Roadha Mihaaru
ލީބިޔާއިން 5000 މީހުން މަރުވި ކަމަށް ބެލެވޭ

ލީބިޔާއިން 5000 މީހުން މަރުވި ކަމަށް ބެލެވޭ

13 ސެޕްޓެމްބަރ 2023

މެޑިޓެރޭނިއަން ކަނޑުގައި އުފެދުނު ބާރު ގަދަ ތޫފާން ޑެނިއަލް، ލީބިޔާ އަށް އެރުމުގެ ސަބަބުން ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމާ ގުޅިގެން، މަރުވި މީހުންގެ އަދަދު މިހާތަނަށް 5000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މެޑިޓެރޭނިއަން ކަނޑުގައި އުފެދުނު ބާރު ގަދަ ތޫފާން ޑެނިއަލް، ލީބިޔާ އަށް އެރުމުގެ ސަބަބުން ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމާ ގުޅިގެން، މަރުވި މީހުންގެ އަދަދު މިހާތަނަށް 5000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އޭގެ އިތުރުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ދިހަ ހާހަށް ވުރެ މަތިވާނެ ކަމަށް ވެސް، މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތަކުންނާއި، ހާލުގައި ޖެހިފައިވާ އާއިލާތަކުން އަންދާޒާކުރެ އެވެ. މިހާ ގިނަ އަދަދެއްގެ ބަޔަކު މަރުވެ އަދި ގެއްލިގެން ދިޔައީ، ޑެނިއަލް ތޫފާނުގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ދެ ކޯރެއްގައި ހަދާފައި ހުރި ދެ ޑޭމް ހަލާކުވެ މީހުން ދިރިއުޅޭ ސަރަހައްދަށް ފެންގަނޑު ބަންޑުންވުމުގެ ސަބަބުންނެވެ.

ޑެނިއަލް ތޫފާން ލީބިޔާގެ އެއްގަމަށް އެރުމާ އެކު އެންމެ ބޯކޮށް ވާރޭ ވެހުނީ އެ ގައުމުގެ އިރުމަތީ ސަރަހައްދުގެ ބަނދަރު ސަހަރެއް ކަމަށްވާ ދަރްނާ އަށެވެ. ކޯރު ބަންޑުންވެ ސަހަރު ތެރޭގައި އުފެދުނު ފެންގަނޑު، ބާރު އޮޔާއެކު މެޑްޓެރޭނިއަން ކަނޑުގެ ތެރެއަށް ފައިބައިގެން ދިޔަ އިރު، އެ ސަހަރުގެ ގިނަ އަދަދެއްގެ ބަޔަކު ފެންގަނޑާއެކު ކަނޑުގެ ތެރެއަށް ދަމައިގަތީ ކަމަށް ބެލެވެ އެވެ.

ލީބިޔާގެ ދެކޮޅުގައި ދެ ސަރުކާރު އޮންނަ އިރު، އިރުމަތީގައި އޮންނަ ސަރުކާރުގެ ދާޚިލީ ވުޒާރާ އިން ބުނި ގޮތުގައި ދަރްނާގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އެންމެ މަދުވެގެން ވެސް 5300 އަށް އަރައިފިކަން މިހާރު ކަށަވަރު ކުރެވެ އެވެ. އޭގެ އިތުރުން ދަރްނާ އިން ގެއްލިފައިވާ މީހުންގެ އަދަދު ވެސް 6000 އަށް ވުރެ މަތިވެފައިވާ ކަން ޔަގީން ކުރެވެ އެވެ.

