16 މާޗް 2023
ރީއްޗެވެ؛ ވަރަށް ޗާލެވެ. ފ. ހިމިތި އަކީ ގުދުރަތީ ރީތިކަމުގެ ހަމަ އަޖައިބެއްހާ ރީތި ރަށެކެވެ. ބޮޑު ޗާލު ވިލާ އެކު އެ ރީތި ކަން ވަށައި ހުސްކޮށްލަ އެވެ. އެހާ ވެސް ފުރިހަމަ އެވެ.
ރީއްޗެވެ؛ ވަރަށް ޗާލެވެ. ފ. ހިމިތި އަކީ ގުދުރަތީ ރީތިކަމުގެ ހަމަ އަޖައިބެއްހާ ރީތި ރަށެކެވެ. ބޮޑު ޗާލު ވިލާ އެކު އެ ރީތި ކަން ވަށައި ހުސްކޮށްލަ އެވެ. އެހާ ވެސް ފުރިހަމަ އެވެ.
ރަށަށް އެރުމުގެ ކުރިން، މާ ދުރުން ފެންނަނީ ތިލަ ފަޅެކެވެ. އިސްކޮޅު ޖެހޭހާ ހިސާބުގައި އޮތް ފަޅު ފެށޭ ހިސާބަށް ފުންމާލާ އިރު ރަށް އޮންނަނީ އަދި މާ ދުރުގަ އެވެ. ފައި ގޮސް ޖެހެނީ ސާފު ހިމުން ދޮންވެލިގަނޑުގަ އެވެ. ލޯންޗެއްގައި ވެސް ދުއްވާފައި ދެވޭނީ ވަރަށް މަޑުމަޑުން ވަރަށް ބަލައިގެންނެވެ. އެހާ ވެސް ތިލަ އެވެ. ޓޫރިސްޓުންނަށް މިއީ "މަރެ"ކެވެ. ރަށުގެ ދޮން ފަސްގަނޑު މައްޗަށް މާ ދުރުން އައިސް ބީއްސާލާ ރާޅުތައް ފެނިއްޖެ އިންސާނަކު އާޝޯހުވާހާ ހިތްގައިމެވެ.-- ރަށު ތެރޭގެ ފެހިކަމާއި މި ގުދުރަތީ ރީތިކަން ސިފައެއް ނުކުރެވޭނެ އެވެ.
މި ރީތިކަމަށް ހިތް ގެނބުނު އެއް ބޭފުޅަކީ ސައުދީގެ ބާރުގަދަ ވަލީ އަހުދު، އަދި މިހާރު ބޮޑުވަޒީރު މުހަންމަދު ބިން ސަލްމާނެވެ. މި އަމާންކަން އަމިއްލަ މިލްކަކަށް ބަދަލު ކޮށްލެއްވުމަށް އޭނާ ހުށަހެޅުއްވި އަގަކީ، ދިވެހި ތާރީހު ވެސް ދެކެފައި ނުވާ ވަރުގެ މާސިންގާ އަގެކެވެ. އެ އަގު ފުރަތަމަ އަޑު އިވިވަޑައިގަތުމާ އެކު، އޭރުގެ ރައީސް އަބްދުﷲ ޔާމީން ވެސް ދިޔައީ ސިއްސައިގެންނެވެ.
އެއީ ފަސް ބިލިއަން ޑޮލަރެވެ. ނުވަތަ 77 ބިލިއަން ރުފިޔާ އެވެ. އެއީ މުޅި ރާއްޖޭގެ ދެ އަހަރު ދުވަހުގެ ބަޖެޓެވެ. ނުވަތަ މުޅި ދައުލަތުގެ ފަސް އަހަރުގެ އާމްދަނީ އެވެ. ނުވަތަ މުޅި ރާއްޖޭގެ އުފެއްދުންތެރިކަމުން އެއް އަހަރުން ލިބޭ ވަރެވެ. ނުވަތަ، އެއީ ރާއްޖޭގައި މިހާރު ހުރި ހުރިހާ ރިސޯޓްތަކެއް އެއްކޮށްލީމަ ޖެހޭ އަގެވެ.
ހިމިތި މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ޖައިލަމް މަހުމޫދު/ މިހާރު
ހިމިތި ދިގު މުއްދަތަކަށް ކުއްޔަށް ހިއްޕެވުމަށް އެ ޑީލްގައި ސީދާ އިސްކޮށް އުޅުއްވީ ވެސް މުހަންމަދު ނުވަތަ އެމްބީއެސް އެވެ. އަނެއްކޮޅުން، ދިވެހި ސަރުކާރުގެ ފަރާތުން އޭރު އިސްކޮށް އުޅުއްވީ ކުރީގެ ނައިބު ރައީސް/ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
އެކަމަކު، ސައުދީ ޝާހީ އާއިލާގެ "މުދަލަކަށް" ބަދަލު ކޮށްލުމުގެ ހުރިހާ ޑިޒައިންތަކެއް ނިންމައި، ކުރެހުންތަކެއް ހަދައި، އެ ޕްރޮޕަޓީ ހިމާޔަތް ކުރުމަށް ރާއްޖޭގެ ގާނޫނުއަސާސީ ވެސް ބަދަލުކޮށް، ދުނިޔޭގެ އެތަންމިތަނުގައި ސިއްރު ބައްދަލުވުންތައް ބާއްވައި އޭގެ އެމްއޯޔޫތަކެއް ވެސް ހަދައި، ލިޔެކިޔުންތަކެއް ވެސް ބަދަލުކުރި ފަހުން މަޝްރޫއު ހުއްޓުނީ އެވެ.
ހިމިތި މިހާރު އޮތީ އަރާނެ ބަޔަކު އަރަން ދޫކޮށްލާފައި އޮތް ފަޅު ރަށެއްގެ ގޮތުގަ އެވެ. ދިރުމެއް ނެތެވެ. އުންމީދެއް ވެސް ނެތެވެ. އަދި، އެ ރަށް އޮތީ ވީ ކިހިނެއް ކަމެއް، ވާން ޖެހެނީ ވެސް ކިހިނެއް ކަން ނޭނގޭ ހިސާބުގަ އެވެ!
ސައުދީގެ ޝާހީ އާއިލާގެ އެކި ބޭބޭފުޅުން ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގަންނަވަ އެވެ. އެ ބޭފުޅުން ރާއްޖެ ވަޑައިގެން، އެތައް މިލިއަން ޑޮލަރެއް އޮއްސާލައްވައި، ޗުއްޓީ ހޭދަކުރައްވާފައި އެނބުރި ގައުމަށް ވަޑައިގަންނަވާ އިރު ވެސް އެކަން އާންމު ރައްޔިތުންނަށް އޮންނަނީ ސިއްރެއްގެ ގޮތުގަ އެވެ. ގިނަފަހަރު، އެކަން ސަރުކާރަކަށް ވެސް ނޭނގެ އެވެ. ސަބަބަކީ، އެ ބޭފުޅުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ، އެކަން ސިއްރުކުރުން ކަމަށް ވާތީ އެވެ.
ހިމިތި މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ޖައިލަމް މަހުމޫދު/ މިހާރު
ރައީސް ޑރ. މުހަންމަދު ވަހީދު 2012 ގައި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މުހަންމަދު ރާއްޖެ ވަޑައިގަތެވެ. އޭގެ ކުރިން ވެސް އޭނާ އެކި ފަހަރު ރާއްޖެ ވަޑައިގެން ފ. އަތޮޅުގައި ޔޮޓްތަކުގައި ޗުއްޓީ ހޭދަކުރެއްވި އެވެ. އެ ދަތުރުފުޅުތަކުގައި އޭނާ އަށް ހިމިތި ފެނިވަޑައިގެން އެ ރަށަށް އޮތީ ހިތް ބަންޑުންވެފަ އެވެ.
