Roadha Mihaaru
އިސްލާމީ ގައުމުތަކުގެ ނުރުހުން އިންޑިއާ އަށް

ރަސޫލާއަށް ފުރައްސާރަކުރުމުން ގައުމުތަކުގެ ނުރުހުން އިންޑިއާ އަށް

06 ޖޫން 2022

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ވެރިއަކު، ކީރިތި ޤުރްއާނަށާއި އިސްލާމީ އުންމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލައިގައި، އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކޮށް، އިންޑިއާގެ ޑިޕްލޮމޭޓުން މެދުވެރިކޮށް އެކަމާ އިހުތިޖާޖް ކޮށްފި އެވެ.

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ވެރިއަކު، ކީރިތި ޤުރްއާނަށާއި އިސްލާމީ އުންމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލައިގައި، އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކޮށް، އިންޑިއާގެ ޑިޕްލޮމޭޓުން މެދުވެރިކޮށް އެކަމާ އިހުތިޖާޖް ކޮށްފި އެވެ.

ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ބީޖޭޕީގެ ދެ ވެރިންގެ ތެރެއިން އެކަކު އިއްޔެ ޕާޓީން ވަކިކޮށް އަނެކަކު މިހާރު ހުރީ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކުރީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަންގެ މަގާމުގައި ހުރި ނުޕުރް ޝަރުމާ އެވެ. ޕާޓީން ވަކިކުރީ ވެރިރަށް ނިއު ދިއްލީގައި ހުނަން އެ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ.

މި މައްސަލައިގައި ގަލްފުގެ އަރަބި-އިސްލާމީ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށްފަ އެވެ. ސައޫދީ އަރަބިއްޔާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ނުޕުރް ޝަރުމާގެ ވާހަކަތަކަކީ، އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ އަމަލުތަކެކެވެ.

ގަތަރުގެ ޚާރިޖިއްޔާގެ ޓުވީޓް

އޭގެ އިތުރުން ކުވައިތާއި ގަތަރާއި އީރާނުން ވަނީ އެ ގައުމުތަކުގައި ތިއްބަވާ އިންޑިއާގެ އެންމެ އިސް ޑިޕްލޮމޭޓުން ޚާރިޖިއްޔާ އަށް ހާޒިރުކޮށް، ރަސްމީ ގޮތުން އެކަމާ ދެކޮޅު ހަދައިފަ އެވެ. ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަވާ އިންޑިއާގެ ސަފީރު އިއްޔެ ގަތަރުގެ ޚާރިޖިއްޔާ އަށް ހާޒިރުކޮށް، އޭނާއާ ހަވާލުކުރި އިހުތިޖާޖުގެ ސިޓީގައި، ބީޖޭޕީގެ އިސް ވެރިންތަކެއް ދެއްކެވި ވާހަކަތަކަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް މައާފަށް އެދުމަށް ގޮވާލާފައިވެ އެވެ.

އިންޑިއާގެ ސަފީރު ގަތަރުގެ ޚާރިޖިއްޔާ އަށް މި ހާޒިރުކުރީ، އިންޑިއާގެ މަތީ ފެންވަރުގެ ވިޔަފާރިވެރިންގެ ވަފުދަކާއެކު އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫ، ރަސްމީ ދަތުރެއްގައި ގަތަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

ގަތަރާއި ކުވައިތުން ވެސް އިއްޔެ ވަނީ އެ ދެ ގައުމުގައި ތިއްބަވާ އިންޑިއާގެ ސަފީރުން، އެ ދެ ގައުމުގެ ޚާރިޖިއްޔާ އަށް ހާޒިރުކޮށް، އެ މައްސަލައިގައި ރަސްމީކޮށް މައާފަށް އެދުމަށް އިންޑިއާ ސަރުކާރަށް އަންގައިފަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފްގެ ޓުވީޓް

އޭގެ އިތުރުން އީރާން ސަރުކާރުންނާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ވެސް މިހާރު ވަނީ، ބީޖޭޕީގެ އިސް ދެ ވެރިއަކު، ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކޮށްފަ އެވެ. އަދި ސައޫދީ އަރަބިއްޔާ އާއި ބަހްރައިންގެ އިތުރުން ގަލްފުގެ ބައެއް ގައުމުތަކުގައި ހިންގާ ބޮޑެތި ސުޕަމާކެޓްތަކުން މިހާރު ވަނީ އިންޑިއާގެ އުފެއްދުންތައް ވިއްކުން ހުއްޓާލައިފަ އެވެ.

މި މައްސަލަ ފެންމަތިވީ މިދިޔަ ހަފުތާގައި އިންޑިއާގެ ޓީވީ ޗެނަލެއްގައި ކުރި ބަހުސެއްގެ ތެރޭގައި ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލައިގައި، އިންޑިއާގެ މުސްލިމުންނާއި ހިންދޫންނާ ދެމެދު މިހާރު ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ.

ބީޖޭޕީގެ ސަރަހައްދީ ވެރިކަމެއް އޮތް އުއްތަރު ޕްރަދޭޝްގައި މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު، މުސްލިމުންނާއި ހިންދޫންގެ ބަޔަކާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި މަދުވެގެން 40 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ.

ބީޖޭޕީން ބުނި ގޮތުގައި ނުޕުރް ޝަރުމާ ސަސްޕެންޑްކުރީ އޭނާއާ މެދު ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ބެލުމުގެ މަސައްކަތް އެ ޕާޓީގެ ފަރާތުން ކުރަމުން ދާތީ އެވެ. އެ ޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނުޕުރް ދެއްކި ވާހަކަތަކަކީ އެ ޕާޓީގެ ވިސްނުން ނޫން ކަމަށާއި، އެ ޕާޓީއަކީ ހުރިހާ ދީންތަކަށް ފުރިހަމަ އަށް އިހްތިރާމްކުރާ ޕާޓީއެއް ކަމަށެވެ.