Roadha Mihaaru

ޓްރަމްޕުގެ ސިޔާސަތާ ދެކޮޅަށް މުސްލިމެއްގެ ފެޝަން ޝޯއެއް

19 ފެބުރުއަރީ 2017

ނިއު ޔޯކްގައި ކުރިއަށްދާ ފޯލް ވިންޓާ ފެޝަން ވީކް މިފަހަރު ވަރަށް ތަފާތެވެ. ޑިޒައިނަރުން ފަރުމާކޮށްފައިވާ ހެދުންތައް ދައްކާލުމުގެ އިތުރުން އެމީހުންގެ ސިޔާސީ ފިކުރުތައް ވެސް ފެނިގެން ދިޔަ އެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

ނިއު ޔޯކްގައި ކުރިއަށްދާ ފޯލް ވިންޓާ ފެޝަން ވީކް މިފަހަރު ވަރަށް ތަފާތެވެ. ޑިޒައިނަރުން ފަރުމާކޮށްފައިވާ ހެދުންތައް ދައްކާލުމުގެ އިތުރުން އެމީހުންގެ ސިޔާސީ ފިކުރުތައް ވެސް ފެނިގެން ދިޔަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާ ދެކޮޅު ހަދައި، އަންހެނުންގެ ހައްގުތަކާ ބެހޭ ގޮތުން ހިޔާލުތައް ފާޅު ކޮށްފައިވެ އެވެ. އެގޮތުން އިންޑޮނީޝިއާގެ ޑިޒައިނަރެއް ކަމަށްވާ އަނީސާ ހަސީބުއާންގެ ޝޯ އަކީ ނިއު ޔޯކްގައި ހުށަހަޅައިފިން ހަމައެކަނި މުސްލިމް ފެޝަން ޝޯ އަށް ވަނީ ވެފަ އެވެ. އޭނާގެ ޝޯގައި ބޭނުންކޮށްފައި ވަނީ ބުރުގާ އަޅައިގެން ތިބި އެމެރިކާގައި ދިރިއުޅޭ، އެކަމަކު އެހެން ގައުމުތަކަށް ނިސްބަތްވާ މޮޑެލްސް އެވެ. މިއީ އެމެރިކާ އަށް އެހެން ގައުމުތަކުގެ މީހުން ހިޖުރަކުރުމާއި މުސްލިމުންނާ ދެކޮޅަށް އެމެރިކާގެ މިހާރުގެ ރައީސް ގެންގުޅުއްވާ ސިޔާސަތަށް ދިން ރައްދެކެވެ.

ފެޝަނަކީ އެއްވެސް ތަފާތު ކުރުމެއް ނެތް، ކޮންމެ މީހަކަށް ވެސް ފުރުސަތު ލިބެންޖެހޭ ދާއިރާއެއް ކަމަށް އަނީސާ އޭނާގެ ޝޯގައި ބުނެފައިވެ އެވެ.

އިންޑޮނީޝިއާގެ ޑިޒައިނާ އަނީސާ ނިއު ޔޯކްގައި ދައްކާލި ފެޝަން ޝޯ

އިންޑޮނީޝިއާގެ ޑިޒައިނާ އަނީސާ ނިއު ޔޯކްގައި ދައްކާލި ފެޝަން ޝޯ

މިއަހަރުގެ ކަލެކްޝަނަށް އޭނާ ދީފައިވާ ނަމަކީ "ޑްރާމާ" އެވެ. އަންހެނުންނަކީ އެކި މިޒާޖާއި އިހުސާސްތައް ގެންގުޅޭ ބަޔަކަށް ވިޔަސް، އަންހެނުންނަކީ ވަރަށް ހިތްވަރުގަދަ ބައެއް ކަމަށް އަނީސާ ބުނެފައިވެ އެވެ. އަދި މިއީ އޭނާގެ ކަލެކްޝަނުން ދޭން ބޭނުންވި މެސެޖެވެ. އެކި ވައްތަރުގެ ދިގު ހެދުން، ކޭޕްސް އަދި ސްވަރޮވްސްކި ކްރިސްޓަލް ހަރުކޮށްފައިވާ ކަފްތާން އަދި ސްކާޓްވެސް އޭނާގެ ޝޯގައި ދައްކާލި އެވެ. އަދި މިޝޯއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަރުހީބު ލިބިފައިވެ އެވެ.

އަނީސާ ހަސީބުއާން

މުސްލިމުންނަކީ ޓެރަރިސްޓުން ނޫން ކަމާއި އެއްބައިވަންތަ އަދި އެކުވެރި ބައެއް ކަމަށް އަނީސާގެ ޝޯއިން ދައްކާދޭން ބޭނުންވި ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި މުސްލިމު އަންހެނުންނަކީ ރީތިކޮށް ހެދުން އެޅުމަށާއި ފެޝަނަށް އަދި އެކި ވައްތަރުގެ މަސައްކަތް ކުރާ ބައެއްކަން ވެސް އޭނާ ދައްކާދޭން ބޭނުންވި އެވެ.

މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ ޖަރީމާތަކާ ދެކޮޅަށް ކޮންމެ މީހަކަށް ވެސް ހިޔާލު ފާޅު ކުރެވޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އެގޮތުން، ފެޝަނަކީ ވެސް އެމީހެއްގެ ހިޔާލާއި ފިކުރު ފާޅުކުރަން ބޭނުން ކުރެވޭނެ ވަރަށް މުހިއްމު ވަސީލަތެއް ކަމަށް ބުންޏެވެ.