"ޔޮޓުން ފައިބައި ވަޑައިގެން ހިމިތި އަށް ވަޑައިގެން މޫދަށް ވެސް އެރެވަޑައިގަންނަވާނެ،" އެ ދަތުރުތަކުގެ ބައެއް ތަފުސީލުތައް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
މުހަންމަދު، 2012 ގައި އާއިލާގެ ބައެއް ބޭފުޅުންނާ އެކު ރާއްޖެ ވަޑައިގެން، ހިމިތި ކުރިމަތީގައި އޮންނަ ރާނިޔާ ރިޓްރީޓް ކިޔާ ކުޑަކުޑަ ޕްރައިވެޓް އައިލެންޑެއްގައި މަޑުކުރެއްވި އެވެ. ހިމިތި ކުއްޔަށް ނެންގެވުމުގެ ވާހަކަތައް ފެށުނީ މި ހިސާބުންނެވެ.
އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، ލޯޔަރުން މެދުވެރި ކުރައްވައި މި ރިޕޯޓަށް ދެއްވެވި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ދަތުރުފުޅުގައި ހިމިތީގެ ޕްރޮޕޯސަލް ރައީސް ވަހީދަށް ހުށަހެޅުއްވި އެވެ.
"ހަމަ ހުށަހެޅުއްވުމާ އެކު ވަރަށް އަވަސް ކަމެއްގެ ގޮތުގައި ސަރުކާރުގެ ފަސް ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާއެއް ހަދައި ހަމަ އާދައިގެ ގޮތަކަށް ރިސޯޓެއް ހަދަން ނިންމި،" އަދީބު ވިދާޅުވި އެވެ.
"ހިމިތިގެ ޓޫރިޒަމް ލީސް އެގްރިމެންޓް ހަދަން އައީ އަޅުގަނޑު ކައިރިއަށް. އެ ހިސާބުން އެ ބޭފުޅުންނާ އަޅުގަނޑާ މި ދިމާވަނީ. އޭރު ހިމިތި ހަދަން [ޝާހީ އާއިލާގެ] ޓީމްތައް ފޮނުވަން ވެސް ފަށައިފި. ކޮންސަލްޓަންޓުންނާއި ޑިޒައިނަރުންނާ އެކަހަލަ މީސްމީހުން. އެކަމުގައި އުޅުނީ ރީތި ރަށް ރިސޯޓް ކުރެހި މީހުން."
އަހުމަދު އަދީބު، ނައިބު ރައީސް ކަމުގެ ހުވާ ޖުލައި 22، 2015 ގައި ރައީސް ޔާމީންގެ ކުރިފުޅުމަތީގައި ކުރައްވަނީ.---ރައީސް އޮފީސް ފޮޓޯ
ހިމިތި އަކީ ވަރަށް ކުޑަ ރަށެވެ. ޝާހީ އާއިލާ ބޭނުންވާ ވަރުގެ ހުރިހާ ތަންތަން އެ ރަށުގެ ބިމަކު ހެދޭކަށް ނެތެވެ. އެ އާއިލާ ބޭނުންވާ ފެންވަރުގެ ރިސޯޓެއް އެރަށަކު އެޅޭކަށް ނެތެވެ. ޑިޒައިނަރުންގެ ޓީމުގެ އެންމެ ބޮޑު މައްސަލައަކަށް ވީ އެކަމެވެ. އެހެންވެ، އޭގެ ހައްލަކާ ބެހޭ ގޮތުން ސަރުކާރާ މަޝްވަރާ ކުރަން ފެށި އެވެ. އޭރު ޝާހީ އާއިލާ އިން އެކަން ހަވާލުކޮށްފައި އޮތް ޓީމާ ނެގޯޝިއޭޓް ކުރަމުން އައީ އަދީބެވެ.
"އަޅުގަނޑުމެން ބުނަމުން މި ދިޔައީ އެ ރަށް ހިއްކޭނެއޭ. ވަށައިގެން ބޮޑު ފަޅެއް އެބައޮތް ނޫންހޭ. ހިއްކަން ވީ ނޫންހޭ. އެކަމަކު އެ ބޭފުޅުންގެ ކަންބޮޑުވުމަކަށްވީ ހިއްކީމަ ގުދުރަތީ ކަން ނުހުންނާނެތީ. އަޅުގަނޑު ބުނެފިން ރީތިރަށް ރިސޯޓް ވެސް އެއީ ހިއްކާފައި އޮތް ރަށެކޭ. ހިނގާށޭ އެތަން ބަލަން. ދެން އެ ރިސޯޓަށް މުހަންމަދު ވެސް ވަޑައިގެން ސީދާ ބައްލަވާފައި ހިއްކަން ނިންމީ. އަޅުގަނޑު ދެންނެވިން ރާއްޖޭގެ ބިއުޓީއަކީ މިއޭ. ހިއްކިޔަސް އެކަމެއް ނޭނގޭނެއޭ،" އަދީބު ވިދާޅުވި އެވެ.
"އެ މީހުން ރިސޯޓް ކަންތަކުގައި ރާއްޖެ އަންނަ ކޮންމެ ފަހަރަކު އަޅުގަނޑު އެ މީހުންނާ ވާހަކަ ދައްކާލަން ރިސޯޓަށް ވެސް ދަން. އެ ހިސާބުން އަޅުގަނޑަށް މި އެނގެނީ މި ބޭފުޅުންގެ އަތުގައި އެބަހުރިކަން ފަސް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭރުގައި އިންވެސްޓްކުރަން. އެ ބޭފުޅުން ބޭނުންވަނީ ޕްރައިވެޓްކޮށް ޗުއްޓީ ހޭދަކުރާނެ ތަނެއް. އެ މީހުންގެ މައްސަލައަކަށް ވަނީ އެހެން ގައުމުތަކުގައި ޕަޕަރާޒީންގެ މައްސަލަ."
ހިމތި މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ޖައިލަމް މަހުމޫދު/ މިހާރު
"އަޅުގަނޑު ބުނިން އެހެން ވިއްޔާ ތިތާނގައި ހަމަ އެއާޕޯޓް ވެސް އަޅަންވީއޭ. ޕަޕަރާޒީންގެ މައްސަލައެއް އޭރުން ކުރިމަތި ނުވާނެ ނޫން ހެއްޔޭ. ހަމަ ފުލް ފްލެޖް ޕްރޮޖެކްޓަކަށް ހަދަންވީ ނޫން ހެއްޔޭ."
ކޮންސެޕްޓް ބޮޑުކުރަމުން ކުރަމުން ގޮސް، ހިމިތީގައި އެންމެ ފަހުން، ޕްރިންސުންނަށް ހާއްސަ ތަންތަނާއި ކާސްލްތަކާއި ހައި އެންޑް ބިޔަ ހޮޓާތަކާއި ރާއްޖޭގައި ނެތް ފެންވަރުގެ އެއާޕޯޓެއް ވެސް އަޅަން ސައުދީގެ ޝާހީ އާއިލާ އިން އެއްބަސްވެއްޖެ އެވެ. އެ ބިޔަ މަޝްރޫއުގެ ކަންކަން ނިންމަން އެކި ޓީމުތައް އައިސް އެކި މަސައްކަތްތައް ކުރަން ފެށި އެވެ. ދިރާސާތައް ހަދަން ފެށި އެވެ. އަދި، ތިން މަހުން ތިންމަހުން ކަހަލަ ގޮތަކަށް މުހަންމަދު ވެސް ރާއްޖެ ވަޑައިގަންނަވަން ފެއްޓެވި އެވެ.
