Roadha Mihaaru
ބޭސިކް ކަންކަމަށް ޑިބްރޭނާ ސަމާލުވާން ގާޑިއޯލާ އެދިއްޖެ

ބޭސިކް ކަންކަމަށް ޑިބްރޭނާ ސަމާލުވާން ގާޑިއޯލާ އެދިއްޖެ

14 މާޗް 2023

މެންޗެސްޓާ (މާޗު 14) - ޗެމްޕިއަންސް ލީގުގުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދަން މިރޭ އަމިއްލަ ދަނޑުގައި ޖަރުމަންގެ އާރުބީ ލައިޕްޒިގާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓާ ސިޓީގެ އެޓޭކްތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ކެވިން ޑިބްރޭނާ، ކުޅުމުގެ ބޭސިކް ކަންކަން ރަނގަޅު ކުރަން ކޯޗު ޕެޕް ގާޑިއޯލާ އެދިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (މާޗު 14) - ޗެމްޕިއަންސް ލީގުގުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދަން މިރޭ އަމިއްލަ ދަނޑުގައި ޖަރުމަންގެ އާރުބީ ލައިޕްޒިގާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓާ ސިޓީގެ އެޓޭކްތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ކެވިން ޑިބްރޭނާ، ކުޅުމުގެ ބޭސިކް ކަންކަން ރަނގަޅު ކުރަން ކޯޗު ޕެޕް ގާޑިއޯލާ އެދިއްޖެ އެވެ.

ގަދަ 16 ގައި ރަށުން ބޭރުގައި ސިޓީން ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-1 އިން އެއްވަރު ވެފަ އެވެ. އަވޭ ގޯލުގެ އުސޫލް މިހާރު ޔޫރަޕްގެ މުބާރާތްތަކުގައި ނުގެންގުޅޭތީ، މިރޭގެ މެޗުން ކޮންމެ ޓީމެއް މޮޅުވިއަސް އެޓީމަކަށް ކުއާޓާ ފައިނަލްގެ ޖާގަ ލިބޭނެ އެވެ.

ސިޓީގެ ޑިބްރޭނާ، ޕްރިމިއާ ލީގުގެ އެސިސްޓް ރޭންކިންގެ އެއް ވަނައިގައި އޮތީ އެޓީމުގެ 12 ގޯލު ޖަހަން އެހީވެގެންނެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުރި ތިން އެސިސްޓާ އެކު އޭނާ އޮތީ އިތުރު 10 ކުޅުންތެރިންނާ އެކު ލިސްޓުގެ ތިން ވަނައިގަ އެވެ. ގާޑިއޯލާ ދެކޭގޮތުގައި 31 އަހަރުގެ މިޑްފީލްޑަރަށް އެކަން ހައްލު ކުރެވޭނީ ބޭސިކް ކަންކަން ރަނގަޅު ކޮށްގެންނެވެ.

"މިއީ އަހަރެމެން އެންމެންނަށް އުނދަގޫ ސީޒަނެއް، ވޯލްޑް ކަޕާއި ބައިވަރު ކަންކަން ދިމާވި. އަހަރެން މިއުޅެނީ ކެވިން [ޑިބްރޭނާ] ގެ މޮޅުކަން ބަލާކަށް ނޫން. އަހަރެން އޭނާއާ ވަރަށް ބައިވަރު ވާހަކަ ދެއްކިން، ފަސޭހަ ކަންކަން ރަނގަޅަށް ކުރަން ނަސޭހަތްތެރި ވީން،" ގާޑިއޯލާ ބުންނެވެ.

"އަހަރެން އަބަދުވެސް ގަބޫލު ކުރަން ކުދިކުދި ކަންކަން ރަނގަޅު ކޮށްލަނިކޮށް ޓީމު ވަރަށް ރަނގަޅު ވާނެ ކަމަށް، މިސާލަކަށް ބޯޅަ ގެއްލުވާ ނުލައި، ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ނަގަން ޖެހޭ. ކުދިކުދި ކަންކަން އަބަދުވެސް އެންމެ ރަނގަޅަށް ކުރަން ޖެހޭނެ. އެކަން ވެއްޖެ ނަމަ ބާކީ ކަންކަން އަމިއްލައަށް ރަނގަޅު ވާނެ."

ގާޑިއޯލާ ވަނީ މިދިޔަ އޮކްޓޫބަރު މަހު ވެސް ޑިބްރޭނާ އޭނާގެ އެންމެ މަތީ ފެންވަރުގައި ނުކުޅޭ ކަމަށް ބުނެ ފާޑު ކިޔައިފަ އެވެ. އަދި އެކަމާ ގުޅިގެން އޭރު ވެސް އޭނާ ޑިބްރޭނާއާ ވާހަކަ ދައްކާފައި ވެ އެވެ.

ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީއާ ހަވާލުވި ފަހުން އެޓީމުން ނުވަ މޭޖާ ޓްރޮފީ ކާމިޔާބު ކޮށްފައި ވީ ނަމަވެސް މިހާތަނަށް ޗެމްޕިއަންސް ލީގެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އޭނާ ބުނީ ސިޓީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވޭ ނަމަ އޭނާ އަށް ފާޑު ކިޔުން އަންނާނެ ކަން އެއީ ގަބޫލު ކުރާ ހަގީގަތެއް ކަމަށެވެ.

"އަހަރެން ސިޓީ ގޮވައިގެން އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު މެޗަށް ނުކުތްއިރު މީހުން ބުނި އަހަރެން މި އައީ މުބާރާތް ކާމިޔާބު ކުރަން ކަމަށް. އެކަން އަހަރެން ގަބޫލު ކޮށްގެން މިހުރީ، އެ ވިސްނުން އެއީ ބަދަލު ކުރެވޭނެ ކަމެއް ނޫން ވީމައި،" ބާސެލޯނާ އަށް ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ކޯޗު ގާޑިއޯލާ ބުންޏެވެ.

ސިޓީ އިން ޗެމްޕިއަންސް ލީގު ނެގުމާ އެންމެ ގާތަށް ދިޔައީ 2021 ވަނަ އަހަރެވެ. އެ އަހަރުގެ ފައިނަލުން ބަލިވީ ޗެލްސީއާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުންނެވެ.

މުބާރާތް ކާމިޔާބު ނުކުރެވޭ ނަމަ ފާޑު ކިޔުން އަމާޒު ވާނެ ކަމަށް ކޯޗު ބުނި ނަމަވެސް، މިރޭ މެޗުގެ ކުރިން އޭނާއާ އެކު ޕްރެސް ގައި ބައިވެރިވި ޑިބްރޭނާ ބުނީ ޕްރެޝަރު އޮންނާނެ ކަމަށާއި ނަމަވެސް މި ފަހުން ސިޓީ އިން ޗެމްޕިއަންސް ލީގު ކުއާޓާ އާއި ސެމީ އަދި ފައިނަލް ގައި ވާދަ ކުރާއިރު މިއީ ކްލަބް ލެވެލް ގައި ދަށް ނަތީޖާތަކެއް ނޫން ކަމަށެވެ. އަދި އެޓީމަށް އޮތީ ކާމިޔާބާ ހަމައަށް ވާސިލް ވާން ކުރާ މަސައްކަތް ހުއްޓާ ނުލައި ކުކރިއަށް ދިޔުން ކަމަށް ވެސް ޑިބްރޭނާ ބުންޏެވެ.