18 އެޕްރީލް 2019
ސިއްހީ ހިދުމަތްތަކާ މެދު އާންމުން ކުރާ ޝަކުވާތަކާ ގުޅުން ހުރި ގޮންޖެހުންތައް ގިނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ސިއްހީ ހިދުމަތްތަކާ މެދު އާންމުން ކުރާ ޝަކުވާތަކާ ގުޅުން ހުރި ގޮންޖެހުންތައް ގިނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހެލްތު މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ބާއްވާ ސަމިޓު ޝަރަފު ވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ފާހަގަކުރައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ޕެނަޑޯލާއި އައިވީ ފަދަ ތަކެތި ވެސް ލިބެނީ އެތައް ތަނަކަށް ސިޓީ ލިޔެގެން ކަމަށް ވާއިރު އެކަމުގައި ކޮރަޕްޝަން އުޅޭ ކަމުގެ ހެކިތައް އެބަހުރި ކަމަށެވެ. ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާދޭ، އާސަންދަ ނިޒާމުގެ ތެރެއަށް ކޮރަޕްޝަން ވަދެފައި އޮތީ އިންތިހާ އަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ވަރަށް ގިނަ ފައިސާތަކެއް އިސްރާފު ވެގެން އެބަދޭ،" ބަނޑޮހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
ކުރީގެ ވަޒީރުންގެ ތަޖުރިބާގެ އަލީގައި އެކަމަށް ހައްލު ހޯދިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރިއާ އަޅާބަލާއިރު ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު ނަމަވެސް ރައްޔިތުން ކުރާ ޝަކުވާތަކާއި ގޮންޖެހުންތައް މަދު ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އަތޮޅު ތެރެއިން ރަނގަޅު ސިއްހީ ހިދުމަތް ނުލިބުމާއި ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުން ފަދަ ކަންކަން ރައީސް ފާހަގަކުރެއްވި އެވެ.
ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުން ސިއްހީ ދާއިރާގައި އެކަށީގެންވާ ވަރަށް ނެތުމުގެ ޝަކުވާ ވެސް ރައްޔިތުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ކޮލިޓީ ދަށް ބޭސް ރާއްޖެ އެތެރެކުރާއިރު އޭގެ ކޮލިޓީ ބެލޭނެ ގޮތެއް ނެތް ކަމުގެ ޝަކުވާ ވެސް ރައްޔިތުން ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދު ބޭއްވި ސަމިޓުގައި ކުރީގެ މިނިސްޓަރު އައިމިނަތު ޖަމީލާއި އަނީސާ އަހުމަދު ބައިވެރިވެ ވަޑައިގެން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރާއްޖޭގެ ސިއްހީ ނިޒާމަށް އެކަށީގެންވާ ކުރިއެރުން ލިބިފައި ނުވަނީ ހުރިހާ ހިދުމަތެއް ހޯދަން މާލެ އަންނަން ޖެހޭ ގޮތަށް އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއިން ކޮންމެ ޝަކުވާއަކާ ގުޅިފައިވާ އެތައް ގޮންޖެހުމެއް އެބަހުރި. އެ ހުރިހާ ގޮންޖެހުންތަކެއްގެ އަސްލަކީ މަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްގީކުރަން އުޅުން. ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ބަދަލުގައި މާލޭގައި ހުރި ހޮސްޕިޓަލް ތަރައްގީކުރުން،" ރައީސް ވިދާޅުވި އެވެ.
ގޮންޖެހުންތައް ފާހަގަކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވާނެ ކަމަށެވެ.
ކުރީގެ ހެލްތު މިނިސްޓަރުގެ އަގު ވަޒަންކުރައްވައި ރައީސް ވިދާޅުވީ އެއިރެއްގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތަށް ސިއްހީ ހިދުމަތް ދިނުމަށް އެ ވަޒީރުން ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. ރާއްޖެ ދުށް ބޮޑެތި ރޯގާތަކާއި ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ވަޒީރުން ކުރައްވާފައިވަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީގެ ބައެއް ހެލްތު މިނިސްޓަރުން ކަމަށްވާ ޑރ. އައިމިނަތު ޖަމީލާއި މުއުމިނާ ހަލީމް އަދި އަނީސާ އަހުމަދު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އާއްމު ސިއްހީ ހިދުމަތުގައި ރާއްޖެ ކުރިއަރައި ދިޔައީ ވިސްނުންތެރިކަމާއި ހިދުމަތްތެރިކަމާ އެކު ތިބޭފުޅުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން،" ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތައް ރާއްޖެ އިން ނައްތާލާފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.