ސައުދީގެ ރަސްކަމުގައި އޭރު ހުންނެވީ މުހަންމަދުގެ ބައްޕާފުޅު ސަލްމާންގެ ބޭބޭފުޅު އަބްދުﷲ ބިން އަބްދުލްއަޒީޒެވެ. މުހަންމަދުގެ ބައްޕާފުޅަކީ ކްރައުން ޕްރިންސެވެ. އެކަމަކު، މުހަންމަދަކީ، މިހާރުހެން ބާރުގަދަ ބޭފުޅެއް ނޫނެވެ.
"އެ ގޮތަށް މުހަންމަދު ރާއްޖެ އަށް އަބަދުހެން ވަޑައިގަންނަވަން ފެއްޓެވުމާ އެކު ސަރުކާރާ ވަރަށް ގުޅުން ރަނގަޅުވެ، ރައީސް ވަހީދު 2013 ގައި ދައުވަތު ދެއްވި މުހަންމަދުގެ ބައްޕާފުޅު ވެސް ރާއްޖެ ވަޑައިގަންނަވަން. އެކަމަކު އެ އަހަރު ބޭއްވި އިންތިހާބުގައި ރައީސް ވަހީދު އިލެކްޓް ނުވެ, މުހަންމަދުގެ ބައްޕާފުޅު ރާއްޖެ ވަޑައިގެންނެވި އިރު ރައީސް ކަމުގައި ހުންނެވީ ރައީސް ޔާމީން،" އަދީބު ވިދާޅުވި އެވެ.
ސައުދީގެ ޝާހީ އާއިލާގެ ބޮޑު މަޝްރޫއެއް ހިންގުންވީ އެ ބޭފުޅުންނަށް ވެސް، އަދި ދިވެހި ސަރުކާރަށް ވެސް ވަރަށް ބޮޑު ކަމަކަށެވެ. އޭގެ އެއްވެސް ކަމެއް އޭރު ދިވެހިންނަށް ވެސް ރޭކާނުލައި އޮތީ މަޝްރޫއުގެ ގޮތުންނެވެ. މިވަރުގެ ބޮޑު ކަމެއް ރާއްޖޭގައި ކުރަން އުޅޭކަމެއް، އޭރު ހަގީގަތުގައި ވެސް ދިވެހިންނަކަށް ނޭނގެ އެވެ. ޚުދު ރައީސް ކަމަށް ވަޑައިގަތް އިރު، ޔާމީނަށް ވެސް އެހާ ބޮޑަށް އެ މަޝްރޫއުގެ ކަންކަން އެނގިވަޑައެއް ނުގަންނަވަ އެވެ. އެހާ ވަރަށް މި މަޝްރޫއު ދެ ފަރާތުން ވެސް ސިއްރު ކުރި އެވެ. ސައުދީ ޝާހީ އާއިލާގެ ގޮތަކީ އެއީ އެވެ.
ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު.
"އެކަމަކު އަޅުގަނޑު ރައީސް ޔާމީނަށް ކުރިން ވެސް ހައިލައިޓް ކުރަމުންދިޔައިން މި ޕްރޮޖެކްޓް ކޮންމެވެސް ވަރަކަށް. ވެރިކަމަށް އަރާ ވަޑައިގަތްތާ [މުހަންމަދު ރާއްޖޭގައި އުޅުއްވަނިކޮށް] އަޅުގަނޑު ޔާމީން އަރިހުން އެދުނިން ޕްރައިވެޓް ބައްދަލުވުމަކަށް މުހަންމަދާ ބައްދަލު ކޮށްލައްވަން ޔޮޓަށް ވަޑައިގަންނަވަން. ޔާމީން ވިދާޅުވީ ތީ ދެން ވަރަށް ހަޑިކަމެއް ނޫން ހެއްޔޭ އެހެން ގޮސް [ރައީސަކު] ބައްދަލުކުރަން،" އަދީބު ވިދާޅުވި އެވެ.
"ގަދަކަމުން ކަހަލަ ގޮތަކަށް, އަޅުގަނޑު ޔާމީން ގެންގޮސް އެމްބީއެސް [މުހަންމަދު ބިން ސަލްމާން] އާ ބައްދަލު ކުރުވީ. ސަބަބަކީ އޭރު އެމްބީއެސްއަކީ އެއްވެސް ނަމެއް ނޫން. އަޅުގަނޑު ދެންނެވީ އަޅުގަނޑަށް ޓަކައި ނަމަވެސް މިކަން ކޮށްލަދެއްވަބައްލަވާށޭ. ރައީސަށް ދެންނެވިން މިއީ އޭ ރާއްޖޭގެ މުސްތަގުބަލަކީ ހިންގަވާށޭ. ދެން ޔާމީން ވަޑައިގަތީ. މުހަންމަދުމެން ތިބެނީ ވެސް އޭރު ސޯޓު ވައްޓާލައިގެން.
"ޔޮޓަށް އަޅުގަނޑުމެން ދިޔައީމަ މުހަންމަދު ވަޑައިގަތީ ޓެބްލެޓް ހިއްޕަވައިގެން. ވަޑައިގެން އެ ބޭފުޅުންގެ ޕްލޭން ދައްކާލެއްވީ. އޭރު ވަރަށް ބޮޑުބައެއް ކުރަހާފައި އޮތީ. އެއާޕޯޓް އަޅާނެ ތަނާއި ވަށައިގެން ކާސްލްތަކާއި ރިންގްރޯޑެއް ހެން އެފް ވަން ޓްރެކަކާއި ހޮޓާތަކާ ތަންތަން. ކުރުކޮށް ދަންނަވަންޏާ އެ މީހުންގެ ސިޓީއެއް އެއީ.
"އެ ބޭފުޅުން ބޭނުންވި [ޕްރައިވަސީ އަށް ޓަކައި] އެ ހިސާބުގައި ހުރި ހުރިހާ ރިސޯޓެއް ވެސް ގަންނަން. ފ. އަތޮޅުގައި މިހާ ބޮޑު އިންވެސްޓެއް ކުރާއިރު އެ ބޭފުޅުން ބޭނުންވީ ވަރަށް ބޮޑަށް ޕްރައިވެޓް ވާން."
ހިމިތި މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ޖައިލަމް މަހުމޫދު/ މިހާރު
އެކަމަކު އަދީބު ވިދާޅުވި ގޮތުގައި، އެ ބޭފުޅުންގެ އެއްވެސް ޕްލޭނެއްގައި ވެސް، އަދި އެއްވެސް ގޮތަކަށް އެދިވަޑައިގެންފައި ނެތް ކަމަކީ ފ. އަތޮޅުގައި މީހުން އެއްވެސް ރަށަކުން މީހުން ބަދަލު ކުރުމެވެ.
"މީހުން ހަމަ އުޅެންވީ،" އަދީބު ވިދާޅުވި އެވެ. "އެއަކު އެއްވެސް މައްސަލައެއް ނެތް."
ޕްލޭން ދައްކާލެއްވީމަ، އެއީ ކިހާ ވަރެއްގެ އިންވެސްޓްމަންޓެއްތޯ ޔާމީން އެއްސެވި ކަމަށް އަދީބު ވިދާޅުވި އެވެ.
