Roadha Mihaaru
ރެފިއުޖީން ހިމާޔަތް ކޮށްދެނީ އިސްލާމް ދީން: ގުޓަރޭސް

ރެފިއުޖީން ހިމާޔަތް ކޮށްދެނީ އިސްލާމް ދީން: ގުޓަރޭސް

12 މާޗް 2023

އިސްލާމް ދީނާ މެދު ބަޔަކު ދެކޮޅުވެރިވެ ނަފްރަތު ކުރިޔަސް، އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށްދީ، ގޮތެއް ނެތި ހާލުގައި ޖެހިފައިވާ ރެފިއުޖީންގެ ހައްގުތައް ވެސް ފުރިހަމަ އަށް ހިމާޔަތްކޮށްދެނީ އިސްލާމް ދީންގައި ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެ އެވެ.

އިސްލާމް ދީނާ މެދު ބަޔަކު ދެކޮޅުވެރިވެ ނަފްރަތު ކުރިޔަސް، އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށްދީ، ގޮތެއް ނެތި ހާލުގައި ޖެހިފައިވާ ރެފިއުޖީންގެ ހައްގުތައް ވެސް ފުރިހަމަ އަށް ހިމާޔަތްކޮށްދެނީ އިސްލާމް ދީންގައި ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެ އެވެ.

މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމާ ދެކޮޅު ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމަށް އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި ޚާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ އަމަލުތައް އެތައް ގޮތަކުން ހިނގަމުންދާ ކަމަށެވެ. މުއައްސަސާތަކުގެ ތެރޭގައި ވެސް އަދި، ހަމަ ދައުލަތްތަކުގައި ހަމަޖެހިފައި ހުންނަ އިންތިޒާމުތަކުގެ ތެރޭގައި ވެސް، މުސްލިމުންނާ މެދު ތަފާތު ކުރުމުގެ އަމަލުތައް ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންނާ މެދު، ބައެއް ގައުމުތަކުގެ މީހުން ދެކޮޅުވެރިވެ ނަފްރަތު ކުރަނީ، އިތުރު އެހެން އެއްވެސް ސަބަބެއް ނެތި، ހަމައެކަނި މުސްލިމުން ގަބޫލުކުރާ އަގީދާގެ ސަބަބުން ކަމަށް، ވެސް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވި އެވެ.

ގުޓަރޭސް ވިދާޅުވި ގޮތުގައި ގައުމުތަކުގައި އިގްތިސާދީ ކަންކަމުގަ އާއި އިޖްތިމާއީ ކަންކަމުގައި ވެސް މުސްލިމުންނާ މެދު ތަފާތުކުރުމުގެ އަމަލުތައް ހިންގަ އެވެ. އަދި ގައުމުތަކަށް މީހުން އެތެރެވުމުގައި ގެންގުޅޭ ސިޔާސަތުތަކުގައި ވެސް މުސްލިމުންނާ މެދު ތަފާތުކުރުމުގެ ސިޔާސަތުތައް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެއްވެސް ބޭނުމެއް ނެތް ގޮތެއްގައި މުސްލިމުންގެ ހަރަކާތްތަކަށް ފާރަލައި ބެލުމާއި މުސްލިމުންގެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމުގެ ކަންތައް ވެސް ބައެއް ގައުމުތަކުގައި ހިނގަ އެވެ.

"އެ ފަދަ ސިޔާސަތުތައް ފެތުރުމަށް އިތުރު ބާރަކަށް ވެގެން ދަނީ، މުސްލިމުންނާ ދެކޮޅަށް ވަކި ފަރާތަކަށް ޖެހިފައިވާ މީޑިއާތަކުގެ ސަބަބުން. އަދި މުސްލިމުންނާ ދެކޮޅަށް ބައެއް ސިޔާސީ ލީޑަރުން ގެންގުޅޭ ސިޔާސަތުތަކާއި ދައްކަވާ ވާހަކަތަކުގެ ސަބަބުންކަން ވަރަށް ލަދުވެތިކަމާ އެކު ފާހަގަކޮށްލަން،" ގުޓަރޭސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުސްލިމުންނާ މެދު ނަފްރަތު އުފެދެނީ، އިސްލާމް ދީނުގައި މިންތީ ތަފާތުކުރުންތައް ހުރެގެން ކަމަށް ބުނެ އެ ދެ ކަންތައް ގުޅުވަން އުޅުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އޭގެ ބަދަލުގައި ފެންނަމުން ދަނީ، އެމީހުންގެ ޖިންސާއި އެމީހުންގެ ވަންހަ އާއި އެމީހުން ގަބޫލުކުރާ އަގީދާގެ ސަބަބުން މުސްލިމް އަންހެނުންނާ މެދު ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅޭ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އިސްލާމް ދީނުގެ ތެރެއިން ފެންނަނީ އެންމެންގެ މެދުގައި ހަމަހަމަކަން ދަމަހައްޓައި އިންސާނިއްޔަތުކަން ފެތުރުމަށް މަސައްކަތް ކުރާ ހަގީގަތްތަކެއް ކަމަށް ވެސް ގުޓަރޭސް ވިދާޅުވި އެވެ.