ދަރްނާގެ އިތުރުން، އިރުމަތީގެ އެހެން ސަރަހައްދުތަކުން ގެއްލުނު މީހުންގެ އަދަދު 4000 އަށް ވުރެ އިތުރުވާނެ ކަމަށް ވެސް ދާޚިލީ ވުޒާރާ އިން ބުންޏެވެ. ދަރްނާ އާއި ކައިރީގައި އެހެން ސަރަހައްދުތަކުގެ ހުރިހާ މޯޗަރީތައް ފުރިފައިވުމުގެ ސަބަބުން، މަރުވެފައިވާ މީހުންގެ ހަށިތައް ކުނިވެދާނެ ކަމުގެ ބިރަށްޓަކައި، ބޮޑެތި ވަޅުގަނޑުތަކުގައި މީހުން ވަޅުލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ދަރްނާގެ ބައެއް މަގުތަކާއި ފެންބޮޑުވި ސަރަހައްދުގައި ހުރި އިމާރާތްތަކުގެ ތެރޭގައި ވެސް މަރުވެފައިވާ މީހުންގެ ހަށިތައް އެބަހުރި ކަމަށާއި، އެ ހަށިތައް ނަގައި ވަޅުލާނެ ބަޔަކު ވެސް ނެތް ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ދަރްނާ އަށް ކުރިމަތިވި މި ހިތާމަވެރި ކާރިސާގައި، އެ ސަހަރު އެކުގައިގެން ފެނާއެކު ކަނޑަށް ފައިބައިގެން ގޮސްފައިވާތީ، ދިރި ތިބި މީހުން އެ ސަހަރުގައި ވަރަށް މަދެވެ.

ދަރްނާ އަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ، އެ ސަހަރުގެ ތެރެއިން މެޑްޓްރޭނިއަން ކަނޑަށް ދެމިފައި އޮންނަ ދެ ކޯރެއްގައި ހަދާފައިވާ ދުވަސްވީ ދެ ޑޭމެއް ހަލާކުވެ އެ ދެ ޑޭމް ހުރި ސަރަހައްދަށް ކޯރުގެ ފެންގަނޑު ބަންޑުން ވުމުގެ ސަބަބުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކޯރު ބަންޑުންވުމުގެ ސަބަބުން، ބޮޑު ސަރަހައްދެއްގައި ވަނީ 10 ފޫޓަށް ވުރެ މައްޗަށް ފެންގަނޑު ބޮޑުވެފަ އެވެ.

ދަރްނާގައި ބޮޑުވި ފެންގަނޑު ބާރު އޮޔާއެކު މެޑްޓެރޭނިއަން ކަނޑުގެ ތެރެއަށް ފައިބައިގެން ދިޔަ އިރު، ގެއްލިފައިވާ އެންމެންނަކީ ވެސް އެ ފެންގަނޑާއެކު ކަނޑުގެ ތެރެއަށް އޮޔާ ގޮސްފައިވާ މީހުން ކަމަށް ބެލެވެ އެވެ.

ދަރްނާ ސަހަރަކީ ވަށައިގެން ފަރުބަދަތައް ހިމެނޭ ވާދީއެއްގެ ތެރޭގައި އޮންނަ ސަހަރަކަށް ވުމާއެކު، ކޯރު ބަންޑުންވުމުގެ ސަބަބުން ބޮޑުވި ފެންގަނޑު، މެޑްޓެރޭނިއަން ކަނޑުގެ ތެރެއަށް ފައިބައިގެން ގޮސް ހުސްވަންދެން، ގިނަ ވަގުތުތަކެއް ވަންދެން އެ ސަހަރުގެ ތެރޭގައި ހިފެހެއްޓިފައި އޮތެވެ. ބާރު އޮޔާއެކު ފެންގަނޑު ދަތުރު ކުރަމުން ދިއުމުގެ ސަބަބުން އެ ސަހަރުގެ ވަރަށް ގިނަ ގެތައް ވެއްޓި، އެތައް ހާސް އެއްގަމު އުޅަނދެއް ވެސް ވަނީ އޮޔާއެކު ކަނޑުގެ ތެރެއަށް ގޮސްފަ އެވެ.

ކޯރު ބަންޑުންވެ ދަރްނާ ސަހަރުގައި ފެން ބޮޑުވެގެން ދިޔައީ ދަންވަރު މީހުން ނިދާފައި ތިބި ވަގުތު ކަމަށްވާތީ، އެ ހާދިސާ އިން ސަލާމަތްވާން މަސައްކަތް ކުރުމަށް އެކަށޭނަ ވަގުތެއް ވެސް ގިނަ މީހުންނަށް ނުލިބޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޑެނިއަލް ތޫފާންގެ ސަބަބުން ފެން ބޮޑުވެފައިވާ ސަރަހައްދުން ކަރަންޓާއި އިންޓަނެޓްގެ ޚިދުމަތް ކެނޑިފައިވާތީ، އެ ސަރަހައްދުގެ އާންމު ހާލަތު މިހާރު ހުރި ގޮތް ސާފު ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ގިނަ އަދަދެއްގެ ގެދޮރު ހަލާކުވެފައިވާތީ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.