Roadha Mihaaru

ރެއާލް، ބެޔާން؛ ކޮންމެ ޓީމެއް ޖެހުނަސް ހެޔޮ އަހަރެމެން ފިޓްވާނަން: ގާޑިއޯލާ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ރެއާލް މެޑްރިޑާއި ބެޔާން މިޔުނިކްގެ ތެރެއިން ކޮންމެ ޓީމެއް ޖެހުނަސް ސިޓީ އަށް ވަރިހަމަކަމަށާއި ފިޓްވާން މަސައްކަތްކުރާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ރެއާލް، ބެޔާން؛ ކޮންމެ ޓީމެއް ޖެހުނަސް ސިޓީއަށް ހެޔޮ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

30 ޖެނުއަރީ 2025

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ރެއާލް މެޑްރިޑާއި ބެޔާން މިޔުނިކްގެ ތެރެއިން ކޮންމެ ޓީމެއް ޖެހުނަސް ސިޓީ އަށް ވަރިހަމަކަމަށާއި ފިޓްވާން މަސައްކަތްކުރާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޗެމްޕިއަން ޓީމަށް ޗެމްޕިއަންސް ލީގުގެ ގަދަ އަށަކުން ސީދާ ޖާގައެއް ނުލިބުނެވެ. އެ ޓީމަށް ޖެހުނީ ޕްލޭއޮފް ކުޅޭށެވެ. ޕްލޭއޮފްގައި ވާދަކުރާނީ ރެއާލް އާއި ބެޔާންގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ.

ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ބްރާގާ އަތުން ފަހަތުން އަރައި 3-1 މޮޅުވެ ސިޓީ ވަނީ ޕްލޭއޮފް ބުރުން ޖާގަ ހޯދައިފަ އެވެ.

ގާޑިއޯލާ ބުނީ އޭނާގެ ޓީމު މި ވަގުތު ދައްކަމުންދާ ކުޅުމަށް ބަލައި އެ ޓީމަށް އަނެއް ބުރަށް ދެވިދާނެކަމަށް ބުނަން އުނދަގޫ ކަމަށެވެ. ދެ ހަފުތާތެރޭގައި މެޗު ކުޅޭ ގޮތަށް ތާވަލުކޮށްފައި ވުމުން، ތައްޔާރު ވެވޭނެ ކަމަށް އޭނާ ބުންޏެވެ.

"މާދަމާ ކުޅެންޏާ އަހަރެމެންނަށް އުނދަގޫ ވެދާނެ. އެކަމަކު ދެ ހަފުތާ ފަހުން އަހަންނަކަށް ނޭނގެ އަހަރެމެންގެ މަގާމު އޮންނާނެގޮތެއް. އަހަރެމެންގެ ކުޅުންތެރިން ތިބޭނެ ގޮތެއް. އެކަމަކު ޗޭންޖިން ރޫމްގައި ކުޅުންތެރިން އެބަ ބުނޭ ރެއާލް ނުވަތަ ބެޔާންއާ ކުޅެން ޖެހުނަސް ހެވޭ. އަހަރެމެން ފިޓް ވާނަމޭ. އެހެންވީމަ ބަލަން ތިބެމާ ވާނެ ގޮތެއް،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ އުނދަގޫ ދުވަސްތަކެއް ހޭދަކުރުމަށް ފަހު ރެއާލުން ވެސް މިހާރު ރަނގަޅު ފޯމަކަށް އަތުވެއްޖެ ކަމަށެވެ. އަދި ވިންސެންޓް ކޮމްޕެނީއާ އެކު ބެޔާން ވެސް ފެންނަނީ ވަރުގަދަކޮށް ކަމަށް ގާޑިއޯލާ ބުންޏެވެ.

ރެއާލް އޮތީ ލަލީގާގެ އެއްވަނައިގަ އެވެ. ބެޔާން އޮތީ ބުންޑެސްލީގާގެ އެއްވަނައިގަ އެވެ. އެކަމަކު ސިޓީ އޮތީ ޕްރިމިއާ ލީގުގެ ހަތަރުވަނައިގަ އެވެ.

ލީގުގެ ކޮންމެ މަގާމެއްގައި މި ވަގުތު ސިޓީ އޮތަސް، ޕްލޭއޮފް މެޗަށް ހާލަތު ބަދަލު ކުރެވޭނެކަމުގެ ޔަގީންކަން ގާޑިއޯލާ އަށް އެބައޮތެވެ.

"ކަލޭމެން ވެސް މިއަދު ބުނެފާނެ (އެ ދެ ޓީމު ބަލި ކުރުމަކީ) ނުވާނެ ކަމެކޭ. އެކަމަކު މާދަމާ ވިސްނުން އަދި ހާލަތު ވެސް ބަދަލު ވާނެ،" ގާޑިއޯލާ ބުންޏެވެ.

"އަހަންނަށް ޔަގީންކަން އެބައޮތް އަހަރެމެންނަށް ބެޔާން އާއި ރެއާލް އަށް އުނދަގޫ ކުރެވިދާނެކަން. ސަބަބަކީ އަހަރެމެންގެ ކުޅުންތެރިންގެ ކިބައިގައި އެބަހުރި ހާއްސަ ކަމެއް."

ޕްލޭއޮފްގެ ގުރު ނެގުން އޮންނާނީ މާދަމާ އެވެ. އެ މަރުހަލާގެ ފުރަތަމަ ފުރަތަމަ ލެގް މެޗުތައް ކުޅޭނީ ފެބްރުއަރީ 11 އަދި 12 ގަ އެވެ. ދެވަނަ ލެގް މެޗުތައް އޮންނާނީ 18 އަދި 19 ގަ އެވެ.