"އެ ބޭފުޅުން ވިދާޅުވީ އިނީޝިއަލީ ވެސް ފަސް ބިލިއަން ޑޮލަރު [ގާތްގަނޑަކަށް ފަސް އަހަރުގެ ތެރޭ] އިންވެސްޓް ކުރާނެއޭ... ފަސް ބިލިއަން ޑޮލަރޭ ބުނީމަ ރައީސް ޔާމީން ވެސް ދިޔައީ ކަޅި އަރައިގެން. އާޝޯހުވެފައި އިންނެވީ."
އެ ވާހަކަތައް އެއްވެސް ވަރަކަށް ނުދައްކަވަން ދެ ބޭފުޅުން އެއްބަސްވެ ވަޑައިގެން، ޔޮޓުން ފައިބައި ވަޑައިގެންނެވި އެވެ. އެ ރެއަކީ 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހަށް ވިލިމާލޭ ދާއިރާގެ މެމްބަރު ކަމަށް އަހުމަދު ނިހާންގެ ކެމްޕެއިން ލޯންޗު ކުރި ރެ އެވެ. އެހެންވެ، ޔޮޓުން ފައިބާ ވަޑައިގެން ދެ ބޭފުޅުން ސީދާ ވަޑައިގަތީ އެ ޖަލްސާ އަށެވެ.
"ރައީސް ޔާމީން ވިލިނގިލީ ސްކޫލުގައި ވާހަކަފުޅު ދައްކަވަމުން އެރެއިން އެރެއަށް ވިދާޅުވެއްޖެ މިރޭ ވެސް މިއައީ ވަރަށް ވަރުގަދަ އިންވެސްޓްމެންޓެއް ހިފައިގެންނޭ. މި ގައުމުގައި ފަސް ބިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރާނެއޭ. ވާހަކަފުޅު ދައްކަވާ ނިމުނީމަ އަޅުގަނޑު އަހައިފިން ކިހިނެއް ހެއްޔޭ ތި ހެއްދެވީ. ދެން ވިދާޅުވީ އަޅާނުލާށޭ ކޮން ބައެއްކަމެއް ނުބުނަމެއް ނޫން ހެއްޔޭ،" އަދީބު ވިދާޅުވި އެވެ.
ނިހާންގެ ކެމްޕެއިން ޖަލްސާގައި ރައީސް ޔާމީން
އޭރު ބާރުގަދަ ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ މަޝްރޫއުގެ ވަރަށް ގިނަ ކަންކަން އޭރު ކަނޑައެޅިފައި އޮތް ގޮތަށް ކުރިއަށް ދިޔަ އެވެ. އެކިއެކި އެމްއޯޔޫތަކާއި ސިޓީތައް ބަދަލުކޮށް އެކަމާ ގުޅޭ އެކި ބައްދަލުވުންތައް އެކި ގައުމުތަކުގައި ކުރިއަށް ދިޔަ އެވެ. ރާއްޖޭގެ ވަފުދުތައް ވެސް ދުނިޔޭގެ އެކި ގައުމުތަކުގައި އެ ބޭފުޅުންގެ ވަފުދުތަކާ ބައްދަލު ކުރެ އެވެ.
ޖެނުއަރީ 23، 2015 ގައި ސައުދީގެ ރަސްގެފާނު އަވަހާރަވި އެވެ. އެއާ އެކު ސައުދީގެ ރަސްކަމަށް މުހަންމަދުގެ ބައްޕާފުޅު ސަލްމާން އިސްވި އެވެ. އެއާ އެކު، އަދީބު ވިދާޅުވީ، މި މަޝްރޫއަށް އިތުރު ފަސޭހަ ކަމެއް ލިބިގެން ދިޔަ ކަމަށެވެ. ސަލްމާނަށް ރަސްކަން ލިބިވަޑައިގަތީ، އެމަނިކުފާނު ރާއްޖޭގައި ޗުއްޓީއެއް ހޭދަކުރައްވާފައި ހަމަ އެނބުރި ވަޑައިގަތްތަނާ އެވެ.
"މީތި އިތުރަށް ސްކޭލް ބޮޑުވާނީތާ ދެއްތޯ ދެން. އެ ހިސާބުން އަޅުގަނޑުމެން މަޖާ ކުރަން އުޅުނު މީހުންތައް ވެއްޖެ މިނިސްޓަރުންނަށް. މިސާލަކަށް މި މަޝްރޫއުގެ ތެރޭގައި އޭރު އުޅުއްވި އެއް ބޭފުޅާ އެތާނގެ ކަލްޗާ މިނިސްޓަރަކަށް ވެއްޖެ. މުހަންމަދު ވެއްޖެ މާ ބާރުގަދަ ބޭފުޅަކަށް. އަޅުގަނޑަށް އޭރު އެ ބޭފުޅުންނަށް ފޯނުން ވެސް ގުޅޭ ވަޓްސްއެޕް ވެސް ކުރެވޭ. އެހެންވެ އަބަދު ގުޅަގުޅާ ތިބެނީ."
"ޕްރޮޖެކްޓް ސަންރައިޒް"ގެ ނަމުން ނަން ދިނުމަށް ފަހު، ސައުދީން އޭރު ދިޔައީ ހިމިތި މަޝްރޫއުގެ ޑިޒައިންތައް ތައްޔާރުކުރަމުންނެވެ. އޭރު އެ ސަރަހައްދު އޮތީ، ޓޫރިޒަމް ގާނޫނުގެ ދަށުން މޯލްޑިވްސް އޯވަސީޒް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރާއި ސައުދީގެ ޝާހީ އާއިލާ ހިއްސާވާ ކުންފުންޏަކަށް 50 އަހަރަށް ދީފަ އެވެ.
"އޭރު ވެސް އަދި އަބަދުވެސް އެ ބޭފުޅުން ބުނަމުން އައި ވާހަކައެއް އެއީ މި ފައިސާ އަކީ އެ ބޭފުޅުންގެ އާއިލީ ފައިސާއޭ. އެ ބޭފުޅުން ބޭނުންވާނެއޭ މިވަރުގެ ބޮޑު އިންވެސްޓެއް ކުރާއިރު، އެ އިންވެސްޓްމަންޓް އާއިލާ އަށް އަބަދު ވެސް އޮންނަން. އެކަން ކަށަވަރު ކުރަން،" އަދީބު ވިދާޅުވި އެވެ.
ހިމިތި މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ޖައިލަމް މަހުމޫދު / މިހާރު
އެއް ކަމަކަށް ވީ އޭރު 50 އަހަރަށް ރަށް ދިނީމަ، އޭގެ ފަހުން ދެން ވާނެ ގޮތެކެވެ. ރާއްޖޭގެ ބައެއް ރަށްރަށަށް އެންމެ ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރާއިރު ވެސް 50 އަހަރަށް ކުއްޔަށް ދެވިފައި، 5 ބިލިއަން ޑޮލަރު އިންވެސްޓް ކުރާ މީހާ އަށް ވެސް 50 އަހަރު އެއީ ހަމަހަމަ އުސޫލެއް ކަމަކަށް އޭރަކު ސަރުކާރަަކަށް ވެސް ނުވިސްނުނެވެ. އެހެންވެ، ސަރުކާރުން ނިންމީ ސައުދީގެ ޝާހީ އާއިލާގެ ވެސް އެދުމާ އެކު، ގާނޫނުއަސާސީ އަށް ބަދަލު ގެންނާށެވެ. އަދި، ޝާހީ އާއިލާގެ އެ "މުދާ" ހިމާޔަތް ކުރަން އެ މަޝްރޫއަށް ހާއްސަ ގާނޫނެއް ހެދުމަށެވެ.
