Roadha Mihaaru
ސިއްހީ ދާއިރާ އޮތީ މުޅިން އާ މަރުހަލާއެއްގައި: ރައީސް

ސިއްހީ ދާއިރާ އޮތީ މުޅިން އާ މަރުހަލާއެއްގައި: ރައީސް

14 މާޗް 2023

ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީ އޮތީ މިހާރު މުޅިން އާ މަރުހަލާއެއްގައި ކަމަށާއި ރާއްޖޭގައި ކުރިން ނެތް ސިއްހީ އެތައް ހިދުމަތެއް މި ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީ އޮތީ މިހާރު މުޅިން އާ މަރުހަލާއެއްގައި ކަމަށާއި ރާއްޖޭގައި ކުރިން ނެތް ސިއްހީ އެތައް ހިދުމަތެއް މި ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ޑޮކްޓަރީ ބޭހުގުގެ ހިދުމަތް ދޭން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ހެންވޭރު ދަނޑުގައި އައިޖީއެމްއެޗުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީވަމުން އައީ ތިން މަރުހަލާއެއްގެ ތެރެއިން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި 1948-1960 އަށް ހޭދަވި 12 އަހަރަކީ ޑޮކްޓަރީ ބޭހުގެ ހިދުމަތް ރާއްޖެއަށް ތައާރަފްވި މަރުހަލާ އެވެ. އޭގެ ފަހުން 1960-1980 އަހަރުގެ ދުވަސްވަރަކީ ޒަމާނީ ސިއްހީ ނިޒާމެއް އެކުލަވާލައި ތަރައްގީކުރަން ފެށުނު 20 އަހަރުގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.

އެކަމަކު އޭރު ދަތުރުފަތުރު ހުރިގޮތުން ރަށްރަށުގެ ރައްޔިތުންނަށް ޒަމާނީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ގޮންޖެހުން ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ. އެ މުއްދަތުގައި ރަށްރަށުގެ ކޮމިއުނިޓީ ހެލްތު ވޯކަރުން ކުރެއްވި މަސައްކަތް ރައީސް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ މިހާރު އޮތީ މުޅިން އާ މަރުހަލާއެއްގައި. ސިއްހީ ހިދުމަތުގެ މުޅިން އާ ފަރުވާތަކާއި ވަސީލަތްތައް ރާއްޖެ އަށް ތައާރަފުކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ސިއްހީ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް އެބަ ކުރެވޭ: ރައީސް

ރައީސް ވިދާޅުވީ 1980 އިން ފެށިގެން ހޭދަވަމުން އަންނަ މުއްދަތަކީ ސިއްހީ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މަރުހަލާއެއް ކަމަށެވެ.

ސިއްހީ ދާއިރާ އަށް 40 އަށް ވުރެ ގިނަ އަހަރު ވަންދެން ހިދުމަތް ކުރެއްވި ބޭފުޅަކަށް ރައީސް ހަނދާނީ ފިލާ ހަވާލުކޮށް ދެއްވަނީ: ސިއްހީ ދާއިރާގައި މި ސަރުކާރުން އާ ހިދުމަތްތަކެއް ފަށާފައިވާކަމަށް ރައީސް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު ކުރިން ދެންނެވި މަރުހަލާތަކަށް ފަހު ރާއްޖޭގެ ސިއްހީ ދާއިރާ މިހާރު އޮތީ މުޅިން އާ މަރުހަލާއެއްގައި. ސިއްހީ ހިދުމަތުގެ މުޅިން އާ ފަރުވާތަކާއި ވަސީލަތްތައް ރާއްޖެ އަށް ތައާރަފުކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ސިއްހީ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް އެބަ ކުރެވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ސިއްހީ ދާއިރާގެ ކުރިއަށްދާ ބޮޑެތި މަޝްރޫތައް

1. ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހަދާ ޓާޝަރީ 5 ހޮސްޕިޓަލް

2. ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީ ކުރާ 50 އެނދުގެ 6 ހޮސްޕިޓަލް

3. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީ ކުރާ 30 އެނދުގެ 12 ހޮސްޕިޓަލް

4. ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި އަލަށް ފަށާ ހިދުމަތްތަކާ އެކު ސިއްހީ ދާއިރާގެ ވަޒީފާތައް އިތުރުވެގެން ދިއުން

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މި ސަރުކާރުން ބޮޑެތި މަޝްރޫތަކެއް ހިންގާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މި ސަރުކާރުން ބޮޑެތި މަޝްރޫތަކެއް ހިންގާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އެ މަޝްރޫތައް ހިންގަމުން ދިޔަޔަސް ރައްޔިތުންގެ ކަންބޮޑުވުންތަކެއް އަދިވެސް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދާއިރާ ތަރައްގީކުރުމަށް ރައްޔިތުން އަބަދުވެސް އެދޭނެ. އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ އެ ބޭނުންތައް ފުއްދަ ދޭން. މި އަހަރުގެ ބަޖެޓްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގޮތުގައި ސިއްހީ ދާއިރާ ކިތަންމެ ތަރައްގީ ވިޔަސް ޒަމާނާ އެކު އަންނަ ގޮންޖެހުންތަކަށް ނިމުމެއް ނާންނާނެ އެވެ. ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ތާއަބަދު މަސައްކަތް ކުރަން ޖެހޭނީ އެ ސަބަބަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން ދިޔައިރު ވެސް ސިއްހީ ދާއިރާ ކުރިއަރުވަން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށެވެ.

ރާއްޖޭގައި ޑޮކްޓަރީ ހިދުމަތް ދޭން ފެށިތާ 75 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ އައިޖީއެމްއެޗުން ބޭއްވި ހަފުލާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ: ސިއްހީ ދާއިރާ އަށް ޕްރައިވެޓް ސެކްޓާއިން ކުރަމުން ގެންދާ މަސައްކަތް ރައީސް ފާހަގަ ކުރެއްވި --- ފޮޓޯ: ރައީސް އޮފީސް

އެގޮތުން މިހާރު ވެސް ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫތަކެއް ހިނަގަމުންދާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖޭގައި މުޅިން އަލަށް ނަފުސާނީ ބަލިތަކަށް ހާއްސަ މަރުކަޒެއް ގާއިމުކުރީ މި ސަރުކާރުގައި ކަމަށާއި 2020 ގައި ސްޓްރޯކް ސެންޓަރެއްގެ ހިދުމަތް ވެސް ފެށިކަން ރައީސް ފާހަގަކުރެއްވި އެވެ.

"އޭގެ އިތުރުން ވެސް ސިއްހީ ދާއިރާ އަށް ރާއްޖޭގައި ކުރިން ނެތް އެތައް ހިދުމަތެއް މިހާރު އަޅުގަނޑުމެން ފަށައިފިން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ 30 ނުވަތަ 25 އަހަރުގެ ތެރޭގައި އަމިއްލަ ފަރާތްތަކުގެ ކްލިނިކްތަކާއި ހޮސްޕިޓަލުތަކުގެ މަސައްކަތަކީ ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނައި ހިދުމަތްތަކެކެވެ. އެފަދަ ތަންތަން ހުޅުވަމަކީ ސަރުކާރުން ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރުމަތިކޮށް ޒަމާނީ ކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެއް ކަމަށް ރައީސް ވިދާޅުވި އެވެ.