Roadha Mihaaru
މަހްސާގެ ބައްޕަ ހައްޔަރުކޮށް، ހަނދާން އާކުރުން މަނާ

މަހްސާގެ ބައްޕަ ހައްޔަރުކޮށް ހަނދާން އާކުރުން މަނާކޮށްފި

17 ސެޕްޓެމްބަރ 2023

ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ފުލުހުން އަނިޔާކުރުމުގެ ސަބަބުން މަރުވި، މަހްސާ (ޒީނީ) އަމީނީ، 22،ގެ ހަނދާން އާކުރުމުގެ ގޮތުން އެއްވެސް ހަރަކާތެއް ބޭއްވުން މަނާކޮށް، އީރާންގެ ފުލުހުން އޭނާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ފުލުހުން އަނިޔާކުރުމުގެ ސަބަބުން މަރުވި، މަހްސާ (ޒީނީ) އަމީނީ، 22،ގެ ހަނދާން އާކުރުމުގެ ގޮތުން އެއްވެސް ހަރަކާތެއް ބޭއްވުން މަނާކޮށް، އީރާންގެ ފުލުހުން އޭނާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

މަހްސާގެ މަރަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތަކެއް، އީރާންގެ ބޮޑެތި ސަހަރުތަކުގައި ބާއްވަން އުޅޭ ކަމުގެ އަޑުތަކާއެކު، އީރާންގެ ސަލާމަތީ ބާރުތަކުން ވަނީ އެ ގައުމުގެ ބޮޑެތި ސަހަރުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނި ގޮތުގައި، މަހްސާގެ މަރަށް އިއްޔެ އެއް އަހަރު ފުރިގެން ދިޔައިރު ވެސް، މަހްސާ އަށް އަނިޔާކުރި ފުލުހުންނާ މެދު އީރާން ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

އެ ޖަމާއަތްތަކުން ބުނި ގޮތުގައި މަހްސާގެ މަރަށް އެއް އަހަރު ފުރުނު ދުވަހު، އީރާން ފުލުހުން މަހްސާގެ ބައްޕަ އަމްޖަދު އަމީނީ ހައްޔަރުކުރީ، އާއިލާގެ މީހުންނާ އެކު ގޭގައި އުޅެފައި އިއްޔެ ހެނދުނު ބޭރަށް ދިޔަ ފަހުންނެވެ. ފުލުހުން އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ މަރުކަޒަކަށް ގެންދިއުމަށް ފަހު، މަހްސާގެ ހަނދާނުގައި އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންޒާރު ކުރި އެވެ.

އަދި މަހްސާގެ ހަނދާން އާ ކުރުމުގެ ގޮތުން، އޭނާގެ މަހާނަ އަށް ޒިޔާރަތް ކުރުމާއި މަހާނަ ދޮށުގައި އެއްވެސް ކަމެއް ކުރުން ވެސް މަހްސާގެ ބައްޕަ އަށް މަނާކުރި އެވެ. ފުލުހުން އޭނާ ދޫކޮށްލީ، އާއިލާގެ އެހެން މެމްބަރުން ވެސް މަހްސާގެ މަހާނަ އަށް ޒިޔާރަތް ކުރުމާއި އެފަދަ ކަމެއް ނުކުރުމަށް އިންޒާރު ކުރުމަށް ފަހު އެވެ.

އީރާންގެ ފުލުހުން މަހްސާގެ ބައްޕަ ހައްޔަރުކުރި ކަމަށް ބުނި ނަމަވެސް، އީރާން ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭގެ ބަދަލުގައި އީރާން ސަރުކާރުން ބުނީ މަހްސާގެ ބައްޕަ މަރައިލުމަށް ބަޔަކު ރޭވި ރޭވުމެއް އިއްޔެ ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.

ކުރުދީ ދަރިކޮޅުގެ މަހްސާ އަމީނީ މަރުވީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް، ސެޕްޓެމްބަރު 13، 2022 ގައި އީރާންގެ އަޚްލާގީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް އޭނާ އަށް ކުރި އަނިޔާތަކުގެ ސަބަބުންނެވެ. މަހްސާ އަމީނީ މަރުވީ، ފުލުހުން ކުރި އަނިޔާތަކުގެ ސަބަބުން އޭނާ ހޭނެތުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށެވެ.

މަހްސާ އެޑްމިޓްކުރި ހޮސްޕިޓަލުން އިންސްޓަގްރާމްގައި އާންމުކުރި ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލަށް މަހްސާ ގެނައި އިރުވެސް، އޭނާގެ ސިކުނޑި އޮތީ މަރުވެފައި ކަމަށެވެ. މަހްސާ މަރުވީ އެ ހޮސްޕިޓަލުގައި ކޯމާގައި އޮންނަތާ ދެ ދުވަސް ފަހުން، ސެޕްޓެމްބަރު 16، 2022ގަ އެވެ.

