Roadha Mihaaru
ފްރެޑީ ތޫފާންގެ ސަބަބުން 200 އަށް ވުރެ ގިނަ މަރު

ފްރެޑީ ތޫފާންގެ ސަބަބުން 200 އަށް ވުރެ ގިނަ މަރު

15 މާޗް 2023

މީގެ މަހަކަށް ވުރެ ގިނަ ދުވަސް ކުރިން އޮސްޓްރޭލިޔާގެ އުތުރުން ކަނޑުގެ ސަރަހައްދުގައި އުފެދުނު ބާރުގަދަ ތޫފާން ފްރެޑީ، އެފްރިކާގެ ދެކުނު އައްސޭރިއަށް ދެ ވަނަ ފަހަރަށް އިއްޔެ އެރި އިރު، އެ ސަރަހައްދުގެ ގައުމުތަކުން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މީގެ މަހަކަށް ވުރެ ގިނަ ދުވަސް ކުރިން އޮސްޓްރޭލިޔާގެ އުތުރުން ކަނޑުގެ ސަރަހައްދުގައި އުފެދުނު ބާރުގަދަ ތޫފާން ފްރެޑީ، އެފްރިކާގެ ދެކުނު އައްސޭރިއަށް ދެ ވަނަ ފަހަރަށް އިއްޔެ އެރި އިރު، އެ ސަރަހައްދުގެ ގައުމުތަކުން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މަލާވީން ބުނި ގޮތުގައި ތޫފާން އެރުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ އަދި ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. ބޮޑުވެފައިވާ ފެންގަނޑުގެ ތެރެއަށް ގެނބިގެންނާއި އެނޫން ހާދިސާތަކުގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 190 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

މި ތޫފާންގެ ސަބަބުން 60000 އަށް ވުރެ ގިނަ މީހުންނަށް ގެއްލުން ލިބިފައިވާ އިރު، ގާތްގަނޑަކަށް 19000 މީހުން މިހާރު ތިބީ ގެދޮރު ނެތި ހާލުގައި ޖެހިފައި ކަމަށް އެ ގައުމުން ބުނެ އެވެ.

އެފްރިކާގެ އިރުދެކުނު އައްސޭރީގައި އޮންނަ މަލާވީ، މަޑަގަސްކަރަ އަދި މޮޒަމްބީކަށް މި ތޫފާން އެރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާތަނަށް 220 އަށް އަރައިފި އެވެ. ފްރެޑީ ތޫފާން އުފެދުނީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު، އޮސްޓްރޭލިޔާގެ އުތުރު ސަރަހައްދުގަ އެވެ.

ބިޔަ އިންޑިއާ ކަނޑު ހުރަސްކޮށް 8000 ކިލޯމީޓަރަށް ވުރެ ދުރަށް ދަތުރުކޮށް، މަޑަގަސްކަރަ އާއި މޮޒަމްބީކަށް މި ތޫފާން އެންމެ ފުރަތަމަ އެރީ، މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގަ އެވެ. އޭގެ ދެ ހަފުތާ ފަހުން މި މަހުގެ 11 ވަނަ ދުވަހު އަނެއްކާ ވެސް މޮޒަމްބީކަށް މި ތޫފާން އަރައި އޭގެ ފަހުން މަލާވީ އަށް ވެސް އިއްޔެ މި ތޫފާން އެރި އެވެ.

އެމެރިކާގެ މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި އޮސްޓްރޭލިޔާ ސަރަހައްދުގައި މިދިޔަ 20 އަހަރުގެ ތެރޭގައި އުފެދުނު އެއްވެސް ތޫފާނެއް އިންޑިއާ ކަނޑު ހުރަސްކޮށް އެފްރިކާއާ ހަމައަށް ފޯރާފައެއް ނުވެ އެވެ.

ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި، ތޫފާންތަކުގެ ރެކޯޑްތައް ބަލަހައްޓަން ފެށިފަހުން، މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ތޫފާނަކީ ފްރެޑީ ތޫފާނެވެ. މީގެ ކުރިން، އެންމެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ތޫފާންކަމަށް ރެކޯޑް ކުރެވިފައިވަނީ، 1994 ވަނަ އަހަރު ޕެސިފިކް ކަނޑުގައި އުފެދި 31 ދުވަހަށް ދެމިގެން ދިޔަ ޖޯން ތޫފާނެވެ.