ރުޅީގައި ބޮޑު މުޒާހަރާއެއް

06 މާޗް 2023

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭ އިރާކޮޅު، ގްރީސްގެ މެދުތެރޭ ސަހަރެއް ކަމަށްވާ ޓެމްޕީގައި، އެއް ރޭލުދަގަނޑު މަތިން އެއް ވަގުތަކާ ދެކޮޅަށް ދަތުރުކުރި ދެ ރޭލު މުޑިއަރައި 57 މީހަކު މަރުވުމާ ގުޅިގެން އާންމުން ރުޅިގަދަވެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭ އިރާކޮޅު، ގްރީސްގެ މެދުތެރޭ ސަހަރެއް ކަމަށްވާ ޓެމްޕީގައި، އެއް ރޭލުދަގަނޑު މަތިން އެއް ވަގުތަކާ ދެކޮޅަށް ދަތުރުކުރި ދެ ރޭލު މުޑިއަރައި 57 މީހަކު މަރުވުމާ ގުޅިގެން އާންމުން ރުޅިގަދަވެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.

ވެރިރަށް އެތެންސްގައި ހުންނަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ކުރިމައްޗަށް އެތައް ހާސް ބަޔަކު އިއްޔެ އެއްވެ ކުރި މުޒާހަރާގައި މަގުމަތީގައި ހުރި އުޅަނދުތަކުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގި އެވެ. އަދި އެ މުޒާހަރާ ރޫޅައިލުމަށް ފުލުހުން އެ ސަރަހައްދަށް ދިއުމުން، މުޒާހަރާގެ ބައިވެރިން ވަނީ ދަގަނޑުބުރިއާއި ލަކުޑި ފަދަ ތަކެތިން ހަމަލާދީ، ޕެޓްރޯލް ބޮން އުކައި ފުލުހުންނާ ކުރިމަތިލުން ހިންގައިފަ އެވެ.

މުޒާހަރާގެ ބައިވެރިން ބުނި ގޮތުގައި އެފަދަ ނުރައްކާތެރި ހާދިސާއެއް ހިނގީ، ރޭލުވޭގެ މުވައްޒަފުންގެ ފަރުވާ ކުޑަކަމުންނެވެ. ދެ ރޭލު މުޑިއަރާ ގޮތަށް، އެއް ވަގުތެއްގައި އެއް ރޭލުދަގަނޑު މަތިން ދެކޮޅަށް ދެ ރޭލު ދަތުރުކުރަމުން ދިޔައީ، ކަމާ ބެހޭ މުވައްޒަފުންގެ ފަރުވާ އިންތިހާއަށް ކުޑަވުމުން ކަމަށް ވެސް އެ މީހުން ބުނެ އެވެ.

އެހެންކަމުން، ރޭލު ދަތުރުގެ ޚިދުމަތްތަކާ ބެހޭ ހުރިހާ ގަވާއިދުތަކާއި ސަލާމަތީ މިންގަނޑުތައް އަލުން މުރާޖައާކޮށް، އެފަދަ ހާދިސާއެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށް، މުޒާހަރާގެ ބައިވެރިން ގޮވައިލި އެވެ.

ގާނޫނު ހަދާ މަޖިލީގެ ކުރިމަތިން އޮންނަ ސީންޓަގްމާ މައިދާނުގައި އިއްޔެ ބޭއްވި މުޒާހަރާގައި މަދުވެގެން 12000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރޭގައި ގިނައީ ހައި ސްކޫލް އަދި ޔުނިވަސިޓީ ދަރިވަރުންނާއި ރޭލުވޭގައި މަސައްކަތް ކުރާ މީހުންނެވެ.

ސުލްހަވެރި ގޮތުގައި އިއްޔެ ފެށި މުޒާހަރާ ވަކި ހިސާބަކުން ހޫނުވެގެން ދިޔައީ، މުޒާހަރާގެ ބައިވެރިންގެ ތެރެއިން، ކަޅު ހެދުމުގައި މޫނު ފޮރުވައިގެން ތިބި 200 ވަރަކަށް މީހުންގެ ގުރޫޕަކުން، އެ ސަރަހައްދުގައި ތިބި ފުލުހުންގެ ތެރެއަށް ޕެޓްރޯލް ބޮމާއި، ފަސްއޮށާއި ހިލައާއި ހުސް ފުޅި ފަދަ ތަކެތި އުކަން ފެށުމާ ގުޅިގެންނެވެ. އެއާ އެކު، ފުލުހުން ކަރުނަގޭސް ޖަހައި މުޒާހަރާ ރޫޅައިލުމުގެ މަސައްކަތް ފެށި އެވެ.

ފުލުހުން ބުނި ގޮތުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފުލުހުންގެ ހަތް މީހަކު ޒަޚަމްވި އެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފެބްރުއަރީ 28 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ހާދިސާގައި މުޑިއެރީ، އާންމުން ދަތުރުކުރާ ރޭލަކާއި މުދާ އުފުލާ ރޭލެކެވެ. މި ހާދިސާ ހިނގި އިރު އާންމުން ދަތުރުކުރި ރޭލުގައި ފަޅުވެރިންނާއި ދަތުރުވެރިންނާ އެކު ޖުމްލަ 350 މީހުން ތިއްބެވެ. އޭގެ ތެރޭގައި ގިނައީ ގްރީކްގެ އޮރްތޯޑޮކްސް ޗުއްޓީ ނިންމުމަށް ފަހު، އެނބުރި ކޮލެޖަށް ދިޔަ ދަރިވަރުންނެވެ.

މުދާ އުފުލާ ރޭލުގައި ޖެހި މުޑިއަރައިގެން ދިޔަ އިރު، މީހުން ދަތުރުކުރި ރޭލު ދުއްވަމުން ދިޔައީ ގަޑިއަކު 100 މޭލުގެ ބާރުމިނުގަ އެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ގްރީކް ސަރުކާރުން ބުނި ގޮތުގައި ދެ ރޭލު މުޑިއަރަން މެދުވެރިވީ، ރޭލުގެ މަގު ބަދަލުކުރަން ތިބޭ މުވައްޒަފުންނަށް ހެދުނު ގޯހަކުންނެވެ.

މި ހިތާމަވެރި ހާދިސާގައި 57 މީހަކު މަރުވެ އިތުރު 80 މީހަކު ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. ދެ ރޭލު މުޑިއެރުމާއެކު މީހުން ތިބި ރޭލުގެ އެންމެ ކުރީކޮޅުގެ ފުރަތަމަ ހަތަރު ބައި ފުނޑުފުނޑުވެގެން ދިޔަ އެވެ. އަދި އެންމެ ކުރީކޮޅުގެ ފުރަތަމަ ދެބައިގައި އަލިފާން ރޯވެ އެކުގައި ވަނީ އަނދައިފަ އެވެ.