"އަހަރެމެން މިތިބީ ރޯދަ މަހާ ބައްދަލުކުރުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައި. އިސްލާމް ދީނުން މުޅި ދުނިޔެއަށް ފަތުރަމުން އަންނަތާ ސާސްކަފަކަށް ވުރެ ގިނަ ދުވަސްވީ، ސުލްހަ އާއި އޯގާތެރިކަމާއި އުފާވެރިކަމުގެ މެސެޖުން ދުނިޔޭގެ އެތައް ބަޔަކަށް ވަނީ އިލްހާމް ލިބިފައި. އިސްލާމް އެ ލަފްޒަކީ ވެސް ސަލާމް އާއި ސުލްހަ އިން ނެގިފައިވާ ނަމެއް،" ގުޓަރޭސް ވިދާޅުވި އެވެ.

"ރެފިއުޖީންނާ ބެހޭ އދ.ގެ ހައި ކޮމިޝަނަރުގެ މަގާމުގައި އަޅުގަނޑު ހުރި ދުވަސްވަރު، އަމިއްލަ ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ހިޖްރަކުރި މީހުންނަށް، އެހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރި އިރު، މުސްލިމް ގައުމުތަކުން ވަނީ އެފަދަ މީހުންނަށް މަރުހަބާ ކިޔައި، އިސްލާމް ދީނުގައިވާ ދީލަތިކަން ސާބިތުކޮށްދީފައި."

އިސްލާމް ދީނުގައި، ޣައިރު މުސްލިމުންނާ މެދު ވެސް އަދުލުވެރިކަމާއި އޯގާތެރިކަމާ އެކު މުއާމަލާތު ކުރުމަށް އަންގަވައިފާކަމަށް އޭނާ ދަލީލު ދެއްކެވީ، ކީރިތި ގުރްއާނުގެ ތައުބާ ސޫރަތުގެ ހަ ވަނަ އާޔަތުގެ ތަރުޖަމާއިންނެވެ؛ " އަދި މުޝްރިކުންގެ ތެރެއިން އެއްވެސް މީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ، ފަހެ، އެމީހަކު ﷲގެ ކަލާމްފުޅު އަހައިފުމަށް ދާނދެން އެމީހަކަށް ރައްކާތެރިކަން ދެއްވާށެވެ! ދެންފަހެ، އަމާންކަން ލިބިގެންވާ ތަނަކާ ހަމަޔަށް އެމީހަކު ގެންގޮސްދެއްވާށެވެ."

"މި ރައްކާތެރިކަމަކީ މުއުމިނުންނަށާއި، ﷲ އަށް އީމާންނުވާ މީހުންނަށް ވެސް ހަމަހަމަކާ އެކު އިސްލާމް ދީނުގައި ދެއްވާފައިވާ ރައްކާތެރިކަމެއް. ކީރިތި ގުރްއާނުން އެކަން ވެސް ފެންނަން އެބަ އޮތް. އދ. އިން 1951 ގައި ފާސްކުރި ރެފިއުޖީންނާ ބެހޭ މުއާހަދާގެ ވެސް އެތައް ގަރުނެއް ކުރިން، ރެފިއުޖީންނަށް ހިމާޔަތް ހޯދައިދީފައިވާ ކޮން ފަދަ ފުރިހަމަ އިބާރާތެއްތޯ މިއީ،" ގުޓަރޭސް ވިދާޅުވި އެވެ.