ސުވާލަކީ މިވަރުގެ އިންވެސްޓްމަންޓެއްގެ ރިޓާން ލިބޭނެހޭ އެ މުއްދަތުގެ ތެރޭގައި. މި ދައްކަނީ އިނިޝިއަލީ ވެސް ފަސް ބިލިއަން ޑޮލަރުގެ ވާހަކަ. މިވަރުގެ އިންވެސްޓްމަންޓެއް ހިމާޔަތް ކޮށްދޭން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް ވިސްނުނީ.
"އަޅުގަނޑުމެން އެއްވެސް އިރެއްގައި ގަބޫލުކުރާ އެއްޗެއް ނޫން މިހާރު ހުރި ރަށްތައް ވެސް 50 އަހަރު ވިޔަސް އެ ތަންތަން ސަރުކާރަށް ދެން ނެގޭނެ ކަމަކަށް. އެހެންވެ އޭރު ބޭރުގެ އިންވެސްޓްމަންޓްތައް ފުޅާކުރަން ރިސޯޓްތައް 99 އަހަރަށް ބަދަލު ކުރީ. ދެން އޮތް ސުވާލަކީ މިވަރުގެ އިންވެސްޓްމަންޓެއްގެ ރިޓާން ލިބޭނެހޭ އެ މުއްދަތުގެ ތެރޭގައި. މި ދައްކަނީ އިނިޝިއަލީ ވެސް ފަސް ބިލިއަން ޑޮލަރުގެ ވާހަކަ. މިވަރުގެ އިންވެސްޓްމަންޓެއް ހިމާޔަތް ކޮށްދޭން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް ވިސްނުނީ،" އަދީބު ވިދާޅުވި އެވެ.
"އެއީ ހާއްސަ ހާލަތެއް ކަމަށް ބަލައި، ރާއްޖޭގެ ގާނޫނުތައް ހިނގާ ގޮތަށް އެތަން އަމިއްލަ ކުރެވޭ ގޮތަށް އޮންނަން ޖެހޭ. އެހެންވެ ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ނިންމީ. ހަމައެއާ އެކު އަޅުގަނޑުމެން ނިންމީ 'ހިމިތި މަޝްރޫއު'ގެ ނަމުގައި ވަކި ގާނޫނަކުން އެ މަޝްރޫއު ހިމާޔަތް ކޮށްދޭން. ސަބަބަކީ މިއީ... ސަބަބަކީ އެއީ ރާއްޖޭގެ ކުރިމަގާ ގުޅިފައިވާ ބިޔަ މަޝްރޫއަކަށް ވާތީ."
ގާނޫނުއަސާސީ ބަދަލުކުރަން މަޖިލީހުގެ ތިން ބައިކުޅަ ދެބައި ބޭނުންވެ އެވެ. އެއީ، އޭރު ސަރުކާރުގައި އޮތް ޕީޕީއެމް އެކަންޏަށް ލިބޭ އަދަދަކަށް ނުވެ އެވެ. ޕީޕީއެމް އާއި އޭރު ސަރުކާރާ ގުޅިފައިވާ މެމްބަރުންގެ އަދަދަކީ 56 އެވެ. އެހެންވެ، އިދިކޮޅު ޕާޓީ [އެމްޑީޕީ]ގެ ރުހުން މި މަޝްރޫއަށް ހޯދަން ސަރުކާރަށް މަޖުބޫރުވި އެވެ.
"[އޭރު 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި] ރައީސް ނަޝީދު ވެސް ދޫކޮށްލަން މި ޑީލްގެ ތެރެއިން ވާހަކަ ދެކެވުނު. އެކަމަށް އަޅުގަނޑުމެން އެއްބަސް ވެސް ވިން. އޭގެ އިތުރުން ބައެއް މެމްބަރުންނަށް ލޮބީކޮށް، އޭގެ ތެރޭގައި ފައިސާގެ ކަންތައްތަކެއް ވެސް ހިނގައިދިޔަ،" އަދީބު ވިދާޅުވި އެވެ.
ގާނޫނުއަސާސީ އަށް ނެގި ވޯޓުގައި، އެކަމާ ދެކޮޅު ހެއްދެވި ވަރަށް މަދު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު [ނަން ހާމަނުކުރަން އެދިވަޑައިގެން] މި ރިޕޯޓަށް ވިދާޅުވީ އޭރު ނެގި އެކިއެކި ވޯޓުތަކަށް އެކި ވަރުގެ ފައިސާގެ އަދަދުތައް ހުށަހެޅި ކަމަށެވެ. އަދި، ބިން މިލްކު ކުރެވޭ އިސްލާހު ފާސްކުރަން އޭރު މަޖިލީހުގެ އެތައް މެމްބަރުންނެއް ރިޝްވަތު ނެންގެވިކަން އެއީ ވަރަށް ފާޅުގައި އާންމުން އަދިވެސް ދައްކަމުން އަންނަ ވާހަކަ އެކެވެ.
"މި ވޯޓަށް އަޅުގަނޑަށް ތިން މިލިއަން ރުފިޔާގެ އޮފާއެއް އައި،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ އޭރުގެ މެމްބަރަކު، ނަން ނުޖަހަން އެދިވަޑައިގެން ވިދާޅުވީ، އޭރު ނެގުނު މުހިންމު ތިން ވޯޓަކާ ގުޅިގެން [ނައިބު ރައީސްކަމުން ޑރ. މުހަންމަދު ޖަމީލް އަހުމަދު ވަކިކުރުމާއި އަދީބު ނައިބު ރައީސް ކަމަށް ގެނައުމާއި ގާނޫނުއަސާސީ އިސްލާހު ކުރުމަށް] އެމްޑީޕީގެ މެމްބަރުންނާއި މިނިވަން މެމްބަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ އާއި އެހެން ހުށަހެޅުންތައް ލިބުނު ކަމަށެވެ.
އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ތިން ހަތަރު މިލިއަން ރުފިޔާ އާއި ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކާއި ފަޅުރަށްރަށް ވެސް ހުށަހެޅުނު.
"އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ތިން ހަތަރު މިލިއަން ރުފިޔާ އާއި ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކާއި ފަޅުރަށްރަށް ވެސް ހުށަހެޅުނު،" އޭނާ ވިދާޅުވި އެވެ.
ޖުލައި 22، 2015 ގައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާ، އެމްޑީޕީގެ ގިނަ މެމްބަރުންނާއި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ 70 މެމްބަރަކު ވޯޓު ދެއްވައިގެން ފާސްކުރި އެވެ. ކުރިން، ބިން މިލްކު ނުކުރެވޭ ގޮތަށް އޮތް މާއްދާ އިސްލާހުކޮށް، އަށް މާއްދާ އިތުރު ކުރި އެވެ.