މަހްސާ މަރުވުމާ ގުޅިގެން އީރާންގެ އަންހެނުންނާއި ފިރިހެނުން ވެސް ހިމެނޭ ގޮތަށް، އާންމުންގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފެށި އެވެ. އީރާންގެ އަޚްލާގީ ފުލުހުން މަހްސާ ހައްޔަރުކުރީ، ސެޕްޓެމްބަރު 13، 2022 ގައި އޭނާގެ ބޭބެއާ އެކުގައި ކާރުގައި ހައިވޭއަކުން ދުއްވާފައި ދަނިކޮށެވެ.

މަހްސާގެ ބޭބެ ކިއަރޭޝް އަމީނީ ބުނި ގޮތުގައި އޭނާ އާއި މަހްސާ ކާރުގައި ދަނިކޮށް، އަޚްލާގީ ފުލުހުން އެމީހުންގެ ކާރު ހުއްޓުވައި ކާރުގެ ތެރެއިން މަހްސާ ނެރުމަށް ފަހު، މުގުރުބުރިތަކުން މަހްސާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި އަނިޔާކުރި އެވެ. މަންޒަރު ދުށް އެހެން މީހުން ބުނި ގޮތުގައި ފުލުހުން މަހްސާގެ ބޮލުގައި މުގުރުން ޖަހައި ފުލުސް ކާރުގެ ކައިރިއަށް ވައްޓައިލި އެވެ.

އެއަށް ފަހު، ފުލުހުންގެ އިދާރާ އަށް އެ ދެބެއިން ގެންދިއުމަށް ފަހު، މަހްސާ ގެންދާނީ ދީނީ ކައުންސެލިން ދޭ ކްލާހަކަށް ކަމަށާއި ގަޑިއެއްހާއިރު ފަހުން ދޫކޮށްލާނެ ކަމަށް ފުލުހުން ބުނި ކަމަށް މަހްސާގެ ބޭބެ ބުންޏެވެ. ނަމަވެސް ގަޑިއެއްހާއިރު ވެސް ނުވަނީސް، އެމްބިއުލާންސްގައި މަހްސާ ގެންދިޔައީ ކައިރީގައި ހުރި ހޮސްޕިޓަލަކަށެވެ.

މަހްސާގެ މަރާ ދެކޮޅަށް އެ ގައުމުގެ ބޮޑެތި ހުރިހާ ސަހަރުތަކެއްގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރި އެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް އީރާންގެ ސަލާމަތީ ބާރުތަކުން، ހާލަތާ ނުބައްދަލު ބާރާއި ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން 500 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 71 ކުދިން ވެސް ހިމެނެ އެވެ.

ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމުގެ ކުށުގައި އެތައް ހާސް ބަޔަކު ހައްޔަރުކޮށް އެތައް ސަތޭކަ ބަޔަކަށް ވަނީ ޖިނާއީ ދައުވާ ކޮށްފަ އެވެ. އޭގެ ތެރެއިން ކުށް ސާބިތުވި ކަމަށް ކޯޓުން ކަނޑައެޅި ހަތް މީހެއްގެ މައްޗަށް މިހާރު ވަނީ މަރުގެ ހުކުމް ތަންފީޒު ކޮށްފަ އެވެ.

އީރާން ސަރުކާރުން މަނާކޮށްފައި ވަނިކޮށް ވެސް، އީރާންގެ ބައެއް ސަހަރުތަކުގައި އިއްޔެ ވަނީ، މަހްސާގެ މަރުގެ ހަނދާނުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އަދި އެ ގައުމުގެ އެންމެ ނުރައްކާތެރި ކުށްވެރިން ތިބޭ ޖަލުގައި ވެސް އިއްޔެ ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.

އެ ޖަލުގައި ތިބި ގައިދީންގެ ތެރޭގައި ހިމެނޭ، މަރުގެ ހުކުމާ ދެކޮޅަށް އަޑުއުފުލުމުގެ ކުށުގައި ހައްޔަރުކޮށްފައި ހުރި އަންހެނެއް ކަމަށްވާ ނަރްގިސް މުހައްމަދީ އާއި އިތުރު ތިން އަންހެނަކު ވަނީ، ޖަލުގެ ގޯތި ތެރޭގައި އެމީހުންގެ ބުރުގާތައް އަންދާލައިފަ އެވެ.