Roadha Mihaaru
މޮނިޓަރުންނަށް ވެވޭނީ އެކްރެޑިޓް ނޫސްވެރިންނަށް އެކަނި

އިންތިހާބުގައި މޮނިޓަރުންނަށް ވެވޭނީ އެކްރެޑިޓް ކުރާ ނޫސްވެރިންނަށް އެކަނި ކަމަށް ބުނާ އިސްލާހެއް!

19 މާޗް 2023

ރިޔާސީ އިންތިހާބާއި އެހެނިހެން އިންތިހާބުތަކުގައި މޮނިޓަރުންނަށް ވެވޭނީ، އެކްރެޑިޓް ކުރާ ނޫސްވެރިންނަށް އެކަނި ކަމަށް ބުނާ އިސްލާހެއް، އިލެކްޝަން ކޮމިޝަނުން އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅައިފަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރިޔާސީ އިންތިހާބާއި އެހެނިހެން އިންތިހާބުތަކުގައި މޮނިޓަރުންނަށް ވެވޭނީ، އެކްރެޑިޓް ކުރާ ނޫސްވެރިންނަށް އެކަނި ކަމަށް ބުނާ އިސްލާހެއް، އިލެކްޝަން ކޮމިޝަނުން އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅައިފަ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން އެކުލަވާލި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި، އިލެކްޝަން ކޮމިޝަނުގެ ނައިބު ރައިސް އިސްމާއީލް ހަބީބް ވިދާޅުވީ، މޮނިޓަރުންގެ ގޮތުގައި އެކްރެޑިޓް ކޮށްފައިވާ ނޫސްވެރިންނަށް ވެވޭނެ ކަމަށް އިސްލާހު ހުށަހެޅީ މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ކަންކަން ދިމާވެފައިވާ ގޮތުން ކަމަށެވެ.

ވޯޓުލާ މަރުކަޒަށް މޮނިޓަރުންގެ ގޮތުގައި ބައެއް މީޑިއާތަކުން ސިޔާސީ މީހުން ވެސް ފޮނުވާފައިވާ ކަމަށާއި މަރުކަޒުގައި ހަމަނުޖެހުން ހިންގާ ކަމަށް ހަބީބް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވޯޓުލާ މަރުކަޒުގެ ވެރިޔާއާ މާރާމާރީ ހިންގުމާއި ގަވާއިދާ ހިލާފު ބައެއް ކަންކަން ވޯޓްލާ މަރުކަޒުގެ ތެރޭގައި [ހިންގާފައި އެބަހުރި]. މިސާލަކަށް [ވޯޓްލާ މަރުކަޒުގައި] ކެމްޕޭން ކުރުން ކަހަލަ ކަންކަން އެބަހުރި ހިނގާފައި،" ބައެއް މީޑިއާތަކުން ފޮނުވާ މޮނިޓަރުން ކުރާ ކަންކަން ކަމަށް ފާހަގަ ކުރައްވަމުން ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނުގެ ވެރިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރިޔާސީ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނުގެ ވެރިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާ ވިދާޅުވީ އެކަން އެހެން ދިމާވެފައި ވަނީ މޮނިޓަރުންގެ ދައުރު ކޮމިޝަނަށް ކިޔައި ދީފައި ނެތުމުން ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