ހިމިތި މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ޖައިލަމް މަހުމޫދު / މިހާރު
ގާނޫނުއަސާސީ އަށް ގެނައި ބަދަލުގައި ބުނެފައިވާ ގޮތުގައި، ފްރީހޯލްޑް އުސޫލުން ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމުގައެއް ނުބެލެވޭނެ އެވެ. މިލްކު ކުރެވޭ ބިމަށް ޝަރުތުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި؛
• މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމުގައި ވުން
• ރާއްޖޭގައި އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓެއް ކަމުގައި ވުން
• ޕްރޮޖެކްޓް ފުރިހަމަކޮށް ނިމޭއިރު، ބިމުގެ މަދުވެގެން 70 ޕަސެންޓް ބިމަކީ އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިންކަމުގައި ވުން
ގާނޫނުއަސާސީ އަށް ބަދަލު ގެނެސް، ބިން މިލްކު ކުރުން ވެގެން ދިޔައީ ވަރަށް ގިނަ ދިވެހިންނަށް ވަރަށް ބޮޑު މައްސަލައަކަށެވެ. އޭރު ވެސް އާންމުން ފުޅާ ދާއިރާއެއްގައި ހިޔާލުފާޅު ކުރަމުން ދިޔަ ޓްވިޓާގައި އެކި މީހުން އެކި ކެމްޕެއިންތައް ފެށި އެވެ. "ސޭވް ފާފު" އާއި "ފާފުއަތޮޅު ވިއްކުމާ ދެކޮޅަށް" ނަމުގައި ވެސް ކެމްޕެއިންތަކެއް ދިޔަ އެވެ. އަދި ފ. އަތޮޅުގެ އެކި ރަށްރަށް ހިމެނޭހެން މާލެ އާއި ބައެއް ރަށްރަށުގައި ވެސް ވަރަށް ފުޅާ ދާއިރާއެއްގައި މުޒާހަރާތައް ވެސް ކުރި އެވެ.
ފާފު މަޝްރޫއާ ދެކޮޅަށް އޭރު ކުރަހާފައިވާ ކާޓޫނެއް
އޭރު ވެސް، މި ވާން އުޅެނީ އަސްލު ކީއްކަން ދިވެހިންނަށް ވެސް އަދި ޚުދު ޕީޕީއެމްގެ ވެސް އިސް ބައެއް ބޭފުޅުންނަކަށް އެނގިވަޑައެއް ނުގަނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އޭރު ޕީޕީއެމްގެ ބައެއް ބޭފުޅުން ދައްކަވާފައި ހުރި ވާހަކަތަކަށް ބަލާއިރު ވެސް އިދިކޮޅުން ކުރާ ސުވާލުތަކަށް އޮންނަނީ ޖަވާބު ނުދެވިފަ އެވެ. އެހެންވެ، ދިވެހިންނަށް އެންމެންނަށް ވެސް ގަބޫލުކުރެވިފައި އޮތީ ފ. އަތޮޅު އެއްކޮށް ސައުދީ އަށް ވިއްކާލަނީ ކަމެވެ.
އޭގެ އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ، ގާނޫނުއަސާސީ އަށް ގެންނަން އޮތް އިސްލާހު މަޖިލީހަށް ހުށަހެޅި ހިސާބުންނެވެ.
"އާންމު ގޮތެއްގައި އޭރު އެއްވެސް އިސްލާހެއް މަޖިލީހަށް ދާނީ ޕީޕީއެމްގެ ޕީޖީ ގުރޫޕުގައި މަޝްވަރާ ކޮށްފައި. އެކަމަކު މި އިސްލާހު އެއީ އެގޮތަށް ދިޔަ އިސްލާހެއް ނޫން،" ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ އޭރުގެ ލީޑަރު، އަދި ގާނޫނުއަސާސީ އަށް އިސްލާހުތައް ވެސް ހުށަހެޅުއްވި އަހުމަދު ނިހާން ވިދާޅުވި އެވެ.
އަޅުގަނޑު ގުޅައިފިން ރައީސް ޔާމީނަށް. ވިދާޅުވީ ފޯނު ސްޕީކަރަށް ލާށޭ ކިޔައިދޭނަމޭ. އެކަމަކު އަޅުގަނޑުމެން އެދުނީ ރައީސާ ސީދާ ބައްދަލު ކުރަން. ދެން ވޯޓު ނެގުން ލަސްކޮށްލައިފައި ހުރިހާ ބޭފުޅުން ވަޑައިގަތީ މުލިއާގެ އަށް.
"އެކަމާ ޕީޕީއެމް މެމްބަރުންގެ ތެރޭގައި ހިޔާލު ތަފާތުވި. ހިޔާލު ތަފާތުވި އެއް ބޭފުޅަކީ ރެޑްވޭވް [އަހުމަދު] ސަލީމް. އެހެން ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ. ސަލީމްމެން ވިދާޅުވީ ތިމަންނާމެން މިވަރުގެ ވޯޓެއް ދޭއިރު އެއީ ކީއްވެގެން ދެވޭ ވޯޓެއްކަން ޖެހޭނެއޭ އެނގެން."
"އެހެންވެ އަޅުގަނޑު ގުޅައިފިން ރައީސް ޔާމީނަށް. ވިދާޅުވީ ފޯނު ސްޕީކަރަށް ލާށޭ ކިޔައިދޭނަމޭ. އެކަމަކު އަޅުގަނޑުމެން އެދުނީ ރައީސާ ސީދާ ބައްދަލު ކުރަން. ދެން ވޯޓު ނެގުން ލަސްކޮށްލައިފައި ހުރިހާ ބޭފުޅުން ވަޑައިގަތީ މުލިއާގެ އަށް. އެ ދުވަހު ފުރަތަމަ ފަހަރަށް ރައީސް ވިދާޅުވީ މި ޕްރޮޖެކްޓަކީ ކިހިނެއް ކޮން ބަޔަކު ފަށާ ޕްރޮޖެކްޓެއް ކަން. މުހަންމަދުގެ ނަން ފުރަތަމަ ފަހަރަށް ރައީސް އެ ދުވަހު ވިދާޅުވި."
ސައުދީން ބޭނުންވީ ގާނޫނުއަސާސީ އަށް ގެންނަ ބަދަލު މަދުވެގެން 80 ޕަސެންޓްގެ ތާއީދާ އެކު ފާސްވާން ކަމަށް އޭރުގެ ބައެއް މެމްބަރުން ވިދާޅުވި އެވެ. އަދި، އެ ޔަގީންކަން އަދީބު ދެއްވި ކަމަށް ވެސް ވެ އެވެ. އެހެންވެ، އެ އަދަދަށް ވޯޓު ހަމަކުރުމަށް ޓަކައި، ސިޔާސީ ގޮތުން ކުރަން ޖެހުނު ކަންކަން ވަރަށް ގިނަވި އެވެ. ހަރަދުކުރަން ޖެހުނު ފައިސާގެ އަދަދު އެތައް މިލިއަން ޑޮލަރަކަށް އެރި އެވެ. އެކަމަކު، އެ ވަރުން ވެސް، މިހާރުގެ ރައީސް އަދި އޭރު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހާ އެކު 14 މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ހިމެނިވަޑައިގަންނަވަނީ ވޯޓު ނުދެއްވާ ބޭފުޅުންގެ ތެރޭގަ އެވެ.
ސޭފް ފާފުގެ މުޒާހަރާއެއްގައި ފ. އަތޮޅުގެ ޒުވާނުންތަކެއް -- ފޮޓޯ: ޓުވިޓާ
"99 އަހަރަށް ކުއްޔަށް ދެވުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އުމުރު ދުވަހަށް ތަނެއް ދެވުން. ދެން އަނެއްކާ ގާނޫނުއަސާސީ އަށް ބަދަލުގެނެސް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް އޭރު ވެސް މިހާރު ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަލީ ހުސެއިން ވިދާޅުވި އެވެ.
"ބިން ވިއްކަމުން ވިއްކަމުން ގޮސް މުޅި ގައުމު ވެސް ވިއްކަންވީ. އެއީ އަޅުގަނޑުމެންގެ އަތުގައި އޮތް ހައްގެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން އަދާކޮށްދޭން ޖެހޭ ވާޖިބެއް ބި ބިމަކީ. ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް މި ބިން މި ހިސާބަށް ގެނެސްދިނީ ފޮތިފޮތިކޮށް ވިއްކާކަށް ނޫން."
