Roadha Mihaaru

ޓްރަމްޕްގެ ހުވާކުރެއްވި ރަސްމިއްޔާތުން ފާހަގަވި ސްޓައިލްތައް

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެޑައިގަތުމުގެ ރަސްމިއްޔާތު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަގުތުން ބެލިއިރު އޭނާގެ ވާހަކަފުޅާއި ގެންގުޅުއްވި ހަރަކާތްތައް އަދި އަނބިކަނބަލުން މިލާނިއާ އާއި ދަރިކަނބަލުން އިވަންކާ އަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.

ޓްރަމްޕު ހުވާކުރެއްވި ރަސްމިއްޔާތުން ފާހަގަވި ސްޓައިލް
ފާތިމަތު މުނާލް ޝުޖާއު
ފާތިމަތު މުނާލް ޝުޖާއު

23 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެޑައިގަތުމުގެ ރަސްމިއްޔާތު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަގުތުން ބެލިއިރު އޭނާގެ ވާހަކަފުޅާއި ގެންގުޅުއްވި ހަރަކާތްތައް އަދި އަނބިކަނބަލުން މިލާނިއާ އާއި ދަރިކަނބަލުން އިވަންކާ އަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.

ވެރިކަން ނިމުމަކަށް އައި ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ ފަދަ ޝަހްސިއްޔަތުތަކުގެ ސްޓައިލަށް ވެސް މި ރަސްމިއްޔާތަށް ފަހު ފާޑުކިޔުންތައް ރައްދުވި އެވެ. އެމެރިކާގެ ރައީސުން ހުވާކުރާ ރަސްމިއްޔާތަކަށް ހެދުން ސްޓައިލްކޮށްފައި ހުންނަ ގޮތަކީ ވަރަށް މުހިއްމު ކަމެއް ގޮތުގައި ތާރީހް ދިރާސާ ފަރާތްތަކުން ގަބޫލު ކުރެ އެވެ. އެގޮތުން، މުހިއްމު ޝަހުސިއްޔަތުތައް ތުރުކުރައްވާ ކުލަ އާއި ސްޓައިލުން ވަރަށް ގިނަ މެސެޖު ދޭހަ ކޮށްދޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެމެރިކާގެ 45 ވަނަ ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރެއްވި އިރު ތުރުކުރައްވައިގެން ހުންނެވީ ޓްރަމްޕްގެ "ސިގްނެޗާ" ސްޓައިލަށް؛ ރަތް ޓައީއަކާއި ހުދު ގަމީހެއް އަދި ކަޅު ކޯޓެކެވެ. ޓްރަމްޕްގެ އަނބިކަނބަލުން މިރަސްމިއްޔާތައް ތުރުކުރައްވާނެ ހެދުމަކާ ބެހޭ ގޮތުން މާކުރިންސުރެ ގިނަ ބަޔަކު ބަހުސް ކޮށްފައިވެ އެވެ. މިލޭނިއާ ޓްރަމްޕް ރަސްމިއްޔާތަށް ނެންގެވީ ތާރީހީ ގޮތުން ވަރަށް މުހިއްމު ސްޓައިލެކެވެ. އެއީ އެމެރިކާގެ އެންމެ ބޮޑު ބްރޭންޑް ރެލްފް ލައުރަންގެ މަޑު ނޫ ކުލައިގެ ކޯޓަކާއި އަންގި އަދި ބޫޓެވެ. މިއީ ރައީސް ޖޯން އެފް ކެނެޑީ ރައީސްކަމުގެ ހުވާ ކުރެއްވި އިރު، އަނބިކަނބަލުން ޖެކީ ތުރުކުރެއްވި ސްޓައިލްގެ ނަކަލެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

މިލޭނިއާ މި ސްޓައިލް ގަސްތުކުރެއްވީ، ޓްރަމްޕްގެ "މޭކް އެމެރިކާ ގްރޭޓް އެގެއިން" ކެމްޕޭނަށް ސަޕޯޓުކުރެއްވުމުގެ ގޮތުން ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި މިއީ ބަރަކް އޮބާމާ ރައީސް ކަމަށް ހުވާކުރެއްވި އިރު މިޝޭލް ތުރުކުރެއްވި ސްޓައިލާ ވަރަށް ތަފާތު ގޮތެއް ކަމަށް ވެސް ފާހަގަވި އެވެ. އެގޮތުން މިޝޭލް ތުރުކުރެއްވީ އެކި ނަސްލުގެ ޑިޒައިނަރުން ފަރުމާކޮށްފައިވާ ހެދުމާއި އެކްސެސަރީޒް އެވެ. އެއީ މިޝޭލް 8 އަހަރު ވަންދެން ފަސްޓް ލޭޑީ ގޮތުގައި ހިދުމަތް ކުރެއްވި އިރު، ހެދުން އެޅުއްވުމުގައި ގެންގުޅުއްވި ސިޔާސަތު ވެސް މެ އެވެ. މިއާ ހިލާފަށް މިލޭނިއާ ޚިޔާރުކުރެއްވީ އެންމެ ޑިޒައިނަރެއްގެ މަސައްކަތެވެ. އެއީ ރެލްފް ލޯރަންގެ މަސައްކަތެވެ.