ފަންޑިތަވެރިކަމާއި ދިވެހި ބޭހުން ފަރުވާ ހޯދަމުން ދިޔަ ދިވެހިންނަށް ޑޮކްޓަރީ ބޭސްވެރިކަން ތައާރަފު ކުރުން އޭރު ވެގެން ދިޔައީ ބޮޑު ގޮންޖެހުމެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އަންހެން ވަޒީރު، މޫމިނާ ހަލީމާއި މުހައްމަދު މުސްތަފާ ހުސައިން ފަދަ ބޭފުޅުންނަށް އޭރު ދިމާވި ގޮންޖެހުންތަކާއި ތަޖުރިބާތަކަކީ މިއަދު މުހިންމު ކަންކަން ކަމަށެވެ.
ބޮޑެތި ރޯގާތަކާއި ސިއްހީ އެކިއެކި ކަންކަން ހައްލު ކުރިއިރު އޭރު ރާއްޖޭގެ ހާލަތާއި ވަސީލަތްތައް ހުރިގޮތް މިއަދުގެ ޖީލަށް އިހުސާސް ނުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ކުރީގެ ވަޒީރުން ލަފާ ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި 18 ބޭފުޅަކު ވަނީ ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭގެ ތެރެއިން 13 ބޭފުޅަކު މިހާރު ވެސް ދުނިޔޭގައި އެބަ ތިއްބެވި އެވެ. މިހާރު ބަނޑޮހުގައި ކުރިއަށްދާ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވި ކުރީގެ މިނިސްޓަރުންގެ ތެރޭގައި މޫމިނާ ހަލީމާއި މުހައްމަދު މުސްތަފާ ހުސައިނާއި އަހުމަދު އަބްދުﷲގެ އިތުރުން އަނީސާ އަހުމަދާއި ޑރ. އައިމިނަތު ޖަމީލާއި ޑރ. އަހުމަދު ޖަމްޝީދުގެ އިތުރުން ޑރ. މަރިޔަމް ޝަކީލާ ހިމެނެ އެވެ. އަދި އަހުމަދު ޒުހޫރާއި އިރުތިޝާމް އާދަމްގެ އިތުރުން އަހުމަދު ނާޒިމް ވެސް އެ ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މިހާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސިއްހީ ދާއިރާގެ ހިދުމަތްތެރިން އެއް މޭޒަކުން ބައްދަލުކުރުމަކީ ލިބިގެން ދިޔަ ބޮޑު ނަސީބެއް ކަމަށެވެ. ޒަމާނާއި ވިސްނުމާއި ފިކުރު ބަދަލުވެފައިވާއިރު އެބޭފުޅުންގެ ތަޖުރިބާއަކީ ކުރިމަގަށް ކަންކަން ރޭވުމަށް ބަލާއިރު މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުރީގެ ހެލްތު މިނިސްޓަރުންގެ ސަމިޓުގައި މިހާރުގެ ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"އެބޭފުޅުންގެ އަގުހުރި ތަޖުރިބާއަކީ ގައުމުގެ އަގުހުރި ރައުސްމާލު ކަމުގައި އަޅުގަނޑު ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަށް ޑޮކްޓަރީ ބޭސްވެރިކަން ތައާރަފުވީ ވޯރާ ވިޔަފާރިވެރިންގެ ފަރާތުންނެވެ. އެއީ 1931 ގަ އެވެ. ރާއްޖޭގައި ފުރަތަމަ ހޮސްޕިޓަލެއް ގާއިމުކުރީ 1948 ވަނަ އަހަރުގަ އެވެ. އޭގެ 33 އަހަރު ފަހުން ރާއްޖޭގައި ދިވެހި ޑޮކްޓަރެއް ދިވެހިންނަށް ހިދުމަތް ދޭން ފެށި އެވެ. އެއީ ޑރ. އަބްދުﷲ އަބްދުލް ހަކީމް (އެންޑީ އަބްދުﷲ) އެވެ. އަދި 1960 އިން ފެށިގެން އަތޮޅު ތެރެއަށް ސިއްހީ ނިޒާމު ފުޅާކުރަން ފެށި އެވެ. އޭރު އަތޮޅު ތެރޭގައި ފަރުވާ ދެމުން ދިޔައީ ފަންޑިތައާއި ކިޔެވެލިތަކުގެ އެހީގަ އެވެ.
ހުރިހާ ބަހެއް ބުނާނީ ސިއްހީ ދާއިރާގެ މީހުން: ރައީސް
މޯބައިލް ލެބޯރެޓަރީގެ ޚިދުމަތް ފަށައިފި
އާ ހޮސްޕިޓަލް ބޭނުންކުރަން ފެށޭނީ އަހަރުގެ މެދުތެރޭގައި
ޑަބްލިއުއެޗްއޯއާއެކު ހިންގީ ރަސްމީ މުއާމަލާތެއް: އަމީން
10 އަހަރު ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން
މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން
ހެލްތު މިނިސްޓްރީ ދިފާއުވުން ވެސް ނަޝީދަށް ގޯސް
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން: ހެލްތު
ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ބެލެހެއްޓޭނެ: އަމީން
6ރަށެއްގައި ކޮވިޑަށް ޓެސްޓުކުރާނެ ކާޓްރިޖް ހަދިޔާކޮށްފި