އަލީ ހުސެއިން އެހެން ދެ މައްސަލައެއް ވެސް ފާހަގަކުރެއްވި އެވެ. އެއް ކަމަކީ، އޭރު ވޯޓުތައް ނެގެމުން އައި އިރު އޮތް ނުފޫޒެވެ. އަނެއް ކަމަކީ، އެވަރުގެ މަޝްރޫއުތަކުން ދިވެހިންނަށް ލިބޭ މަންފާއެއް ނެތުމެވެ.
ފާފު މަޝްރޫއުން ދިވެހިންނަށް ކޯއްޗެއްތޯ ލިބޭނީ އެއީ ފަސް ބިލިއަން ޑޮލަރުގެ މަޝްރޫއަކަށް ވިޔަސް. ހަމަ 12 ޕަސެންޓްގެ ޖީއެސްޓީ އެކަނި ލިބެމުންދާނީ. ހުރިހާ ފައިދާއެއް އިންވެސްޓްކުރާ މީހުންނަށް ދެން އެކަމަށް މިތާނގައި މަގުފަހިކޮށްދޭ މީހުންނަށް.
"މިސާލަކަށް ފާފު މަޝްރޫއުން ދިވެހިންނަށް ކޯއްޗެއްތޯ ލިބޭނީ އެއީ ފަސް ބިލިއަން ޑޮލަރުގެ މަޝްރޫއަކަށް ވިޔަސް. ހަމަ 12 ޕަސެންޓްގެ ޖީއެސްޓީ އެކަނި ލިބެމުންދާނީ. ހުރިހާ ފައިދާއެއް އިންވެސްޓްކުރާ މީހުންނަށް ދެން އެކަމަށް މިތާނގައި މަގުފަހިކޮށްދޭ މީހުންނަށް. އެހެން ނޫންތޯ ވާނީ... އޭރު ވެސް އަދި މިހާރު ވެސް އޮތީ ހަމަ ވެރިންނަށް ރިޝްވަތު ދިނުމާއި މިކަހަލަ މަޝްރޫއުތަކުން އެ މީހުންނަށް ބައިއެޅުން. އާންމު ދިވެހިންނަށް ވާނެ ފައިދާއެއް ނެތް،" އަލީ ހުސެއިން ވިދާޅުވި އެވެ.
"ފާފު އަތޮޅު ވިއްކާލަނީ" ކަމަށް ބުނެ، އޭރު މުޅި ރާއްޖޭގައި ދިވެހިން ގަދައަޑުން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް، މަޝްރޫއުގެ މަސައްކަތް ކުރިއަށް ދިޔަ އެވެ. ގާނޫނުއަސާސީ އަށް ގެނައި ބަދަލަށް ފަހު، ދެން އޮތީ، ހިމިތި މަޝްރޫއު ހިމާޔަތް ކުރުމަށް ގާނޫނުއަސާސީގައި ބުނާ ގާނޫނު ހެދުމެވެ.
"އެ ގާނޫނު އޮސްޓްރޭލިޔާގެ ގާނޫނީ ޓީމަކުން ޑްރާފްޓް ކުރަމުން ދިޔައީ. އޭގައި މައިގަނޑު ގޮތެއްގައި ލިޔަން ވިސްނާފައި އޮތީ އެއީ އެބޭފުޅުންގެ އަމިއްލަ ޕްރޮޕަޓީއެއް ކަމާއި އެތަން ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ހިންގާހާ ދުވަހަކު ނުނެގޭނެ ކަމަށް،" އަދީބު ވިދާޅުވި އެވެ.
ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ކުރިން، ސައުދީ ޝާހީ އާއިލާ އާއި ސަރުކާރާ ދެމެދު ޑިސެމްބަރު 19، 2014 ގައި ވަނީ އެމްއޯޔޫއެއް ބަދަލު ކޮށްފަ އެވެ. އޭގައި ސަރުކާރުން ކުރަން ޖެހޭ ކަންތައްތަކާއި ޑިވެލޮޕަރު ކުރަން ޖެހޭ ކަންކަން ބަޔާންކޮށްފައި ވެ އެވެ. އެ އެމްއޯޔޫގައި އެއް ކަމެއްގެ ގޮތުގައި އެންމެ ބޮޑަށް ބާރު އަޅާފައި ވަނީ ވެސް، އެ މަޝްރޫއު މީޑިއާ އަށް ތިލަ ނުކުރުމާއި، ތިލަވެއްޖެ ހާލަތެއްގައި އެއަށް އެއްވެސް ފަރާތަކުން ރައްދު ނުދިނުމަށެވެ.
ސޭވް ފާފުގެ މުޒާހަރާގައި މީހަކު ބައިވެރިވަނީ -- ފޮޓޯ: ޓުވިޓާ
ގާނޫނުއަސާސީ އަށް އިސްލާހު ގެނައި ދުވަސް އެއީ ނައިބު ރައީސް ކަމުގެ މަގާމަށް، އަދީބު އިންތިހާބު ކުރި ދުވަސް ވެސް މެ އެވެ. އެހެންވެ، މި މަޝްރޫއުގެ ތެރެއިން ވަރަށް ގިނަ އެހެން ކަންކަމަށް ވެސް ފައިސާ ހޯދަން މަގު ފަހިވި ކަމަށް އަދީބު ވިދާޅުވި އެވެ.
"ފާފުގެ މަޝްރޫއުގެ ސަބަބުން ސައުދީއާ ގުޅިފައި އޮތްލެއް ބޮޑުކަމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި އެހެން ފައިދާތަކެއް ވެސް ވި. މިސާލަކަށް ވެލާނާ އެއާޕޯޓްގެ މަޝްރޫއަށް އަޅުގަނޑުމެން ސައުދީން ފައިސާ ވެސް ހޯދިން. އޭގެ އިތުރުން އައިހަވަން މަޝްރޫއު ވެސް އަޅުގަނޑުމެން ނެގޯޝިއޭޓްކޮށް، އެ ސަރަހައްދުގައި ސައުދީގެ ތެޔޮ ރައްކާކުރާ ސްޓޯރޭޖްތަކެއް ހަދަން ވެސް އެއްބަސްވެވުނު،" އަދީބު ވިދާޅުވި އެވެ.
"ގާނޫނު ފާސްކޮށް ނިންމާތަނުން އޮތީ ސޮއިކުރާ ގޮތަށް. ސޮއިކުރާ ދުވަހު ވެސް ދިވެހި ސަރުކާރަށް، މީރާ އަށް ވަންނާނެ 150 މިލިއަން ޑޮލަރު. ރީތިރަށް ރިސޯޓް އެއީ 200 މިލިއަން ޑޮލަރުގެ މަޝްރޫއެއް. އެ ރިސޯޓް ހަދާ ނިމުނުއިރު އެކަންކަމުގައި އުޅުނު އެންމެން މުއްސަނދިވި. އަޅުގަނޑުމެން މި ދައްކަނީ ފަސް ބިލިއަން ޑޮލަރުގެ ވާހަކަ. ވިސްނަވާ އެވަރުގެ ޕްރޮޖެކްޓެއް އަންނަ އިރު ދެން ވާނެ ގޮތް. ރާއްޖޭގެ ޖީޑީޕީ ދެ ގުނަ ނުވާނެ އެއީ ނެތް ގޮތެއް."
ގާނޫނު ފާސްކޮށް ނިންމާތަނުން އޮތީ ސޮއިކުރާ ގޮތަށް. ސޮއިކުރާ ދުވަހު ވެސް ދިވެހި ސަރުކާރަށް، މީރާ އަށް ވަންނާނެ 150 މިލިއަން ޑޮލަރު.