ޑޮނަލްޑް ޓްރަމްޕް (ކ-2) ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގަތުމުގެ ކުރިން އަނބިކަނބަލުން މިލާނިއާ (ވ-2) އާ އެކު ރައީސް ބަރަކް އޮބާމާގެ ދެ ކަނބަލުންނާ އެކު ވައިޓް ހައުސްގައި: މިޝޭލް ތުރުކުރައްވައިގެން ހުންނެވީ ޑިޒައިނާ ޖޭސަން ވޫގެ ރަތް ހެދުމެއް

ޑޮނަލްޑް ޓްރަމްޕް (ކ-2) ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގަތުމުގެ ކުރިން އަނބިކަނބަލުން މިލާނިއާ (ވ-2) އާ އެކު ރައީސް ބަރަކް އޮބާމާގެ ދެ ކަނބަލުންނާ އެކު ވައިޓް ހައުސްގައި: މިޝޭލް ތުރުކުރައްވައިގެން ހުންނެވީ ޑިޒައިނާ ޖޭސަން ވޫގެ ރަތް ހެދުމެއް

ރަސްމިއްޔާތަށް ވަޑައިގެންނެވި ކުރީގެ ފަސްޓް ލޭޑީއިންގެ ތެރޭގައި މިޝޭލްގެ އިތުރުން ހިލަރީ ކްލިންޓަން ހިމެނެ އެވެ. މިޝޭލްގެ ރަތް ކޯޓު ފަރުމާކޮށްފައި ވަނީ ޖޭސަން ވޫ އެވެ. އަދި ޓްރަމްޕާ ވާދަކުރެއްވި ޑިމޮކްރެޓިކް ކެނޑިޑޭޓް ހިލަރީ ތުރުކުރައްވައިގެން ހުންނެވީ ހުދު ސޫޓާއި ފަޓުލޫނެކެވެ. ހިލަރީގެ މި ސްޓައިލުން ވަރަށް ބޮޑު މެސެޖެއް ދޭކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. ހުދު ކުލަ އަކީ ހިލަރީގެ ކެމްޕޭނު ބަހުސްތަކުގައި ވެސް ތުރުކުރެއްވި ކުލަ އެކެވެ. އަދި ހުދު ކުލަ އަކީ ތާރީހީ ގޮތުން ވަރަށް ބޮޑު ރޯލެއް ކުޅޭ ކުލަ އެކެވެ. ސިޔާސީ ކަންކަމުގައި ވޯޓު ލުމުގެ ހައްގު އަންހެނުންނަށް ހޯދަން އަދި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ކުރި އެކި ހިނގާލުންތަކާއި މުޒާހަރާތަކުގައި ބޭނުންކޮށްފައި ވަނީ ހުދުކުލަ އެވެ.

ޓްރަމްޕްގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ހިލަރީ އާއި ފިރިކަލުން ބިލް ކްލިންޓަން

ޓްރަމްޕްގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ހިލަރީ އާއި ފިރިކަލުން ބިލް ކްލިންޓަން

ހިލަރީ ކްލިންޓަންގެ އިތުރުން ޓްރަމްޕްގެ ދެ އަންހެން ދަރިކަނބަލުން ތުރުކުރައްވައިގެން ތިއްބެވީ ހުދު ކުލައިގެ ކޯޓެވެ. މިއީ ކިހިނެއް ރާވައިގެން ކޮށްފައިވާ ކަމެއްތޯ، ނުވަތަ ކޮން ކަހަލަ މެސެޖެއް ދޭން ސްޓައިލް ކުރި ގޮތެއްތޯ ގިނަ ބަޔަކު ސުވާލު ކޮށްފައިވެ އެވެ. ބައެއް އޮންލައިން މަޖައްލާތަކުން ބުނާ ގޮތުގައި މިއީ އަންހެނުންގެ ފިކުރުތަކަށް ތާއީދުކުރުމުގެ ގޮތުން ހިޔާރު ކުރި ސްޓައިލެކެވެ.

ފެޝަން އާއި ސްޓައިލް ނުވަތަ އެމީހެއް ހުށަހަޅައިދޭ ގޮތަކީ ކޮންމެ ދާއިރާއެއްގައި ވެސް ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެކެވެ. ހާއްސަކޮށް މިޒަމާނުގައި ވިޝުއަލީ ނުވަތަ ލޮލަށް ފެންނަ ކޮންމެ އެއްޗެއް ވެސް ވަރަށް ފުރިހަމަ ކޮށް ސިފަކޮށްދޭން ޖެހެ އެވެ. އެގޮތުން ފެޝަނަކީ ހަމައެކަނި ރީތިކޮށް ހެދުން އެޅުމެއް ނޫނެވެ. ހިލަރީ ކްލިންޓަން ފަދައިން، ސްޓައިލް ބޭނުންކޮށްގެން ވަރަށް ވަރުގަދަ އުއްމީދާއި ޖޯޝު އައު ކުރާ މެސެޖު ވެސް ސްޓައިލުން ދެވިދާނެ އެވެ.