"އެހެންވީމާ ކޮމިޝަނުން ނިންމީ ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރުގެ ޓްރޭނިން ޕްރޮގްރާމެއް ފޭސް ޓު ފޭސްކޮށް ނުވަތަ އޮންލައިންކޮށް މީޑިއާގެ ފަރާތްތަކަށް ހިންގަން. އެހެންވީމާ މިހާރު މި ދެންނެވި ގޮތަށް އޮންލައިންކޮށް ޓްރޭނިން ޕްރޮގްރާމެއް ހިންގައި، އެ ޓްރޭނިން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތައް އެކްރެޑިޓް ކުރަމުން އަޅުގަނޑުމެން މިދަނީ،" ހަބީބް ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގެ މީޑިއާތަކުން މޮނިޓަރުންގެ ރަޖިސްޓަރީ ކުރާ ފަރާތްތައް ވެސް އެޓެސްޓް ކުރާނީ މައުލޫމާތު ސެޝަންގައި ބައިވެރިވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިސްލާހާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު އަލީ ޔޫސުފް ވިދާޅުވިގޮތުގައި، ނޫސްވެރިން އެކްރެޑިޓް ކުރާނެ މުއައްސަސާ އަކީ ކޮބައިކަން ރާއްޖޭގައި ސާފެއް ނޫނެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ޑެޕިއުޓީ ޗީފް އޮފް ޕާޓީ ފާތިމަތު ރިޝާނާ ވިދާޅުވީ ކޮންމެ ރަށެއްގައި ހުންނަ ކޮންމެ ވޯޓް ފޮއްޓަކަށް ރަޖިސްޓަރީ ކޮށްފައިވާ ނޫސްވެރިއަކު ފޮނުވައިގެން މޮނިޓަ ކުރެވޭނެ ފެންވަރު ދިވެހި މީޑިއާތަކުގައި ނެތް ކަމަށެވެ. އެ އިސްލާހު ފާސް ވެއްޖެ ނަމަ އެއީ މީޑިއާ އަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ރިޝާނާ ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ ސަރުކާރުގެ ނުފޫޒުން އިލެކްޝަން ކޮމިޝަނުން ވަކި ނޫސްތަކެއްގެ ނޫސްވެރިންނަށް އެކަނި މޮނިޓަރުންނަށް ވާން ދެވޭ ފުރުސަތެއް ކަމަށް އެ އިސްލާހުގެ ސަބަބުން ބެލެވޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރިޔާޒާއި ޝިޔާމު --- ފޮޓޯ: ފަޔާޒު މޫސާ

ރިޔާސީ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރިޔާޒާއި ޝިޔާމު --- ފޮޓޯ: ފަޔާޒު މޫސާ

"މިނިވަންކޮށް މަސައްކަތް ކުރާ ނޫސްތަކަކަށް ވެސް މީގެ ހުރަސްތައް ކުރިމަތި ވެދާނެ. ދިވެހިރާއްޖޭގެ ވޯޓްލާ ހުރިހާ ފޮއްޓެއްގެ ކައިރީގައި މޮނިޓަރުން ބަހައްޓަވަން ވިސްނަވާއިރު ކިހިނެއްތޯއޭ އެ ބޭފުޅުންގެ ނޫސް އެޖެންސީތަކުގައި ރަޖިސްޓަރީ ކުރެވިފައި ހުރި ނޫސްވެރިންނަށް އެ އެންމެން ހަދާނީ. އެކަން އެގޮތަށް [ހުރިހާ މޮނިޓަރުންނަކީ ރަޖިސްޓްރީ ކުރާ ނޫސްވެރިންނަށް ހެދުމަކީ] ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ. ގާނޫނުގައި އެކަން އެގޮތަށް ލިޔެފިއްޔާ އެކަން ކުރަން މަޖުބޫރު ވާނެ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ އެ ވާހަކަތަކާ ގުޅިގެން ހަބީބް ވިދާޅުވީ، އެ އިސްލާހާ ބެހޭގޮތުން މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަނާއި ޕާޓީތަކުން ފާހަގަކުރި ކަންބޮޑުވުމަށް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގައި ރިޔާޔަތް ކުރައްވާނެ ކަމަށެވެ.

"ނޫސްވެރިންގެ ބައިގައި މީޑިއާ ކައުންސިލުންނާ އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ހުށަހެޅި ކަންކަމުގެ މައްޗަށް އަޅުގަނޑުމެން ވެސް ގަބޫލު ކުރަނީ މަޖިޅިހުން އެ ބިލުގެ ކޮމިޓީ މަރުހަލާގައި އަޅުގަނޑުމެންނަށް [އިލެކްޝަން ކޮމިޝަނަށް] ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރަނީ،" ހަބީބް ވިދާޅުވި އެވެ.