އެކަމަކު ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން، ސެޕްޓެމްބަރު 2015 ގައި ލޯންޗެއްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން އަދީބު، ނޮވެމްބަރު 5، 2015 ގައި ނައިބު ރައީސްކަމުން ވަކިކުރި އެވެ.
"އެ ހިސާބަށް ދިޔައިރު ފާފު އަތޮޅުގެ މަޝްރޫއު ދިޔައީ ހަމަ ރަނގަޅަށް ހިނގަމުން. އަދި އެއާ ގުޅިފައި ހުރި އެހެން މަޝްރޫއުތައް ވެސް ދިޔައީ ކުރިއަށް،" އަދީބު ވިދާޅުވި އެވެ.
"އޭގެ ފަހުން ދެން އެކަން ހިނގި ގޮތެއް ނޭނގެ. ހަގީގަތަކީ އަޅުގަނޑު ހައްޔަރު ކޮށްގެން ޖަލުގައި މަޑުމަޑުން އިނީ ވެސް މި މަޝްރޫއުތައް ކާމިޔާބު ކުރުމުގެ ބޭނުމުގައި ކަން. ވިސްނަވާ، އަޅުގަނޑު މިއިން އެއްވެސް ވާހަކައެއް، އަދި ރައީސް ޔާމީނާ ބެހޭ ގޮތުން ވެސް ހަމަ އެއްވެސް ވާހަކައެއް ނުދައްކާ ވަރަށް ގިނަ ދުވަހު ހުރިން. ސަބަބަކީ މި މަޝްރޫއުތައް ހުއްޓެން ބޭނުން ނުވީމަ."
ހިމިތި: މިހާރު ދަނީ ވަރަށް ބޮޑަށް ހަލާކުވަމުން -- ފޮޓޯ: ޖައިލަމް މަހުމޫދު / މިހާރު
އަދީބު ވިދާޅުވި ގޮތުގައި، އެހާ ހިސާބަށް ސިޔާސީ އޮއިވަރު ބަދަލުވެގެން ދާން ޖެހުނު އެންމެ ބޮޑު މައްސަލަ އަކީ މި ވަރުގެ މަޝްރޫއެއްގައި ރައްޔިތުންނަށް ދޭން ޖެހޭ ވަރަށް މައުލޫމާތު ނުދެވުމެވެ.
ފ. އަތޮޅުގެ މަޝްރޫއު އޮތީ ވާނުވާގަ އެވެ. ޔާމީން ވެރިކަމުން ވަކިވެ ވަޑައިގަތްއިރު ވެސް އެ މަޝްރޫއުގެ އިތުރު ކަމެއް ކުރިއަކަށް ނުދެ އެވެ. އަދި އޭގެ ފަހުން، މި ސަރުކާރުގެ ފަސް އަހަރު ވެސް ނިމިގެން މި ދަނީ "ސަންރައިޒް" މަޝްރޫއަށް އަލިވިލުމެއް ނައިހެވެ.
އަދީބު ވިދާޅުވީ އޭނާ އަށް ގަބޫލު ކުރެއްވޭ މައި އެއް ސަބަބަކީ، ނެގޯސިއޭޝަންގެ މައްސަލަ އެވެ. ދެ ވަނަ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ގައުމު ހަލަބޮލިވުމާއި މި މަޝްރޫއުގެ ވާހަކަތައް ދުނިޔޭގެ މީޑިއާ އަށް މާ ބޮޑަށް ތިލަވުމެވެ. އެއީ، އެހާ ވަރުގެ ޕްރައިވަސީއެއް ހޯދަން ބޭނުންވާ ބަޔަކު ފޫހިކޮށްލާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެހެން ދިމާވީ މަޝްރޫއާ ބެހޭ ގޮތުން ދިވެހިންނަށް އަންގަން ޖެހޭ ވަރަށް މައުލޫމާތު ފޯރުކޮށް ނުދެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެތަން ކުރަހާފައި އޮތްގޮތާއި މިކަން ހިނގާ ގޮތް ރައްޔިތުން އޭރު ކިޔައިދިން ނަމަ މިހެނެއް ނުވީސް. އެކަމަކު އަސްލު ރައީސް ޔާމީން ބޭނުންފުޅެއް ނުވޭ އަޅުގަނޑު އެއްވެސް އެއްޗެއް ކިޔައިދޭކަށް.
"އެތަން ކުރަހާފައި އޮތްގޮތާއި މިކަން ހިނގާ ގޮތް ރައްޔިތުން އޭރު ކިޔައިދިން ނަމަ މިހެނެއް ނުވީސް. އެކަމަކު އަސްލު ރައީސް ޔާމީން ބޭނުންފުޅެއް ނުވޭ އަޅުގަނޑު އެއްވެސް އެއްޗެއް ކިޔައިދޭކަށް. ރައީސް ޔާމީންގެ އުސޫލަކީ އުހުނ... އަދީބުއޭ މާގިނައިން ތި ވާހަކަ ދައްކަންޏާ ތި ގޯސްވެދާނެއޭ. އަވަހަށް މީހުންނަށް ނޭނގެނީސް ތީތި ނިންމާލާށޭ ބަންބަން ކިޔާފައި،" އަދީބު ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް އެނގިވަޑައިގަންނަވަނީ މީތި އަތުވެއްޖިއްޔާ މުޅި ގައުމުގެ އިގްތިސާދު ބަދަލުކޮށްލާނެކަން. އެހެންވެ އެކަން ވިޔަ ނުދޭން މީހުން އުޅެފާނެކަން."
އެކަމަކު އަދީބު ވިދާޅުވި ގޮތުގައި މިއީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއިން، ނުވަތަ ފަރުވާ ކުޑަވެގެން ވިޔަސް އަތުން ބީވެގެންދާ ވަރަށް ވުރެ ބިޔަ މަޝްރޫއެކެވެ.
"ވަން އިން އަ މިލިއަން މިކަހަލަ މަޝްރޫއެއް އަންނާނީ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު "ހުވަފެނެއްގައި" ތިއްބާ އެ މަޝްރޫއު އަތުން ބީވެގެން ދިޔައީ އެވެ. ދުނިޔޭގައި ނެތް ފެންވަރުގެ ޓޫރިޒަމް ބްރޭންޑެއްގެ ގޮތުގައި މިއަދު ފެންނަން އޮންނަން ޖެހޭ ހިމިތި މިހާރު އެއޮތީ ބޭކާރު ރަށެއްގެ ގޮތުގަ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި އާއިލާގެ ލޯ މިހާރު އެ ރަށަކަށް ނެތެވެ. އެ ބޭފުޅުން ދެން އެ ދިމާއަށް މޫނު އަނބުރާލައްވާނެހެނެއް ހިޔެއް ވެސް ނުވެ އެވެ.
އެންމެ ބޮޑު އަގެއް ހުށަހެޅި ރަށަށް 3.3 މިލިއަން!
ޕްރިންސް މުހައްމަދު ރާއްޖޭ ޗުއްޓީގެ ސިއްރުތަކެއް!
"ފ. އަތޮޅު ވިއްކައެއް ނުލާނެ، އެއީ ސުވާލެއް ނޫން"
ހަ ފުށް ކީއްކުރަން، ދެ ފުށް ވެސް ނުފެނެ އެވެ!
ޑޮލަރުގެ ގަވާއިދަށް 173 ރިސޯޓުން ރަޖިސްޓްރީވެއްޖެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯއަކަށް ސޮލާހު
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް